ރިޕޯޓް

ޓިކްޓޮކްގެ މަޝްހޫރު ތަރި ޝަޒީ ލޮކްޑައުންގައި ފޫހިފިލުވީ މޭކަޕުން، މި މޭކަޕްތައް އަސްލުވެސް ތަފާތު

އަލީ ޔާމިން

2

ޓިކްޓޮކް ރާއްޖޭގައި މަޝްހޫރުވެގެން އައިއިރު، އެތައް ދިވެހިންނެއް ޓިކްޓޮކްގެ އަވައިގައި ޖެހުނެވެ. އެތައް ދިވެހިންނެއް ޓިކްޓޮކްގައި ތަފާތު ވީޑިއޯތައް ހިއްސާކޮށްފައި ވެއެވެ. އެގޮތުން ޓިކްޓޮކްގައި ފާތުމަތު ޝަޒީލާ އިބްރާހިމް (ޝަޒީ)އަކީ ވެސް ތަރިއެކެވެ. ޝަޒީ ވަނީ ޓިކްޓޮކަށް ދޫކޮށްލާފައިވާ އޭނާގެ ހެއްވާ ވީޑިއޯތަކާއި ހިތާމަވެރި ޑްރާމާތަކުން އެތައް ބައެއްގެ ސަމާލުކަން ހޯދައިފައެވެ. ޓިކްޓޮކްގައި ލިބުނު މަޝްހޫރުކަމާއެކު ބައެއް ޓީވީ އިސްތިހާރުތަކުންވެސް ޝަޒީ ފެނިފައި ވެއެވެ.

ގއ. ވިލިނގިއްޔަށް އުފަން އުމުރުން 25 އަހަރުގެ ފާތިމަތު ޝަޒީލާ (ޝަޒީ) ވަޒީފާ އަދާކުރަނީ ހުޅުމާލޭގައި ހުންނަ ސެލޫނެއްގައެވެ. ޝަޒީއަކީ ސެޓިފައިޑް ބިއުޓީޝަނެކެވެ. މޭކަޕް ކުރުމުގެ އިތުރުން ނިޔަފަތީގެ ޒީނަތްތެރިކަމާއި ހެއާ ޓްރީޓްމަންޓްސް އާއި ވެކްސް ކޮށްދިނުން ފަދަ ކަންކަމީވެސް ޝަޒީ ކުރާ ހިތުން ކުރާ ކަންކަމެވެ. ނަމަވެސް ކޮވިޑުގެ ސަބަބުން މާލޭ ސަރަހައްދު ލޮކްޑައުން ކުރުމުން ސެލޫން ބަންދުކުރުމާއެކު ޝަޒީވެސް ދެތިން މަސް ވަންދެން ގޭގައި ހޭދަކުރަން ޖެހުނެވެ. ލޮކްޑައުންގައި ގޭގައި ވަގުތު ހޭދަކުރިއިރުވެސް ޝަޒީއަށް މޭކަޕާ ދުރަކަށް ނުދެވުނެވެ. އެގޮތުން ޝަޒީ ވަނީ އޭނާގެ އިންސްޓަގްރާމްގަައި މުޅިިން އާ ގޮތް ގޮތަށް މޭކަޕް ލުކްތަކެއް ހިއްސާ ކޮށްފަ އެވެ.

ޝަޒީ މީގެ ކުރިންވެސް ބައެއް ކަހަލަގެ އާދައިގެ މޭކަޕްތަކާއެކު ފޮޓޯ ނަގައި އިންސްޓަގްރާމްގައި ޕޯސްޓްކޮށް ހަދައެވެ. ނަމަވެސް ލޮކްޑައުނާއެކު ޝަޒީ ފެށީ މުޅިން ތަފާތު ވައްތަރެއްގެ މޭކަޕެކެވެ. އެގޮތުން ގިނަ މޭކަޕްތަކަކީ އާޓް ސްޓައިލަށް ކޮށްފައިވާ މޭކަޕްތަކެކެވެ.

"ވަން"އަށް މައުލޫމާތު ދެމުން ޝަޒީ ބުނީ، ލޮކްޑައުންއާއެކު ގޭގައި ހުންނަން ޖެހުމުން އާ މޭކަޕްތައް ތަޖުރިބާ ކޮށްލީ ކަމަށާއި އާ މޭކަޕްތައް ތަފާތު ގޮތްގޮތަށް ކުރުމުގެ ޝައުގުވެރިކަން އަބަދުވެސް ހުންނަ ކަމަށެވެ.

"އަބަދުވެސް ޝަޒީ ބަލަން ރީތި މޭކަޕް އާޓެއް އެކްސްޕެރިމެންޓް ކޮށްލެވޭތޯ. އެހެންވެ، ލޮކްޑައުންގައި ގޭގައި ހުންނައިރު ގިނަ ވަގުތު ލިބޭތީ ހިތަށް އެރީ އާކަމެއް ތަޖުރިބާކޮށްލާނީއޭ. އެގޮތަށް ކުރި ކަމެއް މީ ބޯލްޑް ކުލަތައް ބޭނުންކޮށްގެން." ލޮކްޑައުންގައި ތަފާތު މޭކަޕްތަކެއް ކުރަން ފެށުނު ގޮތް "ވަން" އާ ހިއްސާކުރަމުން ޝަޒީ ބުންޏެވެ.

މޭކަޕް ކުރުމުގައި ޝަޒީއަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ އޭނާގެ މޭކަޕްތަކަށް އާންމުންގެ ފަރާތުން ލިބޭ ތަރުހީބާއި ފީޑްބެކް ތަކުގެ އިތުރުން ކޮމެންޓްތަކެވެ.

"ވަރަށް ބޮޑު ތަރުހީބެއް ލިބޭ އޯޑިއެންސްގެ ފަރާތުން. ވަރަށް ޕޮޒިޓިވް ފީޑްބެކްތަކާއި ކޮމެންޓްތައްވެސް ހުރޭ. އަސްލު ވަރަށް އުފާވޭ އެކޮމެންޓުތައް ފެނުނީމަ. އެއީ މޯޓިވޭޝަނެއްގެ ގޮތުގަ ޝަޒީ ބަލަނީ. އަދި އެކަންކަން ބަލައި، އޯޑިއެންސްގެ ތަރުހީބާއެކު އެއް ދުވަހަށް ވުރެ ރަނގަޅު މޭކަޕެއް އަނެއް ދުވަހު ކުރެވޭތޯ ބަލަމުން މިދަނީ" ޝަޒީ ބުންޏެވެ.

ލޮކްޑައުންގައި ޝަޒީ ވަނީ 3ޑީ މޭކަޕްތައްވެސް ކޮށްފައެވެ. ޝަޒީ ބުނި ގޮތުގައި އާދައިގެ މޭކަޕެއް ނަމަ މޭކަޕް ކުރުމަށް ނަގަނީ 45 ވަރަކަށް މިނެޓެވެ. ނަމަވެސް އަމިއްލަ މޫނު ބޭނުންކޮށްގެން އިތުރު މީހެއްގެ އެހީއަކާ ނުލައި ބައެއް ކަހަލަގެ މޭކަޕް ކުރާއިރު 2 ގަޑިއިރުވެސް ނަގާ ކަމަށް އޭނާ ބުންޏެވެ.

ޝަޒީ އޭނާގެ ފޮލޯވަރުންނަށް ދޫކޮށްލައިފައިވާ ގިނަ މޭކަޕްތަކަކީ ބޭރުގެ އެކި އާޓިިސްޓުންގެ މޭކަޕްތަކުން ހިތްވަރު ލިބިގެން ކޮށްފައި ހުރި މޭކަޕް އެވެ. އޭގެ ތެރެއިން މޫނުގައި ޕަޒުލްއެއް ދައްކުވައިދޭ ގޮތަށް އޭނާ ކޮށްފައިވާ މޭކަޕާއި އެވެޓާގެ ސިފަ ގެނެސްފައި ހުރި މޭކަޕްގެ އިތުރުން ޖިންނިއެއް ސިފަވާ މޭކަޕް ވަރަށް ބޮޑަށް ވައިރަލް ވެފައިވެއެވެ. ޝަޒީި އެންމެ ގިނަ ވަގުތު ހޭދަކުރީ ކޮޅިގަނޑުތަކެއް ފެންނަ މޭކަޕް އާޓްއަކަށެވެ. އޭނާއަށް އެންމެ ކަމުދާ މޭކަޕް އާޓަކީވެސް އެއީއެވެ.

ގްރޭޑް 7،6 ގައި މޭކަޕުގެ ދުނިޔެއަށް ލޯހުޅުވުނު ޝަޒީ އެ ދާއިރާގައި އުޅޭތާ މިހާރު 10 އަހަރު ވެއްޖެއެވެ. އޭނާގެ އުންމީދަކީ މޭކަޕްގެ ރޮނގުން ދެވެން އޮތް އެންމެ މައްޗަކަށް ދިއުމެވެ. މޭކަޕުގެ ރޮނގުން އެންމެ އުހަށް އެރުމަށް ޝަޒީ އަމާޒު ހިފާފައިވާއިރު، އެކަމުގައި އޭނާގެ އާއިލާއާއި ރަށްޓެހިންގެ އިތުރުން ލޯބިވާ ފިރިމީހާގެ ފަރާތުން ލިބޭ އެއްބާރުލުން އޭނާ ފާހަގަކުރެއެވެ.

ޝަޒީގެ ހިތްގައިމު މޭކަޕްތައް ބަލައިލުމަށް އޭނާގެ އިންސްޓްގްރާމް އެކައުންޓް، fathmath_shazeela އަށް ޒިޔާރަތްކޮށްލައްވާށެވެ.