އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލެސްޓަ ސިޓީ އާ ބްރައިޓަން ބައްދަލު ކުރި މެޗް 0-0 ގެ ނަތީޖާ އަކުން އެއްވަރު ވެއްޖެއެވެ.
ރޭގެ މެޗް ފެށިގެން ފުރަތަމަ ހާފުގައި މެޗް ޑޮމިނޭޓްކޮށްގެން ކުޅުނީ ބްރައިޓަން އިންނެވެ. ބްރައިޓަންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ ފުރަތަމަ ހާފުގައި ނަތީޖާ އެޓީމު ކޮޅަށް އަނބުރައިލަން ލިބުނު ފުރުސަތު ވަނީ ނާކާމިޔާބު ވެފައެވެ.
މެޗްގެ 12 ވަނަ މިނެޓުގައި ބްރައިޓަންގެ އާރޮން ކޮނޮލީ އަށް ޕެނަލްޓީ އޭރިއާތެރެއިން ލެސްޓާގެ ޖޭމްސް ޖަސްޓިން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ބްރައިޓަންގެ ނީލް މައުޕޭ ފޮނުވާލި ބޯޅަ ލެސްޓާގެ ގޯލްކީޕަރު ކެސްޕާ ޝްމައިކަލް ވަނީ މަތަކޮށްފައެވެ.
އެ ޕެނަލްޓީ އަށްފަހު މެޗްގެ ފުރަތަމަ ހާފްގައި ގޯލަށް ނުރައްކާވާ ވަރުގެ މާގިނަ ފުރުސަތުތަކެއް ދެޓީމަށް ވެސް ލިބިފައެއް ނުވެއެވެ. ބްރައިޓަންގެ ކުރިޔަށް ކުޅޭ އޭރަން ކޮނޮލީގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މެޗްގެ ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު ބްރައިޓަންގެ މުހިންމު ކުޅުންތެރިއެއް ކަމަށްވާ އެޑަމް ވެބްސްޓާއަށް އަނިޔާވެ އޭނާ ވަނީ މެޗްގެ 24 ވަނަ މިނެޓުގައި ދަނޑުން ބާލައިފައެވެ.
މެޗްގެ ފުރަތަމަ ހާފުގެ ކުޅުމަށްބަލާއިރު 66 އިންސައްތަ ބޯޅަ ހިފަހައްޓައިގެން ގެންގުޅުނީ ބްރައިޓަން އިންނެވެ. ނަމަވެސް ފުރަތަމަ ހާފްގައި އޮންޓާގެޓަށް ފޮނޮވާލި ބޯޅަތަކަށް ބަލާއިރު ބްރައިޓަން އަށްވުރެ ގިނައިން ލެސްޓާއިން ވަނީ އޮންޓާގެޓް ހަދައިފައެވެ. ފުރަތަމަ ހާފް ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްޓީމަކަށް ވެސް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.
ދެވަނަ ހާފްގެ ކުޅުން ފެށިގެން ބްރައިޓަންގެ ކުޅުމުގެ ފޯމޭޝަނަށް ގެނައި ބަދަލާ އެކު އެޓީމުން ނުރައްކާތެރި ހަމަލާތަކެއް އުފައްދަން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައިވެސް ގޯލާ އަމާޒުކޮށް ފޮނުވާލެވުނު ބޯޅަތައް ދެ ޓީމަށްވެސް މަދުކަން ފާހަގަ ވެއެވެ. މުޅި މެޗަށް ބަލާއިރު ގޯލާ އަމާޒުކޮށް ބްރައިޓަން އިން ނުވަ ޝޮޓް ފޮނުވާލާފައިވާއިރު ލެސްޓާއަށް ފޮނުވާލެވިފައިވަނީ 3 ޝޮޓެވެ. މި ހާފުގައި ލެސްޓާއިން ވެސް ވަނީ އެޓީމުގެ ކުޅުން ފުރަތަމަ ހާފަށްވުރެ ވަރަށް ބޮޑުތަން ރަނގަޅުކޮށްފައެވެ.
މިނަތީޖާއާއެކު ތާވަލުގެ ތިން ވަނައިގައި އޮތް ލެސްޓާއާއި ހަތަރުވަނައިގައި އޮތް ޗެލްސީއާ ދެމެދު އޮތީ ހަތަރު ޕޮއިންޓްގެ ތަފާތެކެވެ. ބްރައިޓަން އޮތީ 31 މެޗުން ލިބުނު 33 ޕޮއިންޓާއި އެކު ތާވަލުގެ 15 ވަނައިގަ އެވެ.