ރައްޔިތުންގެ މަޖިލިސް

800 މިލިއަނުގެ ވަގުފިޔާރި ހުއްޓުވައި އެކަމުގެ ރިޕޯޓު ރައީސް ވަހީދު ފޮރުވާފައިވާ ކަމަށް ބުނެ ބަހުސް ފަށައިފި

އިބްރާހިމް ޒަކީ

1

އެސްޓީއޯ މޯލްޑިވްސް ސިންގަޕޯ ޕްރައިވެޓް ލިމިޓެޑާއި، މޯކޮމް ކުންފުންޏާ ދެމެދު 800 މިލިޔަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރި ކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް، ކުރީގެ ރައީސް މުހައްމަދު ނަޝީދުުގެ ވެރިކަމުގައި ސިންގަޕޫރުގެ ގްރާންތޯންޓަން އިންޓަނޭޝަނަލް ހަވާލު ކޮށްގެން ތަހުގީގު ކުރަމުން ގެންދަނިކޮށް، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެރިކަމަށް ވަޑައިގެން އެ ތަހުގީގު ހުއްޓުވާލައި އޭގެ ބަދަލުގައި ދިވެހި ސަރުކާރުން އެކުންފުންޏަށް ދައްކަން ޖެހުނު 10 މިލިޔަން ޑޮލަރު ދެއްކުމަށްފަހު އެ މައްސަލައިގެ ރިޕޯޓް ގެނެސް އެމަނިކުފާނު ފޮރުވާފައިވާ ކަމަށް ބުނެ، އެ ރިޕޯޓް ހޯދައި މަޖިލީހާ ހަވާލު ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށާއި، ސަރުކާރުގެ މުއައްސަސާތަކަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސް ފަށައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހެވެ.

މައްސަލަ ހުށަހަޅުއްވަމުން ފަލާހު ވިދާޅުވީ، ދައުލަތުގެ ކޮންޓިންޖެންސީ ބަޖެޓުން އެ ފައިސާ ދޭން ނިންމެވީ ރައީސް ވަހީދު ކަމަށާއި، އެކަމުގެ ލިޔެ ކިއުންތައް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ވެސް ހުންނާނެ ކަމަށެވެ.

އެ ކަމުގައި ހުރިހާ މުއާމަލާތްތަކެއް ކުރެއްވީ އޭރުގެ އެޓާނީ ޖެނެރަލް އާއިޝަތު އާޒިމާ ޝަކޫރު ކަމަށާއި، އެކަމުގެ ޒިންމާ އެކަމަނާ ނަންގަވަންޖެހޭނެ ކަމަށާއި، އެކަމުގެ ލިޔެކިއުންތައް އޭޖީ އޮފީހުގައި ހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އެ ފައިސާ ދެއްވީ އޭރުގެ ފިނޭންސް މިނިސްޓަރު އަބުދުﷲ ޖިހާދު ކަމަށާއި، ފިނޭންސް މިނިސްޓްރީގައިވެސް އެކަމުގެ ލިޔެކިއުންތައް ހުންނާނެ ކަމަށާއި، އެފައިސާ ދެއްކެވުމަށް ކުރަންޖެހޭ ކަންތައްތައް ކުރެއްވީ އޭރުގެ އެމްއެމްއޭގެ ގަވަރުނައު، ފަޒީލް ނަޖީބު ކަމަށާއި އެމްއެމްއޭގައިވެސް އެކަމުގެ ލިޔެކިއުންތައް ހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟