ކިޔަވާ އެއްޗެހި ފަސޭހައިން ހަނދާން ނެތުމަކީ، ކިޔަވާ ކުދިން ވަރަށް ގިނައިން ކުރިމަތިލާން ޖެހޭ ކަމެކެވެ. ޓެސްޓަށް ދަސްކުރާ އެއްޗެހި ފަސޭހައިން ހަނދާން ނެތި ޓެސްޓްތަކުން ފެއިލް ވުމަކީވެސް ބައެއް ކުދިންނަށް ކުރިމަތިލާން ޖެހިފައިވާ ކަމެކެވެ. ކިތަންމެ ވަރަކަށް ދަސްކުރިޔަސް އިރުކޮޅެއް ތެރޭގައި ހަނދާން ނެތޭތީ ކިޔަވާ ކުދިން ޝަކުވާ ކުރެއެވެ. އެގޮތުން ދަސްކުރާ ފިލާވަޅުތައް ފަސޭހައިން ހަނދާން ނެތޭނަމަ، ދިރިއުޅުމުގެ ވައްޓަފާޅިއަށް ބައެއް ކަހަލަ ކުދިކުދި ބަދަލުތައް ގެންނަން ޖެހެއެވެ.
އެގޮތުން ހަނދާން ވަރުގަދަ ކުރަން ބޭނުން ވާނަމަ ކެއުމުގައި ގިނައިން ތަރުކާރީގެ ބާވަތްތައް ހިމެނުމަކީ ވަރަށް މުހިންމު ކަމެކެވެ. ކެއުމުގައި ބޭނުންކުރާ ތެލުލި ކެއުންތަކާއި ކުޅި ކެއުންތައް މަދުކޮށް، ސިއްހަތަށް ފައިދާހުރި ތަރުކާރީ ހިމެނުމަކީ ހަނދާން ބަލިވުމަށް އޮތް ފަރުވާއެކެވެ. މީގެ އިތުރުން ގަޑިން ގަޑިން ނުކެއުމަކީވެސް ފަހުން އެކަމުގެ ނޭދެވޭ އަސަރުތައް ފެންނާނެ ކަންކަމެވެ. ކެއުމުގައި ބޮޑަށް ފެހި ބާވާތްތަކުގެ ތަރުކާރީ ބޭނުން ކުރާށެވެ.
މީގެއިތުރުން، މޭވާގައި ހިމެނޭ ނިއުޓްރިއެންޓްސް އަދި އެންޓި އޮކްސިޑެންޓްގެ މާއްދާގެ ސަބަބުން ރެޑިކަލް އަށް ގެއްލުން ލިބޭ ވަރު މަދުކޮށްދެއެވެ. އެހެންކަމުން، ކެއުމުގައި މޭވާގެ ބާވަތްތައް ހިމެނުމަކީވެސް ފަސޭހައިން ހަނދާން ނެތޭނަމަ އެކަމަށް އޮތް ފަރުވާއެކެވެ. އެގޮތުން ކެއުމުގައި ބުލޫބެރީ ޗެރީ ސްޓްރޯބެރީ ފަދަ މޭވާތައް ހިމެނުމަކީ ވަރަށް މުހިންމު ކަމެކެވެ.
ކިޔަވާ އެއްޗެހި ފަސޭހައިން ހަނދާން ނެތޭނަމަ، ބޮޑަށް ހެލިފެލިވެ އުޅުމަކީވެސް މުހިންމު ކަމެވެ. ހެލިފެލިވެ އެކްޓިވް ކޮށް އުޅެވޭނީ ހަމައެކަނި ޖިމަށް ގޮސްގެނެއް ނޫނެވެ. ގޭތެރޭގައި ކުޑަކޮށް ހިނގާލައި ނުވަތަ ނަށާލައި ހެދުމުންވެސް މީހާގެ ހަށިގަނޑު އެކްޓިވްކޮށް ހުންނާނެއެވެ. އެކްޓްވި ކޮށް ހުރުމުން ހަށިގަނޑުގައި ލޭ ދައުރުވާން ފަސޭހަވެ، ސިކުނޑި ދުޅަހެޔޮކޮށް ހުރުމަށް އެހީތެރިވެދެއެވެ.
ޝައްކެއްވެސް ނެތެވެ. ރަނގަޅަށް ފިލާވަަޅު ހިތުގައި ހަރުލާވަރަށް ދަސްކުރުމަކީ އެންމެ މުހިންމު އެއްކަމެވެ. ރަނގަޅަށް ފިލާވަޅުތައް ދަސް ނުކުރާނަމަ މަތީގައި ބުނެފައިވާ ކަންތައްތައް ކުރިނަމަވެސް އޭގެ ނަތީޖާއެއް ނުފެންނާނެއެވެ. މީގެ އިތުރުން ނިދި ހަމަކުރުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. ރަނގަޅަށް ނިދި ހަމަނުވާނަމަ ކިޔެވުމަށް ސަމާލުކަން ދިނުން ވާނީ ވަރަށް އުނދަގޫ ކަމަކަށެވެ.
ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމު ކަންކަން ފުރިހަމަވެފައިވާ އިރުވެސް އަބަދު ހަނދާން ނެތެނީ ނަމަ، ސިއްހީ އެހީތެރިޔެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ. ސްކޫލު ދަރިވަރަކަށް މިކަން މާ ބޮޑަށް ދިމާވާ ނަމަ ކުރިޔާލައި އެކަމަށް ފަރުވާ ހޯދަން ވާނެ އެވެ. ކުއްޖާއަށް އެކަން ދިމާވާ މިންވަރާއި އެއީ ގަބޫލު ކުރެވޭ މިންގަނޑެއްގައި މެދުވެރިވާ ހާލަތެއްތޯ ބެލެނިވެރިޔާ ނިންމަން ވާނެ އެވެ.