މުސީބާތްތަކަށް ކެތްތެރިވުމަކީ ގަޟާގަދަރަށް އީމާންވުމުގެ ސަބަބުތަކުގެ ތެރެއިން ހިމެނޭ ކަމެއް ކަމަށާއި ހިދާޔަތާއި ފަލާހުގެ ސިއްރަކީ ކެތްތެރިކަން ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނީ އިންސާނާއަށް ދިމާވާ މުސީބާތްތަކަށް ކެތްތެރިވުމަށް މާތްﷲ ވަނީ އަމުރު ކުރައްވާފައި ކަމަށާއި މިންވަރަށް އީމާންވާ މީހަކު އޭނާގެ ހަޔާތް ހޭދަކުރަމުންދާނީ ހިތްހަމަޖެހުމާ އެކުގައި ކަމަށެވެ.
"މާތްﷲ ވަނީ އިންސާނާއަށް ދިމާވާ މުސީބާތްތަކަށް ކެތްތެރިވުމަށް އަމުރު ކުރައްވައިފައެވެ. މުސީބާތްތަކަށް ކެތްތެރިވުމަކީ ގަޟާގަދަރަށް އީމާންވުމުގެ ސަބަބުތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. ހިދާޔަތާއި ފަލާހުގެ ސިއްރަކީ ކެތްތެރިކަމެވެ. މިންވަރަށް އީމާންވާ މީހަކު އޭނާގެ ހަޔާތް ހޭދަކުރަމުންދާނީ ހިތްހަމަޖެހުމާ އެކުގައެވެ. ފިތުނައިގެ ސަބަބުން އެފަދަ މީހަކު ގުޑުގުޑު އަޅައިގެން ނުދާނެއެވެ. ދަތި އުނދަގޫކަމެއް ދިމާވުމުން އެފަދަ މީހަކު ބަލިކަށިވެގެން ނުދާނެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނީ ހުރިހާ ކަމެއް މެދުވެރިވެގެންވަނީ މާތްﷲގެ އިލްމުފުޅާއި އެކަލާންގެ އިރާދަފުޅުންކަން އެނގޭނަމަ، ބިރުގަނެ ހިތްނުތަނަވަސްވާކަށް ނުޖެހޭނެ ކަމަށާއި އީމާންކަމުގެ ސަބަބުން ހިތުގައި އަމާންކަމާއި ޔަގީންކަން އިތުރުވެގެންދާނެ ކަމަށެވެ. އަދި އިސްލާމީ ޝަރީއަތުގައިވާ ގޮތަށް ހަރާމް ކަންތައް ހަރާމް ކަމުގައި ބަލައިގަނެ، ހަލާލު ކަންތައް ހަލާލު ކަމުގައި ބަލައިގަންނަން ޖެހޭނެ ކަމަށެވެ.
"ދުނިޔޭގައި ހިނގާ ހުރިހާ ކަމެއް ހިނގަނީ މާތްﷲގެ ކުޅަދުންވަންތަކަމާއި އެކަލާންގެ އިރާދަފުޅުން ކަމަށް އަޅުގަނޑުމެން އީމާންވާ އިރު، އެކަލާންގެ ޝަރުއު ކުރައްވާފައިވާ ކަންތައްތަކަށް އަޅުގަނޑުމެން ކިޔަމަންގަންނަން ޖެހޭނެއެވެ. މާތްﷲ އަޅުގަނޑުމެންނަށް އަމުރު ކުރައްވާފައިވާ ކަންތައްތައް ދޫކޮށްލައިގެން ނުވާނެއެވެ. ހެޔޮކަންތަކަށް ގޮވާލުމާއި ނުބައި ނޭދެވޭ ކަންތައް ހުއްޓުވުމަށް މަސައްކަތް ކުރަންވާނެއެވެ. އިސްލާމީ ޝަރީއަތުގައިވާ ގޮތަށް ހަރާމް ކަންތައް ހުއްޓުވުމަށް މަސައްކަތް ކުރަންވާނެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނީ ކުރިމަތިވާ މުސީބާތްތަކުގައި އެކުލެވިފައިވަނީ މުޅިން އުނދަގޫތަކެއް ނޫން ކަމަށާއި އެކަމަކީ ތިމާގެ ނަޒަރުގައި ނުބައިކަމެއް، ނުވަތަ މުސީބާތެއް ކަމުގައި ފެނުނަސް އެކަމުގެ ފަހަތުގައި ފޮރުވިފައިވާ ހެޔޮ ކަންތައްތަކެއްވާ ކަމަށެވެ.