ސްޕެނިޝް ލީގުގައި ރޭ އެތްލެޓިކް ބިލްބާއޯ އާއި ބާސެލޯނާ ކުޅުނު މެޗް 1-0 ގެ ނަތީޖާ އަކުން ބާސެލޯނާއިން ކާމިޔާބުކޮށްފިއެވެ.
ރޭގެ މެޗު ފެށިގެން ދެވަނަ މިނެޓުގައި ބާސެލޯނާގެ ޖޯޑީ އަލްބާ ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދަން މަސައްކަތް ކޮށްފައެވެ. ނަމަވެސް އޭނަ ނަގައިދިން ބޯޅައަށް އަރާނެ އެހެން ކުޅުންތެރިން ނެތުމުން އެފުރުސަތު ބާސާއަށް ވަނީ ގެއްލިފައެވެ.
ފުރަތަމަ ހާފްގައި ގަދަފަދަ ބާސެލޯނާއަށް ތާވަލުގެ 10 ވަނައިގައި އޮތް ބިލްބާއޯގެ ގޯލް ފޫއަޅުވައިލެވޭނެ ގޮތެއް ނުވިއެވެ. ބާސެލޯނާގެ ތަރި ލިއޮނަލް މެސީގެ ފަރާތުން މޮޅުކުޅުމެއް ފެނިގެންދިޔަ ނަމަވެސް ޓީމެއްގެ ގޮތުގައި މާރަނގަޅު ކުޅުމެއް އެޓީމަށް ދެއްކިފައެއް ނުވެއެވެ. އެހެން ނަމަވެސް މުޅި މެޗަށް ބަލާއިރު ގިނަ ވަގުތު ބޯޅަ ގެންގުޅެފައިވަނީ ބާސެލޯނާއިންނެވެ. ފުރަތަމަ ހާފް ނިމުނީ ދެޓީމުން ކުރެޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެނެވެ.
ދެވަނަ ހާފު ފެށިގެން މެޗްގެ 54 ވަނަ މިނެޓުގައި ސާޖިއޯ ބުސްކެޓްސްގެ ބަދަލުގައި އިވާން ރަކިޓިކް ކުޅެން އެރުވި އިރު، އެންޓޮނީ ގްރީޒްމަންގެ ބަދަލުގައި އަންސޫ ފަޓީ ވަނީ ކުޅެން ނިކުމެފައެވެ. ގެނައިބަދަލުގެ ފައިދާ ނަގައި މެޗްގެ 71 ވަނަ މިނެޓުގައި ބާސެލޯނާއިން ވަނީ ގޯލެއް ޖަހައި މެޗްގެ ލީޑް ނަގައިފައެވެ. ކެޕްޓަން ލިއޮނަލް މެސީގެ އެހީތެރިކަމާއެކު މި ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އިވާން ރަކިޓިކް އެވެ. މެޗް ނިމިގެންދިޔައީ ގޯލަށް ނުރައްކާ ކުރެވޭ ވަރުގެ ނުރައްކާތެރި މާގިނަ ހަމަލާތަކެއް ނުއުފެއްދި 1-0 ގެ ނަތީޖާއަކުން ބާސާ ކުރީގައި އޮވެގެންނެވެ.
ބާސެލޯނާގެ ކެޕްޓަން މެސީގެ އާ ރެކޯޑް ހަދަން ލިބުނު ފުރުސަތު މިރޭވެސް ވަނީ ނާކާމިޔާބު ވެފައެވެ. އޭނާގެ ފުޓުބޯޅަ ކެރިޔާގައި ޖަހާ 700 ވަނަ ގޯލް ޖެހުމަށް ރޭގެ މެޗުގައި ވެސް މެސީ ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް މެސީއަށް ބިލްބާއޯގެ ގޯލް ފޫއަޅުވައިލެވޭނެ ގޮތެއް ނުވިއެވެ.
ބާސެލޯނާގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ބާސެލޯނާއަށް ހަ ކޯނަރު ލިބިފައިވާއިރު ބިލްބާއޯއަށް ލިބިފައިވަނީ ދެ ކޯނަރެވެ. މި މޮޅާއި އެކު ބާސާ އެއްވަނައިގައި އޮތީ 31 މެޗް ކުޅެ 68 ޕޮއިންޓާއި އެކުއެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް 30 މެޗް ކުޅެގެން ލިބިފައިވަނީ 65 ޕޮއިޓް ލިބިފައިވާއިރު ތިން ވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑަށް 31 މެޗުން ލިބިފައިވަނީ 55 ޕޮއިންޓެވެ. ހަތަރުވަނައިގައި އޮތް ސެވިއްޔާ އަށް ލިބިފައިވަނީ 31 މެޗުން 53 ޕޮއިންޓެވެ.