މިމަހުގެ 5 ވަނަ ދުވަހު ތަފާތު އެތައް އަގުބޮޑު ހަދިޔާއަކާ އެކު ފިޓްނެސް މޮޑެލް ފިޓްފާޒިލް ހުޅުވާލި ބޮޑު ގިވްއަވޭ ވީ އެތައް ބައެއްގެ ސަމާލުކަން ލިބުނު ކަމަކަށެވެ. އެ ގިވްއަވޭގައި ވަނީ ވަރަށް ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެފައެވެ.
ފިޓްފާޒިލްގެ އެ ގިވްއަވޭގައި ޒުވާނުންތައް ބައިވެރިވާން ފެށުމުންވެސް ފޭސްބުކުގައި ވަނީ އެކަމަށް ޖޯކް ޖަހައި އެކި ޕޯސްޓްތައް ހިއްސާކޮށްފައެވެ. އެގޮތުން އެ ގިވްއަވޭގައި ހުރި އަގުބޮޑު އެއްޗެހި އަސްލުވެސް ލިބޭނެ ކަމަށް ހީކޮށް އޭގައި ބައިވެރިވާނީ މޮޔައިން ކަމަށް އެއްބަޔަކު ބުނަމުންދިޔައެވެ. ފިޓްފާޒިލް ގުރުއަތުލައި، ގިވްއަވޭ ކާމިޔާބު ކުރާ ފަރާތަށް ހަދިޔާތައް ނުދޭނެ ކަމަށް ބުނެ ވާހަކަ ފެތުރި މީހުންގެ އަނގައިގަ ޓޭޕް އެޅުނީ މީގެ ދެ ރޭ ކުރިން ލަކީޑްރޯއެއް ބޭއްވުމަށްފަހު ގިވްއަވޭ ކާމިޔާބު ކުރި ފަރާތާ ހަދިޔާތައް ހަވާލު ކުރުމުންނެވެ.
ގިވްއަވޭގެ ނަސީބުވެރިޔާ ހޮވިރޭ އޭގައި ބައިވެރި ވި އެންމެން މާޔޫސްވީ އެ އަގުބޮޑު އިނާމުތައް ނުލިބުމުންނެވެ. ފިޓްފާޒިލް އެ ގިވްއަވޭ ނިންމާލިތާ އެއް ރޭ ފަހުން ދެން ފޭސްބުކް ތެރެއިން އަަޑު އިވެމުން ދިޔައީ އެ ގިވްއަވޭ ކާމިޔާބު ކުރި މީހާގެ އިންސްޓަގްރާމު އައިޑީއަކީ ފޭކް އައިޑީއެއް ކަމެވެ. އެހެން ބުނަމުން ދިޔަ މީހުން ސަބަބު ވެސް ދެއްކިއެވެ.
ފާޒިލް އިއުލާން ކޮށްފައިވާ ގޮތުގައި އިނާމު ލިބުނީ އައިޝަތު ޝަރުމީލާގެ ނަމުގައި އިންސްޓަގްރާމުގައި އައިޑީ ހަދާފައިވާ މީހަކަށެވެ. އެހެންނަަމަވެސް ޝައްކު އުފެދޭ ހިސާބަކީ އޭނާ ގިވްއަވޭ ޕޯސްޓްގައި އެއްވެސް އެކުވެރިޔަކު ޓެގް ކޮށްފައި ނުވުމުންނެވެ. އޭގެ ބަދަލުގައި މަޝްހޫރު މޮޑެލް ކައިޒީން ޓެގް ކޮށްފައި އިނެވެ. މީގެ އިތުރުން، އައިޝް ޝަރޫގެ އެ އައިޑީގެ މިއުޗުއަލް ލިސްޓްގައި މީހުންނެއް ނެތެވެ. ފޭސްބުކުގައި އެވާހަކަތައް ފެތުރުމުން އެތައް ބަޔަކު އެ އައިޑީއާއި ފްރެންޑް ލިސްޓު ބެލިއެވެ. ހުދު އަޅުގަނޑުވެސް ބެލީމެވެ. އެކަމަކު ދުރުދުރުން ވެސް ދަންނަ މީހަކު ނެތެވެ.
ސޯޝަލް މީޑިއާގައި ލިބެމުންދާ ނަފްރަތަށް ކެތް ނުވެގެން ފިޓްފާޒިލް ވަނީ ރޭގެ ވަގުތެއްގައި ޝަރުމީލާއަށް ހަދިޔާތައް ހަވާލުކުރި ވީޑިއޯ ހިއްސާކޮށްފައެވެ. އެވީޑިއޯގައި ޝަރުމީލާ ހުރީ މޫނު ބުރުގާ އަޅައިފައެވެ. އެހެންނަމަވެސް އެ ހިސާބުން މީހުން ކުރަމުންދިޔަ ޝައްކު ވީ އިތުރެވެ. ޝަރުމީލާ މޫނު ބުރުގާ އަޅައިގެން ހުރި ނަަމަވެސް އޭނާގެ ބުމަ ފެނެއެވެ. މީގެ އިތުރުން މޫނު ބުރުގާ އަޅާމީހަކު މޫނު ފެންނަ ފޮޓޯ އިންސްޓާއަށް ލާންވީ ކީއްވެ ހެއްޔެވެ؟
މީގެ އިތުރުން ފިޓްފާޒިލް ދިން ގިވްއަވޭގައި ހިމެނޭ ބައެއް ހަދިޔާތަކުގެ ފޮޓޯ އޭނާ ވަނީ ވަކި ވަކިން ހިއްސާކޮށްފައެވެ. މިހާރު ރަނގަޅަށް ބަލާއިރު، އެ ފޮޓޯތަކަކީ ނެޓުން ނަގާފައި ހުރި ފޮޓޯތަކަކާއި ވެސް ވައްތަރެވެ. އެގޮތުން ފާޒިލް ގިވްއަވޭގައި ދިން ހަދިޔާ ތަކުގެ ތެރޭގައި މެކްބުކް އެއާ ގޯލްޑަކާއި، 512 ޖީބީގެ އައިފޯން އެކްސް އެސްއެއް އަދި އެއާޕޮޑެއް ހިމެނެއެވެ.
ގިނަ އާއްމުން ދަނީ ފިޓްފާޒިލް އޮޅުވާލީ ކަމަށް ބުނެ އިންސްޓަގްރާމުން އޭނާ އަންފްލޯވެސް ކުރަމުންނެވެ. ފޭސްބުކް ޓްވިޓަރ އަދި އިންސްޓަގްރާމުގައި އެތައް ބަޔަކު ދަނީ ގިވްއަވޭ ކާމިޔާބު ކުރި ޝަރުމީލާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެ ޝަރުމީލާ ފެނުމުގެ ފުރުސަތު ކުޑަކަމަށް ދެކޭ މީހުން ވަރަށް ގިނަ އެވެ. މިހާރު އެންމެ ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި އެ ބުނާ ޝަރުމީލާއަކީ ވެސް ފިޓް ފާޒިލް އެވެ. ޝަރުމީލާ ވަކީން ނުފެންނާނީ އެހެންވެ އެވެ.