އެންއީއޯސީ

އެންއީއޯސީގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ވެސް ފްރޮންޓްލައިން އެލަވަންސް ލިބޭނެ: މަބްރޫކް

އަލީ އަފާފު ރަމީޒު

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް ވެސް ކޮންމެވެސް އެއް ކެޓަގަރީއަކުން ފްރޮންޓްލައިން އެލަވަންސް ލިބޭނެ އެންއޯއީސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ ރިސްކު އެލަވަންސްގެ ގޮތުގައި ދޭންޖެހޭ ފައިސާ އަދި ޖަމާކުރަން ފަށާފައިނުވާ ކަމަށާއި އެންއީއޯސީގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށްވެސް އެލަވަންސް ލިބޭނެ ކަމަށެވެ.

"އެންއީއޯސީގައި މަސައްކަތް ކުރާ ހުރިހާ ބޭފުޅުންނަށްވެސް ލިބޭނެ ކަމަށް އަޅުގަނޑު މިކަމުގައި އުޅުއްވާ ބޭފުޅުން ކައިރީގައި އަހާލީމަ ބުނި. އަދި މި ފައިސާ ދުލެއް ނުކުރައްވާ. އެހެންނަމަވެސް ބެކްޑޭޓްކޮށްފައި މަސައްކަތް ކުރަން ފެށި ތާރީހުން ފެށިގެން އެ ފައިސާ ޖަމާކުރާނެ ފިނޭންސް މިނިސްޓްރީން،" މަބްރޫކު ވިދާޅުވިއެވެ.

ފްރޮންޓްލައިން މުވައްޒަފުންގެ އެލަވަންސް ދޭނީ މާޗު މަހުން ފެށިގެން ކަމަށާއި މިމަހު އެކަން ހަމަޖައްސާނެ ކަމަށް މީގެ ކުރިން މަބްރޫކް ވަނީ ވިދާޅުވެފައެވެ.

ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުން ތިން ގިންތިއަކަށް ބަހާލައިގެން ހާއްސަ އެލަވެންސެއް ދޭން ސަރުކާރުން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއުލާންކުރެއްވީ މިދިޔަ މެއި މަހުގެ ތެރޭގައެވެ.

އެލަވެންސް ދިނުމަށް ކަނޑައަޅާފައިވާ ފުރަތަމަ ގިންތީގައި ހިމެނެނީ ފްރަންޓްލައިންގައި މަސައްކަތްކުރާ ހައި ރިސްކު މީހުންނެވެ. އެއީ ކޮވިޑް 19 އަށް ޕޮޒިޓިވްވާ ފަރާތްތަކަށް ނުވަތަ ބަލި ހުރެދާނެ ކަމަށް ބެލެވޭ ހައި ރިސްކު މީހުންނާއި ތަކެއްޗާ ގާތުން ދިމާވެދާނެ މީހުންނެވެ. އޭގެ ތެރޭގައި މި ހިމެނެނީ މެޑިކަލް ޑޮކްޓަރުންނާއި ނަރުހުންނާއި ޓެސްޓު ސާމްޕަލް ނަގާ މީހުންނާއި ލެބް ޓެކްނީޝަނުންނާއި ކޮވިޑަށް ޕޮޒިޓިވްވާ މީހުން އެއްތަނުން އަނެއް ތަނަށް ގެންދާ އުޅަނދުތަކުގައި މަސައްކަތްކުރާ މީހުން އަދި ޕޮޒިޓިވްވާ މީހުން ތިބޭ ކޮޓަރި/ ވޯޑަށް ވަންނަންޖެހޭ މީހުންނެވެ.

އެމީހުންނަށް އެލަވެންސެއްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާ ދިނުމަށް ވަނީ ނިންމައިފައެވެ.

ދެވަނަ ގިންތީގައި ހިމެނެނީ ފްރަންޓްލައިންގައި މަސައްކަތްކުރާ މީޑިއަމް ރިސްކު މީހުންނެވެ. އެއީ ޕޮޒިޓިވްވާ މީހުންނަށް ސީދާ ގޮތުން ހިދުމަތް ދޭން ނުޖެހޭ ނަމަވެސް ހައި ރިސްކު މީހުންނާއެކު ސީދާ މަސައްކަތް ކުރަންޖެހޭ މީހުންނެވެ. އެމީހުންނަށް އެލަވެންސެއްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކު 250 ރުފިޔާ ލިބޭނެއެވެ.

ތިންވަނަ ގިންތީގައި ހިމެނެނީ ފްރަންޓްލައިންގައި މަސައްކަތްކުރާ ލޯ ރިސްކު މީހުންނެވެ. އެއީ އެއްވަނަ އަދި ދެވަނަ ގިންތިއަށް ނުފެތޭ ނަމަވެސް ކޮވިޑް 19ގެ ކަންތައް ވިލަރެސް ކުރަމުންގެންދާ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ދުވާލެއްގެ މައްޗަށް ހަ ގަޑިއިރު ހޭދަކުރާ މީހުންނެވެ.

މި މީހުންނަށް އެލަވެންސެއްގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވަނީ މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކު 200 ރުފިޔާއެވެ.