ޓެކްނޮލޮޖީ

އެޕަލް "ވޮޗް އޯއެސް 7" 20 ސިކުންތު ވަންދެން އަތް ދޮންނަން އެހީތެރިވެދޭ

މުހައްމަދު އައުޒަމް

އެޕަލް "ވޮޗް އޯއެސް 7" ގައި 20 ސިކުންތު ވަންދެން އަތް ދޮންނަން އެހީތެރިވެދޭ ފީޗާއެއް ހިމަނައިފިއެވެ.

އެޕަލް އިން ފުރަތަމަ ފަހަރަށް ވާޗުއަލްކޮށް ބޭއްވި ވޯލްޑް ވައިޑް ޑިވެލޮޕާސް ކޮންފަރެންސްގައި އެޕަލް ވޮޗްގެ އޯއެސް އަފްޑޭޓް ވަނީ ދައްކައިލައިފައެވެ.

މިފަހަރުގެ އަޕްޑޭޓް ގައި ތަފާތު ކަންތައްތަކެއް ހިމަނާފައިވާއިރު އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއްކަމަކީ އެޕަލް ވޮޗް އިން އަތް ދޮވުމުގައި އެހީތެރިވެދިނުމެވެ. ދުނިޔެއަށް ދިމާވެފައިވާ ބަލިމަޑުކަމުން ސަލާމަތްވުމަށް ކުރެވޭނެ އެންމެ މުހިއްމު އެއްކަން ކަމުގައިވާ އަތް ދޮވުމަށް އެހީތެރިވެދިނުމުގެ ގޮތުން އެޕަލް ވޮޗް އިން އަތް ދޮންނަން ފަށާ ވަގުތުން ފެށިގެން 20 ސިކުންތު ވަންދެން ވަގުތު ގުނަން ފަށައެވެ. 20 ސިކުންތު ހަމަ ނުވަނީސް ހުއްޓާލައިފިނަމަ އެޕަލް ވޮޗްއިން 20 ސިކުންތު ވަންދެން އަތް ދޮވުމަށް ހަނދާންކޮށްދޭނެއެވެ. މީގެ އިތުރުން ގެއަށް ވަނުމާއެކު އަތް ދޮންނަން ހަނދާންވެސް ކޮށްދޭނެއެވެ.

އެޕަލް "ވޮޗް އޯއެސް 7" ގައި ދެން ފާހަގަ ކޮށްލެވޭ ކަންކަމަށް ބަލާއިރު ވޮޗްގެ ފޭސްތައް ޝެއާކޮށް ޑައުންލޯޑް ކުރެވޭނެއެވެ. އަމިއްލައަށް ހަދާފައި ހުންނަ ފޭސްވެސް ކޮންޓެކްޓްތަކަށް ނުވަތަ މީސްމީޑިއާ މެދުވެރިކޮށް ޝެއާ ކޮށްލެވޭނެއެވެ.

އެޕަލް "ވޮޗް އޯއެސް 7" ގައި ހެލްތު އެންޑް ފިޓްނެސް އަށް ވެސް އާކަންތައްތަކެއް ހިމަނައިފައި ވެއެވެ. އެގޮތުން އާ ވޯކްއައުޓްތައް ހިމަނައި އެކްޓިވިޓީ ޓްރެކް ކުރާ އެޕްގެ ނަން ފިޓްނެސް އަށް ބަދަލުކޮށްފައި ވެއެވެ.

މިފަހަރުގެ އަޕްޑޭޓްގައި ސިރި މެދުވެރިކޮށް އެޕަލް ވޮޗްގައި ދައްކާވާހަކަ ވަގުތުން ޓްރާންސްލޭޓް ކޮށްލެވެއެވެ. އަދި މީގެ އިތުރުން ލޮކޭޝަން ޓްރެކާވެސް ވަނީ އިތުރަށް ފުރިހަމަ ކޮށްފައެވެ.