ކުޅިވަރު

އެކުވެނި ދުވާ ޓްރެކްގައި ހުރި މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ފަށައިފި

އައިދާ އަބްދުލް ހަކީމް

އެކުވެނި ދުވާ ޓްރެކްގައި ހުރި މައްސަލަތައް ހައްލުކޮށް އާ ޓްރެކަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 24 އަހަރަށްފަހު އާ ދުވާ ޓްރެކަކަށް ބަދަލުކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. އަދި މި މަސައްކަތް ކުރިޔަށް ގެންދަނީ އާރްކޭއެލްގެ ސީއެސްއާރުގެ ދަށުން ކަމަށާއި އަދި އެކަމަށްޓަކައި އާރްކޭއެލް އަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޓްރެކް ހަދައި ނިމުމުން ޓްރެކް ބޭނުންކުރާ ފަރާތްތަކަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

"1996 ވަނަ އަހަރު ހެދި އެކުވެނި ދުވާ ޓްރެކް 24 އަހަރަށް ފަހު އާ ދުވާ ޓްރެކަކަށް ބަދަލުކުރުމުގެ މަސައްކަތް މިއަދު މިވަނީ ފެށިފަ. މި މަސައްކަތް ސީއެސްއާރުގެ ދަށުން ކޮށްދެއްވާތީ އާރްކޭއެލް އަށް ޝުކުރު އަދާކުރަން. ޓްރެކް ބޭނުންކުރާ ފަރާތްތަކަށް މިކަމުން ގިނަ ފަސޭހަތަކެއް ލިބިގެންދާނެ." މަހުލޫފް ވިދާޅުވިއެވެ.

ޔޫތު މިނިސްޓްރީން ބުނީ އާރުކޭއެލްގެ ފަރާތުން ޓްރެކްގެ ވެލިގަނޑު އެއްވަރު ކުރުމާއި ފެންބޮޑުވުން ފަދަ ކަން ކަން ހައްލު ކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިމަސައްކަތުގެ ސަބަބުން، ކޮވިޑް 19 ބަލިމަޑުކަމަށްފަހު ޓްރެކް ބޭނުން ކުރާފަރާތްތަކަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.