އިބްރާހިމް ޒަކީ
ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް ސަރުކާރުން ހައްލު ހޯދައިދިނުމަށް ގޮވާލައި ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގަނެ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފިއެވެ.
މި ކުއްލި މައްސަލަ ހުށަހެޅުމުން ބަލައިގަނެ ބަހުސް ކުރަން ފެނޭތޯ ނެގި ވޯޓުގައި، ޖަލްސާގައި ތިއްބެވި 29 މެންބަރުންގެ ތެރެއިން މި މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް 27 މެންބަރުން ވޯޓު ދެއްވިއެވެ. މައްސަލަ ބަލައިގަންނަން 15 ވޯޓު ބޭނުންވެއެވެ.
ޖާބިރު ހުށަހަޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ ރާއްޖޭގެ ސިނާއަތްތަކުގައި ވަޒީފާ އަދާކުރަމުން އައި އެތައް ހާސް ބައެއްގެ ވަޒީފާ ގެއްލި، އެފަރާތްތަކަށް އެއްވެސް މަސައްކަތެއް ނުކުރެވޭ ގޮތަށް ދެ މަސް ދުވަހަށްވުރެ ގިނަ ދުވަހު ބަންދުވެފައި ތިބެން ޖެހިފައިވާ ކަމަށެވެ.
އެކަމުގެ ސަބަބުން އެތައްހާސް ރައްޔިތުންނަށް ލިބެމުން ދިޔަ އާމްދަނީ މުޅީން ހުއްޓި އެތައްހާސް އާއިލާއެއް ބިކަ ހާލުގައި ޖެހިފައިވާ ކަމަށާއި އެގޮތަށް މެދުވެރިވާން ދިމާވި ސަބަބަކީ ކޮވިޑާ ގުޅިގެން ސަރުކާރުން އެޅި ދޯހަޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށްވެސް މައްސަލައިގައި ވެއެވެ.
އެކަންކަން ހައްލުކުރުމަށްޓަކައި މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން ހުށަހެޅި ކުއްލި މައްސަލައިގައި ދެ ކަމެއް ހިމަނައިފައި ވެއެވެ.
އެގޮތުން އެއް ކަމަކަށް ހިމަނައިފައި ވަނީ ރާއްޖޭގެ ހުރިހާ ސިނާއަތްތަކުގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަނެވެންދެން ނުވަތަ ވަޒީފާ އަދާކޮށްގެން އާމްދަނީއެއް ލިބެން ފެށުމާ ހަމައަށް އެފަރާތްތަކަށް ސަރުކާރުން އިނާޔަތް ދެމުން ގެންދިއުމުގެ އިންތިޒާމުތައް ވަގުތުން ހަމަޖެއްސުމަށެވެ.
ދެވަނަ ކަމަކަށް ހުށަހަޅާފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ރިބައުންޑް ކުރުމަށް ބޭނުންވާ ރިސޯސަސް މިހާރުން މިހާރަށް ގާއިމުކޮށް ދިނުމަށާއި އެކަމަށްޓަކައި ބިއުރޯއެއް އުފައްދަވައި ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމުގެ މަސައްކަތް ވަގުތުން ފައްޓައިދިނުމަށެވެ.