އިބްރާހިމް ޒަކީ
ސަރުކާރަށް އިތުބާރު ނެތް ކަމަށްބުނެ، ބޭރަށް ހިންގާތީ ދެއިރު ދެދަޅައަށްކާ ބޭސްގުޅައެއްހެން ކޮންމެ ކަމަކަށް މިނިވަންމުއައްސަސާއެއް ހެދުމަކީ ހައްލެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
މިނިވަން ވަކި މުއައްސަސާއެއްގެ ގޮތުގައި، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އުފައްދަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، މިހާރު ރާއްޖޭގައި ސަރުކާރެއް އޮތުމުގެ ބޭނުމެއް ނެތޭ ބުނާވަަރަށް މުއައްސަސާތައް އުފައްދަމުންދާ ކަމަށެވެ.
ސަރުކާރުގެ ހަރަދު ބޮޑުވުން ފިޔަވައި އެކަމުންވާ ފައިދާއެއް ނެތް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
"ދުނިޔޭގެ އެކި ގައުމުގައި ތަފާސްހިސާބު އަންނަނީ ރަނގަޅަށް ބަލަހައްޓަމުން. އަޅުގަނޑުމެންގެ ކައިރި އިންޑިއާގެ ތޭރަސަތޭކަ މިލިޔަނަށްވުރެ ގިނަމީހުން ތިބޭއިރު އެތާނގައިވެސް ހުރޭ ޑީޕާޓަމަންޓް އޮފް ސްޓެޓިސްޓިކްސް ސްރީލަންކާގައިވެސް ހުރޭ، އަޅުގަނޑުމެން އެގައުމަކަށް ވާހިތުން އުޅޭ ސިންގަޕޫރުގައިވެސް ހުންނަނީ ޑިޕާޓަމަންޓް އޮފް ސްޓެޓިސްޓިކްސް. އެހެންވީމާ އެކަންކަން ބެލެހެއްޓެންވާނެ. އެކަން ބަލަހައްޓަން ވީވެސް ސަރުކާރުގެ އިދާރާއަކުން. މިހާރުވެސް އޮތް ގޮތަށް ސަރުކާރުގެ އިދާރާއެއްގެ ގޮތުގައި އެކަން ކުރެވޭނެ" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، މިނިވަން މުއައްސަސާތަކުން ވާ ފައިދާއެއް ނެތުމުގެ އިތުރުން ދައުލަތުގެ ހަރަދު ބޮޑުވެ، ބުރަ ބޮޑުވެ ރައްޔިތުންނަށް ހިދުމަތްކުރަން ހުރި ފައިސާ ބޭކާރުވެ ކަންކަން ބޮއްސުންލައިގެންދާ ކަމަށެވެ.
"ވަރަށް ގިނަ މުއައްސާތައް ހަދައިގެން އެއިން ބޭކާރު ގޮތުގައި އެތައް ހަރަދުތަކެއް ހިންގާ، މިސާލަކަށް މިނިވަންކޮށް މައުލޫމާތު ފެތުރުމުމުގެ މަގުސަދުގައި އަޅުގަނޑުމެން އެބަހުރި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހެއް ހަދައިފަ، ކޮންކަމެއްތޯ ހާސިލުވީ،" ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިނިވަން މުއައްސަސާތަކުގެ މައްޗަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު މާ ބޮޑު ކަމަށެވެ.
"މި އިއްޒަތްތެރި މަޖިލީހަކީ ސިޔާސީ މީހުން ފުރިފަ އޮތްތަނެއް. މިތަނުގެ ބާރާއި މިތަނުގެ ނުފޫޒު އެތަންތަނަށް ނުފޯރާނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރެވިފައެއް ނެތް،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ސްޓެޓިސްޓިކްސް އަކީ ގައުމުގެ ކުރިއެރުވުމަށް މުހިއްމު އެއްޗެއް ކަމަށެވެ. އެހެންކަމުން އެކަމުގެ މުހިއްމުކަން ސަރުކާރަށް އިންތިހާއަށް ބޮޑު ކަމަށެވެ. އެހެންކަމުން އެތަން ހުންނަން ޖެހޭނީ ސަރުކާރުގެ ދަށުގައި ކަމަށްވެސް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، މިނިވަން މުއައްސަސާއެއްގެ ގޮތުގައި އެ ޑިޕާޓްމަންޓް ހެދުމުގެ ބަދަލުގައި، އެކަން ފުރިހަމަކަށް ކުރުމަށް މިނިސްޓަރަށް އިތުރު ބާރުދޭން ގާނޫނު ހެދުން މުހިއްމު ކަމަށެވެ.