މުހައްމަދު އައުޒަމް
އެޕަލްގެ "އައިއޯއެސް 14" ފީޗާސްތައް ދައްކާލައިފިއެވެ.
އެޕަލް އިން ފުރަތަމަ ފަހަރަށް ވާޗުއަލްކޮށް ބޭއްވި ވޯލްޑް ވައިޑް ޑިވެލޮޕާސް ކޮންފަރެންސްގައި ވަނީ އެޕަލް އައިއޯއެސް14 ގެ އިތުރުން އެޕަލް އައިޕެޑް އޯއެސް 14 އަދި އެޕަލް ވޮޗް އޯއެސް 7 ގެ އާ ކަންތައްތައް ދައްކައިލައިފައެވެ.
އެޕަލް ފޯންތަކުގެ އޮޕަރޭޓިން ސޮފްޓްވެއާ، އައިއޯއެސް 14 އަށް މިވަނީ ބޮޑު އިންގިލާބީ ބަދަލުތަކެއް ގެނެސްފައެވެ. މީގެ ކުރިން އެޕަލް އިން އައިއޯއެސް އަށް ގެނެސްފައިވާ އަޕްޑޭޓްތަކާ ހިލާފަށް އައިއޯއެސް 14 ވަނީ އައިފޯންގެ މޫނުމަތިވެސް ބަދަލުކޮށްލައިފައެވެ.
އައިއޯއެސް 14ގެ ފާހަގަކޮށްލެވޭ އަޕްޑޭޓްތަކަށް ބަލާއިރު އައިފޯނަށް އިންސްޓޯލް ކޮށްފައި ހުންނަ ހުރިހާ އެޕްތަކެއް އެއްފަހަރާ ބަލައިލެވޭ އެޕް ލައިބްރަރީ ފާހަގަކޮށްލެވެއެވެ. ފަސޭހައިން ސާޗްކޮށްލެވޭ މި ލައިބްރަރީ މެދުވެރިކޮށް ފޯނުގައި ހުންނަ ބައެއް އެޕްތައް ހައިޑްވެސް ކޮށްލެވޭނެއެވެ.
އެޕަލް އައިއޯއެސް އަށް ގެނައި އާ ފީޗާތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އަނެއް ފީޗާއަކީ އައިފޯނުގެ ހޯމް ސްކްރީނަށް ވިޖެޓްސް ލެވޭގޮތް ހެދުމެވެ. ބޭނުންވާ އެޕްތަކުގެ އިތުރުން ސިރި ވެސް ދެން ފެންނާނީ ވިޖެޓްސްގެ ތެރެއިންނެވެ.
ފަހުގެ އަޕްޑޭޓްގައި ތަފާތު އަނެއް ކަމަކީ ޓްރާންސްލޭޓް އެޕް އެވެ. ގޫގުލް އިން ކުރިން ތައާރަފު ކޮށްފައިވާ ސްޕީޗް ޓު ޓެކްސްޓް އާއި ދާދި އެއް ގޮތް އެޕަލްގެ ޓްރާންސްލޭޓް އެޕުންވެސް ދައްކާ ވާހަކަ ޓްރާންސްލޭޓް ކޮށްލައެވެ. އެޕަލް އިން ބުނީ މިހިދުމަތް ފަށާއިރު 11 ބަހަކަށް ޓްރާންސްލޭޓް ކުރެވޭނެ ކަމަށެވެ. އަދި މިއެޕް އޮފްލައިންކޮށް ވެސް ބޭނުން ކުރެވޭނެ ކަމަށެވެ.
އެޕަލް އިން ތައާރަފު ކުރި އަނެއް އާކަމަކީ އައިއޯއެސްގެ އެޕެއް އެއްކޮށް ޑައުންލޯޑު ކުރުމުގެ ބަދަލުގައި އެޕްގެ އެއްބައި ޑައުންލޯޑް ކުރެވޭ އެޕް ކްލިޕްސް އެވެ. މިއީވެސް ކުރީގެ އައިއޯއެސްތަކުން ނުފެންނަ އާ ފީޗާއެކެވެ.