މުނިފޫހިފިލުވުން

ކަރީނާ އާލިއާ އަދި ކަރަން އިންސްޓަގްރާމުގައި ކޮމެންޓް ކުރެވޭ ވަރު ލިމިޓްކޮށްފި

އީމާ މުހައްމަދު ވަހީދު

ޝުޝާންތު ސިންގު ރާޖުޕުތު އަމިއްލައަށް ދަންޖެހިގެން މަރުވުމާއި ގުޅިގެން ބޮލީވުޑް ތެރޭގައި ނެޕްޓިޒަމާއި ތަފާތު ކުރުންތައް އޮތް މިންވަރާ ބެހޭ ގޮތުން ދަނީ ގިނަބަޔަކު ބަހުސްކުރަމުންނެވެ. އެގޮތުން ބޮލީވުޑްގެ މަޝްހޫރު އާއިލާތަކަށް ނިސްބަތްވާ ތަރިންނަށް މީހުން ދަނީ ތަފާތު އެއްޗެހިތައް ކިޔައި، އެމީހުންނާ ދެކޮޅަށް ކޯޓަށް މައްސަލަތައްވެސް ހުށަހަޅަމުންނެވެ.

އެގޮތުން ބޮލީވުޑްގައި ނެޕްޓިޒަމް އޮތް މިންވަރާއި ދޭތެރޭ މީހުން ބަހުސްކޮށް، މަޝްހޫރު ފިލްމީ އާއިލާތަކުން އައިސް ތިބި ތަރިން ކުށްވެރިކޮށް އެއްޗެހި ކިޔަމުންދާ މި ދަނޑިވަޅުގައި އާލިއާ ބަޓް، ކަރަން ޖޯހަރު އަދި ކަރީނާ ކަޕޫރުވެސް އިންސްޓަގްރާމުގައި ކޮމެންޓް ކުރެވޭ މިންވަރު ލިމިޓް ކޮށްފިއެވެ.

އާލިއާ ބަޓް އަދި ކަރަން ޖޯހަރު ބޮއިކޮޓް ކުރުމަށް އިންޑިއާގެ ގިނަ ބަޔަކު ވަނީ ގޮވާލައިފައެވެ. މި ތަރިންގެ އިތުރުން ސޯނަމް ކަޕޫރުވެސް ވަނީ އޭނާގެ އިންސްޓަގްރާމުގައި ކޮމެންޓް ނުކުރެވޭ ގޮތް ހަދައިފައެވެ. މީގެ އިތުރުން ސޮނާކްޝީ ސިންހާ ވަނީ ޓުވީޓާ ޑިއެކްޓިވޭޓް ކޮށްފައެވެ.

މީގެ އިތުރުން ރޭސް ތިނަކުން ފެނިގެންދިޔަ ސާގިބް ސަލީމާއި ދަޅަކްގެ ޑައިރެކްޓަރު ޝަޝަންކް ހައިތަން ވެސް ވަނީ މީގެ ދުވަސްކޮޅެއް ކުރިން ޓުވީޓާ އެކައުންޓް ޑިއެކްޓިވޭޓް ކޮށްފައެވެ.