ރަށުން ބޭރުގައި ރޭ އިޓާލިއަން ލީގުގައި ބޮލޯނިއާއާ ޔުވެންޓަސް ކުޅުނު ފުރަތަމަ މެޗުން 2-0 ގެ ނަތީޖާ އަކުން ޔުވެންޓަސް މޮޅުވެއްޖެ އެވެ.
ކޮވިޑް 19 އާ ގުޅިގެން ދިގުމުއްދަތަކަށް މެދުކަޑާލާފައި އޮތުމަށްފަހު ކުޅުނު ފުރަތަމަ މެޗްގައި ލިބުނު ޕެނަލްޓީއަކުން ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އެއީ ޔުވެންޓަސްގެ މަތިއެސް ޑި ލިޓް އަށް ބޮލޯނިއާގެ ސްޓެފާނޯ ޑެންސްވިލް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ގޯލާއެކު ރޮނާލްޑޯ ވަނީ އިޓާލިއަން ލީގުގައި މި ސީޒަނުގައި 22 ގޯލު ޖަހައިފަ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ޔުވެންޓަސް އިން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މި ގޯލު ކާމިޔާބުކޮށްދިނީ ޕައޮލޯ ޑިބާލާ އެވެ.
މުޅި މެޗުގައި ވެސް ޔުވެންޓަސް އިން މޮޅަށް ކުޅުނުއިރު އެޓީމަށް ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތުތައްވެސް ލިބި ބޭކާރުވެފަ އެވެ. އެޓީމުގެ ފެޑެރިކޯ ބާނަޑޭސްކީ ޖެހި ބޯޅައެއް ގޯލުގެ ދަނޑިއާ އަމާޒުވި އިރު ރޮނާލްޑޯ ގޯލުގެ ތެރެއަށް ވައްދާލި ބޯޅައެއް، އެވަގުތު އޭނާ އޮފްސައިޑްގައި ހުރުމުން ރެފްރީ ވަނީ ގޯލެއް ނޫންކަމަށް ނިންމައިފަ އެވެ. ރޭގެ މެޗުގެ އިތުރު ވަގުތުގައި ޑިފެންޑަރު ޑެނީލޯ އަށް ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުން ޔުވެންޓަސް އިން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.
މި މޮޅާ އެކު ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑަކާއެކު ޔުވެންޓަސް އޮތީ 27 މެޗުން 66 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ 26 މެޗުން 62 ޕޮއިންޓް ލިބިފައިވާ ލާޒިއޯ އެވެ. ލީގުގެ ތިން ވަނައިގައި އޮތީ އެންމެ ފަހުން ކުޅުނު މެޗު ކާމިޔާބުކޮށް 26 މެޗުން 57 ޕޮއިންޓް ހޯދާފައިވާ އިންޓަ މިލާން އެވެ. ހަތަރު ވަނައިގައި އޮތް އެޓަލާންޓާ އަށް 26 މެޗުން ލިބިފައިވަނީ 51 ޕޮއިންޓެވެ. ޔުވެންޓަސްގެ ފަހަތުން ވިއްދާފައިވާ ލާޒިއޯ އިން ލީގުގައި ބުދަ ދުވަހު ކުޅޭ މެޗުގައި ރަށުން ބޭރުގައި ނުކުންނާނީ އެޓަލާންޓާއާ ދެކޮޅަށެވެ.