އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު ދެވަނަ މެޗުގައި ޓޮޓެންހަމް ހޮޓްސްޕާއިން ވެސްޓްހަމް ޔުނައިޓެޑް ބަލިކޮށް ތާވަލުގެ ހަތްވަނައަށް ވަގުތީ ގޮތުން ޖެހިލައިފިއެވެ. ޓޮޓެންހަމް އިން މެޗް ކާމިޔާބުކުރީ 2-0 ގެ ނަތީޖާ އަކުންނެވެ.
ރޭގެ މި ނަތީޖާއާއެކު މިހާރު އަށް ވަނައިގައި އޮތް ޝެފީލްޑް ޔުނައިޓެޑަށްވުރެ އިތުރަށް ޓޮޓެންހަމް އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. މާދަމާ ރޭ ރާއްޖެ ގަޑިން 10:00 ގައި މެންޗެސްޓާ ޔުނައިޓެޑާ އެކު ޝެފީލްޑް ކުޅޭ މެޗުން މޮޅުވެއްޖެނަމަ އަނެއްކާވެސް ހަތްވަނައަށް އެރުމުގެ ފުރުސަތު އެޓީމަށް އެބައޮތެވެ.
ރޭގެ މެޗްގެ ފުރަތަމަ ހާފްގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ޓޮޓެންހަމް އިންނެވެ. އެގޮތުން މެޗްގެ 22 ވަނަ މިނެޓްގައި ލަނޑުޖަހާނެ ބާރު ހަމަލާއެއް ޓޮޓެންހަމް އިން ގޯލާއި އަމާޒުކޮށް ފޮނުވާލި ނަމަވެސް ވެސްޓްހަމްގެ ކީޕަރު ފަބިއަންސްކޭ ވަނީ ކޯނަރަކަށް އެބޯޅަ ފޮނުވާލާފައެވެ.
ޓޮޓެންހަމްގެ ހުއެން މިން ސަން މެޗްގެ 45 ވަނަ މިނެޓުގައި ގޯލެއް ޖެހި ނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ގޯލެއްގެ ކަމަށެވެ. ފުރަތަމަ ހާފް ނިމިގެންދިޔައީ 0-0 އިންނެވެ.
ޓޮޓެންހަމްގެ ފުރަތަމަ ގޯލަކީ ދެވަނަ ހާފްގެ 64 ވަނަ މިނެޓުގައި ވެސްޓްހަމްގެ ތޯމަސް ސޯޗެކްގެ ފައިގައި ޖެހި ބައިކޮޅަށް ވަން ލަނޑެކެވެ. ޓޮޓެންހަމް އަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެވަނަ ހާފުގައި ވެސް ލިބިގެންދިޔައެވެ. އެގޮތުން ލިބުނު ފުރުސަތެއްގައި ހެރީކޭން ވަނީ ޓޮޓެންހަމް އަށް ލީޑު ފުޅާކޮށްދީފައެވެ. މިލަނޑު އޭނާ ޖަހާފައިވަނީ ހުއެން މިން ސަން ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުން ހިފައި މެޗްގެ 82 ވަނަ މިނެޓްގައެވެ.
މުޅި މެޗްގައި ޓޮޓެންހަމް އިން ހަތަރު އޮންޓާގެޓް ޝޮޓް ހަދައިފައިވާއިރު ވެސްޓްހަމް އަށް ހެދިފައިވަނީ އެންމެ ޝޮޓެކެވެ. މުޅިމެޗް ޓޮޓެންހަމް އިން ޑޮމިނޭޓްކޮށްގެން ކުޅެފައިވާއިރު އެޓީމަށް ވަނީ ނުވަ ކޯނަރު ލިބިފައެވެ. ވެސްޓްހަމް އަށް ލިބިފައިވަނީ ހަތަރު ކޯނަރެވެ.
ތާވަލުގައި ވެސްޓްހަމް އޮތީ ފަހަތުން ހަތަރު ވަނައިގައެވެ. 31 މެޗް ކުޅެގެން އެޓީމަށް ލިބިފައިވަނީ 27 ޕޮއިންޓެވެ.