އިބްރާހިމް ޒަކީ
ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވާއިރު، ހުށަހަޅުއްވައިގެން ހުންނެވީ މާސްކެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ، ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ނިޒާމީ ނުކުތާ ނަންގަވައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަމާލުކަމަށް އެކަން ގެންނަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުުގެ ޖަލްސާގައި މިނިވަން މުއައްސަސާއެއްގެ ގޮތުގައި، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އުފައްދަން ހުށަހެޅި ބިލުގެ ބަހުސުގައި ޖާބިރު ވާހަކަ ދައްކަވަން ފެއްޓެވުމުން ނިޒާމީ މައްސަލަ ނަންގަވައި، ޝަރީފް ވިދާޅުވީ ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު އަޅުއްވާފައި ހުންނެވީ މާސްކެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ޖާބިރު ނޭފަތުން ނޭވާ ބޭރަށްދާ ކަމަށާއި، އެކަމުގެ ސަބަބުން ކައިރީގައި ތިއްބެވި މެންބަރުންނަށް ނުރައްކާ އެބަ އޮތް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ނެންގެވި ނިޒާމީ މައްސަލަ ބަލައިގަނެ ، މަޖިލިސް ރައީސް ވަނީ ޖާބިރާ ކައިރި ހިސާބެއްގައި އިންނެވި ހިންނަވަރު ދާިއރާގެ މެންބަރު ޖީހާން މަހުމޫދު އެހިސާބުން ދުރަށް ވަޑައިގަންނަވައި އެހެން ގޮނޑިއަކަށް ވަޑައިގެންނެވުމަށް އެދިވަޑައިގެންފައެވެ.
މި މައްސަލަ ނެންގެވުމުން ޖާބިރު މަޖިލިސް ރައީސަށް ވިދާޅުވީ، މާސްކާ ބެހޭގޮތުން ގާނޫނެއް ހެދުން ރަނގަޅުވާނެ ކަމަށެވެ.
ޝަރީފްގެ ނިޒާމީ މައްސަލައާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، އެ ނިޒާމީ މައްސަލަ ބަލައިގަންނަ ކަމަށާއި، އެޗްޕީއޭގެ އިރުޝާދަށް ބަލާއިރު، މާސްކާ ނާލައި 15 މިނިޓެ ވަންދެން ޕޮޒިޓިވް މީހަކާ 3 ފޫޓު ކައިރީގައި ހުރެއްޖެ ނަމަ އެއީ ޕްރައިމަރީ ކޮންޓެއްގެ ގޮތުގައި ބަލާނެކަމަށެވެ.
ނަަމަވެސް ހިންނަވަރު ދާއިރާގެ މެންބަރަކީ ޕްރައިމަރީ ކޮންޓަކަށް ނުވާ ކަމަށާއި، އެކަން އިތުރަށް ޔަގީން ކޮށްލެއްވީ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.