ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް މެދުވެރިވުމަށް ފުރުސަތު ނުދިނުމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުވާދު ތައުފީގު ގޮވާލައިފިއެވެ.
ފުވާދު އެހެން ވިދާޅުވެފައިވާ އިރު، މިއަދާއި މާދަމާ ޕީޕީއެމްގެ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. ޕީޕީއެމްގެ ކޮންގްރެސް ބާއްވައިފި ނަމަ، އެ ޕާޓީއަށް ބޮޑެތި ގެއްލުންތަކެއް ވެދާނެތީ، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫނު ވެސް ވަނީ ކޮންގްރެސް ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށް ސިވިލް ކޯޓުގައި އެދިފައެވެ.
ފުވާދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ އަސާސީ ގަވާއިދާ އެއްގޮތަށް، ގޮފިތަކުން ބައިވެރިވެވޭނޭ އިންތިޒާމާއެކު ފުރުސަތު ލިބިގެން ކޮންގްރެސް ބޭއްވުމަކީ ޕީޕީއެމް މެންބަރުންނަށް ލިބިގެންވާ ހައްގެއް ކަމަށާއި އެކަމަށް އިލެކްޝަންސް ކޮމިޝަނާއި ކޯޓުތަކުން ސަމާލުވާން ޖެހޭ ކަމަށެވެ.
ޕީޕީއެމްގެ ކޮންގްރެސް ހުއްޓުވުމަށް ޔުމްނާގެ ފިރިކަލުން އަދި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޗެއާމަން މުހައްމަދު ނަދީމް، އިލެކްޝަންސް ކޮމިޝަނުގައި އެދުނު ނަމަވެސް، އިއްޔެ އެ ކޮމިޝަނުން ނިންމީ ކޮންގްރެސް ހުއްޓުވަން ޖެހޭ ގާނޫނީ އެއްވެސް ހުއްޖަތެއް ނެތް ކަމަށެވެ. އެ ކޮމިޝަނުން ބުނީ ކޮންގްރެސް ހުއްޓުވަން ޖެހޭ ގާނޫނީ އެއްވެސް ހުއްޖަތެއް ނެތް ކަމަށް އެ ކޮމިޝަނުން ކަނޑައެޅީ ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުޝްތަޝާރާ ހަވާލުކުރުމަށް ސިވިލް ކޯޓު ކުރި ހުކުމަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނަށް ނަދީމް ފޮނުއްވި ސިޓީގައި ވަނީ ގައުމީ ޖަލްސާ ބޭއްވުމަށް ޕީޕީއެމް އިން ނިންމާފައިވަނީ ޕާޓީގެ އަސާސީ ގަވާއިދުގެ 33 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ސަބަބެއް މެދުވެރިވެފައި ނުވާ ހާލަތެއްގައި ކަމަށެވެ. އެ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް މެދުވެރިނުވާނަމަ ދެން ހާއްސަ ގޮތުން ބާއްވާ ގައުމީ ޖަލްސާއެއް ބޭއްވެން ގަވާއިދު ޖާގަ ދެނީ ޕާޓީގެ ކައުންސިލުން އެގޮތަށް ފާސްކޮށްގެން ކަމަށް ނަދީމްގެ ސިޓީގައިވެއެވެ.
ސިވިލް ކޯޓަށް ޔުމްނާ ހުށަހެޅުއްވި މައްސަލައިގައި ކޯޓުން ކުރިން ނިންމި ނިންމުމާ ގުޅިގެން ޕީޕީއެމްގެ ކައުންސިލުން ޕީޕީއެމް ހިންގާނީ ޕީޕީއެމްގެ މުސްތަޝާރު ކަމަށް ކަނޑައެޅި ގޮތް، ސިވިލް ކޯޓުގެ ގަޒިއްޔާގައި އެކަށައަޅާފައިވާ އޮތް އުސޫލާއި، ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފުވާތީ، އެ ނިންމުން ބާތިލް ކުރުމަށް ވަނީ އެދިފައެވެ. އަދި ސިވިލް ކޯޓުން ގޮތެއް ނިންމަންދެން، ޕާޓީގެ އާންމު ޖަލްސާއެއް ނުބޭއްވުމަށް ޕީޕީއެމްގެ ކައުންސިލަށާއި މުސްތަޝާރަށް އަންގާ އަމުރުކޮށްދިނުމަށް އެދިފައިވެއެވެ.
ޕީޕީއެމުން މިއަދާއި މާދަމާ ބާއްވާ ކޮންގްރެސްގައި އެ ޕާޓީގެ ރައީސްކަމާއި ނައިބު ރައީސް ކަމަށް ބޭފުޅުން އިންތިހާބު ކުރުމަށް ނިންމާފައިވެއެވެ.