މިނިސްޓަރު އިމްރާން އަބްދުﷲ

ނަވައިނަވައި މުޒާހަރާ ރޫޅާލުމުގައި ކަން ކުރީ އެންމެ ރަނގަޅަކަށް ނޫން: ހޯމް މިނިސްޓަރު

އިބްރާހިމް ޒަކީ

މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލިސްކުރާ ގޭ ކައިރީގައި، ހިންގި ނަވައިނަވައި މުޒާހަރާ ރޫޅައިލުމުގައި ކަން ކުރެވިފައިވާ ގޮތަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް، ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު ކުރެއްވި ސުވާލުތަކުގެ ތެރެއިން އެ ދުވަހުގެ މުޒާހަރާ ރޫޅައިލުމުގައި ފުލުހުން އަމަލު ކޮށްފައިވާ ގޮތާ ބެހޭގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މުޒާހަރާތައް ރޫޅައިލުމުގައި އަމަލުކުރާ ގޮތް ބަދަލު ކުރުމަށް ދަންނަވާފައިވާނެ ކަމަށެވެ.

""މުޒާހަރާ ރޫޅައިލުމުގައި ކަން ކުރެވިފައިވާ ގޮތް އެއީ އެންމެ ރަނގަޅު ގޮތެއްކަމުގައި އަޅުގަނޑު ނުދެކޭކަމަށް، އަދި އެކަން ބަދަލު ކުރުމަށް ބޭނުން ކަމަށް އަޅުގަނޑު ވާނީ އަޅުގަނޑު ހިތުން ހަމަ އާއްމުންނަށް ފެންނަ ގޮތަށް ދަންނަވައިފަ،" މިނިސްޓަރު ވިދާޅުވިއެވެ.

ނަވައިނަވައި ގެ ފަރާތުން އިންތިޒާމުކޮށްގެން ރައްޔިތުންގެ މަޖިލިސް ކުރާ ގޭގެ ކުރިމަތީގައި ހޯމަ ދުވަހުގެ ހެނދުނު 8:45 އެހާ އިރު ފެށި އިހުތިޖާޖުގެ ބައިވެރީން މާގިނައިރެއް ނުވެ ވަނީ އެތަނުން ދުރަށް ޖައްސައިފަ އެވެ.

ނަވައިނަވައި އިން ބުނެފައިވަނީ އެ މުޒާހަރާގެ ބޭނުމަކީ ރައްޔިތުންގެ މަޖިލިސް ޖަވާބުދާރީ ކުރުވުން ކަމަށެވެ. ކޮވިޑުގެ މި ހާލަތުގައި ރައްޔިތުން ތިބީ ވަރަށް ނިކަމެތި ހާލަތުގައި ކަމަށާއި މަޖިލީހުން އެކަށީގެންވާ ޒިންމާއެއް އަދާނުކޮށް، ސަކަރާތް ޖެހުމުގައި ވަގުތުތައް ދުއްވައިލާ ކަމުގެ ތުހުމަތު ނަވައިނަވައި އިން ވަނީ ކޮށްފަ އެވެ.

އެދުވަހުގެ މުޒާހަރާ ފުރަތަމަ ފެށި އިރު، ބައިވެރީން ތިބީ މަޖިލިސް އިދާރާގެ މައި ގޭޓު ކުރިމަތީގަ އެވެ.