އަހުމަދް ހައިލަމް

ހައިލަމް ފުލުހަށް ހާޒިރުކޮށްފި، ތުހުމަތުކުރީ ގާނޫނު ހިންގުމަށް ހުރަސްއެޅި ކަމަށް!

އަލީ ޔާމިން

1

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ފުލުސް އޮފީހަށް ހާޒިރުކޮށްފިއެވެ.

ހައިލަމް ކޯޓަށް ހާޒިރުވެފައިވަނީ މިރޭ 8:00 ގައެވެ.

ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައި އޭނާއަށް ފޮނުވި ޗިޓުގައި ބުނެފައިވަނީ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ލިބިފައިވާ މުއާމަލާތްތަކުގެ ރިޕޯޓުގައި ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ، މެއި 19، 2019 ގައި ހައިލަމްގެ އެކައުންޓަށް 200،000ރ. ފޮނުވާފައިވާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެއީ މަނީ ލޯންޑަރިންއަށް ތުހުމަތުކުރެވޭ ގޮތަށް ހިންގާފައިވާ މުއާމަލާތެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށް ޗިޓުގައި ބުނެފައިވެއެވެ.

ފުލުސް އޮފީހަށް ހާޒިރުވުމަށް ފަހު މީޑިއާތަކަށް ދެއްވި އިންޓަވިޔުއެއްގައި ހައިލަމް ވިދާޅުވީ، ފުލުހުން އޭނާގެ މައްޗަށް ކުރަނީ ފަނޑިޔާރެއްގެ ގޮތުގައި ހުރެ ވިޔަފާރިކުރުމުން ގާނޫނު ތަންފީޒު ކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތު ކަމަށެވެ.

"...، ދެން އަޅުގަނޑުމެން ބަލާ ތުހުމަތު މިކުރެވެނީ ކޮން ކަމަކަށްތޯ. އެއީ ފަނޑިޔާރެއްގެ މަގާމުގައި ހުރެގެން ވިޔަފާރިކުރުމުގެ ތުހުމަތު އަޅުގަނޑުގެ މައްޗަށް މިކުރަނީ. ފުރަތަމަ އަޅުގަނޑު ކުރި ވިޔަފާރިއެއްވެސް ނޯންނާނެ. އަޅުގަނޑު ކުރި ވިޔަފާރި ބެލުމުގެ ކުރިން އަޅުގަނޑުމެން ބަލަން ޖެހޭ ވިޔަފާރި ކުރުން އެއީ މަނާ ކަމެއްތޯ. ބަލާއިރުގައި ފަނޑިޔާރަކަށް ނުވާ މީހަކު ވިޔަފާރި ކުރުން ކުށަކަށް ނުވޭ. އަދި ފަނޑިޔާރަކަށް ވެގެން ވިޔަފާރިކުރުމަށް އޮންނަ ގާނޫނީ ހަމައަކީ ކޮބައިތޯ ބަލަން އެބަޖެހޭ. ފުލުހުން ވިދާޅުވަނީ ފަނޑިޔާރުންގެ ގާނޫނުގެ 29 ވަނަ މާއްދާގެ (ހ)ގެ އަށްވަނަ ނަންބަރުގައި ފަނޑިޔާރަކު ވިޔަފާރި ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައި އެބައޮވެއޭ. އެހެންކަމުން އެ އަސާސާ ހިލާފުވީމަ، ފަނޑިޔާރު ނުކުރަން ބުނެފައި އޮތް ކަމެއް ކުރީމަ ގާނޫނީ އުގޫބާތުގެ 533 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ތުހުމަތޭ އަޅުގަނޑުގެ މައްޗަށް މި ކުރެވެނީ،" ހައިލަމް ވިދާޅުވިއެވެ.

ހައިލަމް ވިދާޅުވީ، ގާނޫނޫ އަސާސީގެ 59 ވަނަ މާއްދާ ބަޔާންކުރާ ގޮތުން ގާނޫނަކުން މަނާ ނުކުރާ ކޮންމެ ކަމެއް ކުރުމަކީ ކޮންމެ މީހަކަށް ލިބިގެންވާ ހައްގެއް ކަމަށެވެ. އަދި ފަނޑިޔާރަކަށްވެ ހުރެ ވިޔަފާރިީގެ އެއްވެސް އަމަލެއް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެފައިނުވާނެ ކަމަށް ވެސް ހައިލަމް ވިދާޅުވިއެވެ.

މީގެ އިތުރުން ހައިލަމް ވިދާޅުވީ، ފުލުހުން އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފައިވާނެ ކަމަށާއި ގާނޫނީ ހަމައަކުން ބަލާނަމަ އެއީ ކުރެވިގެންވާނެ ތުހުމަތުތަކެއްވެސް ނޫން ކަމަށެވެ.

އަލްހާން އަތުން ނެގި 200،000ރ. އަކީ ފަހުން އަނބުރާ ދޭ ގޮތަށް ނެގި ލޯނެއް ކަމަށާއި އެ ފައިސާ އަދި އަލްހާނަށް ދައްކާފައި ނުވާ ކަމަށް ހައިލަމް ވިދާޅުވިއެވެ.

ނަސްރު ދުވަހުގެ ތަހުނިޔާ ފޮނުވުމުގެ ގޮތުން ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ހައިލަމް ފޮނުއްވި ކުރެހުމެއްގެ މައްސަލައިގައި އޭނާ ސަސްޕެންޑުކޮށް ގާޒީކަމުން ވަކި ކުރަން ނިންމާފައިވަނިކޮށް، އޭނާ ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހު އަމިއްލައަށް އިސްތިއުފާ ދެއްވައިފައެވެ. ހައިލަމް ފޮނުވި ކުރެހުމެއްގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އިތުރު ބައެއްގެ ކަރުގައި ވާ ޖަހައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟