ކުޅިވަރު

ބޮޑު ތަފާތަކުން ސިޓީއިން ބާންލީ ބަލިކޮށްފި

އައިދާ އަބްދުލް ހަކީމް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އާއި ބާންލީ ބައްދަލު ކުރި މެޗް ބޮޑުތަފާތަކުން ސިޓީން ކާމިޔާބު ކޮށްފި އެވެ. ސިޓީން މި މެޗް ކާމިޔާބު ކުރީ 5-0 ގެ ނަތީޖާ އަކުންނެވެ.

މި މޮޅާއި އެކު ސިޓީން ވަނީ އެއްވަނައިގައި އޮތް ލިވަޕޫލާ ދެމެދު އޮތް ފަރަގު 20 ޕޮއިންޓަށް ކުޑަކޮށްފައެވެ. އެއްވަނައިގައި އޮތް ލިވަޕޫލް އަށް 30 މެޗުން ލިބިފައިވަނީ 83 ޕޮއިންޓެވެ. ރޭގެ މޮޅާއެކު ސިޓީއަށް 63 ޕޮއިންޓު ވަނީ ލިބިފައެވެ. ތިން ވަނައިގައި އޮތް ލެސްޓާ ސިޓީއަށް 54 ޕޮއިންޓް ލިބިފައިވާ އިރު ހަތަރު ވަނައިގައި އޮތް ޗެލްސީ އަށް ލިބިފައިވަނީ 51 ޕޮއިންޓެވެ. ޔުނައިޓެޑް އޮތީ ފަސްވަނައިގަ 46 ޕޮއިންޓާއެކު އެވެ.

ރޭގެ މެޗް ފެށިގެން ނިމެންދެންވެސް މުޅި މެޗް ޑޮމިނޭޓް ކުރަމުންދިޔައީ ސިޓީން ނެވެ. އެގޮތުން ސިޓީގެ ފުރަތަމަ ގޯލް ޖަހައިދިނީ ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައި ސިޓީގެ ބާނާޑޯ ސިލްވާ ތަނަވަސްކޮށްދިން ފުރުސަތަކުން އެޓީމުގެ ފިލް ފޯޑެން އެވެ. ސިޓީން ޖެހި ދެވަނަ ގޯލް މެޗްގެ 43 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ ފާނަންޑީނިއޯގެ އެހީތެރިކަމާ އެކު ރިޔާދު މަހްރޭޒް އެވެ.

ސިޓީގެ ތިންވަނަ ގޯލް ފުރަތަމަ ހާފް ނިމި ނިމި އޮތްވައި މެޗްގެ 45 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ދެވަނަ ލަނޑު ޖެހި މަހްރޭޒް އެވެ. މަހްރޭޒް މި ލަނޑު ޖެހީ ބާންލީގެ ބެންމީ، ސިޓީގެ ސާޖިއޯ އަގުއެރޯއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ އަކުންނެވެ. ފުރަތަމަ ހާފް ނިމުނީ 3-0 ގެ ނަތީޖާ އަކުން ސިޓީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފްގައި ވެސް ބާންލީ ފެނިގެންދިޔައީ އާދައިގެ ކުޅުމެއް ކުޅެމުންދިޔަތަނެވެ. އޭގެ ފައިދާ ނަގައި ސިޓީން ވަނީ މެޗްގެ 51 ވަނަ މިނެޓްގައި އެމީހުންގެ ހަތަރު ވަނަ ގޯލް ކާމިޔާބު ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑޭވިޑް ސިިލްވާ އެވެ. އަދި އެޓީމުގެ ފަސް ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިން ފިލް ފޯޑެން އެވެ. އޭނާ މިލަނޑު ކާމިޔާބު ކޮށްދިނީ ގެބްރިއަލް ޖީސަސްގެ އެހީ އާއެކު މެޗްގެ 63 ވަނަ މިނެޓްގައެވެ.

ރޭގެ މެޗްގައި ސިޓީގެ ރިޔާދު މަހްރޭޒް އާއި ފިލް ފޯޑެން ވަނީ ކޮންމެ ކުޅުންތެރިއަކު ދެގޯލް ކާމިޔާބު ކޮށްފައެވެ.