މިއަދު ފާހަގަކުރާ އޮލިމްޕިކް ދުވަހާ ގުޅިގެން މީސް މީޑިއާ ހާއްސަ ހަރަކާތެއް ބާއްވަން ނިންމައި ބައިވެރިވާ ކޮންމެ ކުއްޖަކަށް ސެޓްފިކެޓެއް ދޭން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ނިންމައިފިއެވެ.
މިއަހަރުގެ އޮލިމްޕިކް ދުވަސް ފާހަގަ ކުރުމުގެ ގޮތުން އޮލިމްޕިކް ކޮމިޓީން ވަނީ "ހަރަކާތްތެރި ވަމާ" މި ތީމްގެ ދަށުން ފޮޓޯ އާއި ވީޑިއޯ އޮލިމްޕިކް ކޮމިޓީގެ ހޭޝްޓެގް ބޭނުންކޮށް މީސް މީޑިއާގައި ޕޯސް ކުރުމަށް އެދިފައެވެ.
އޮލިމްޕިކް ކޮމިޓީގެ ޖެނަރަލް ސެކެޓްރީ މަރުޒޫގް އަހްމަދު "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ހަރަކާތް މިމަހު 21 އިން 24 ވަނަ ދުވަހާ ހަމަޔަށް އިންސްޓަގްރާމް އަދި ފޭސްބުކް މެދުވެރިކޮށް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިދުވަސް މިއަހަރު މީސް މީޑިއާގައި ފާހަގަކުރުމަށް ނިންމީ ކޮވިޑް 19 އާ ގުޅިގެން ގައިދުރުކޮށް މިދުވަސް ފާހަގަ ކުރުމުގެ ގޮތުން ކަމަށެވެ.
މަރްޒޫގް ވިދާޅުވީ ބައިވެރިވާ ކޮންމެ މީހަކަށް ވެސް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފަރާތުން ހަނދާނީ ސެޓްފިކެޓެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކުން ފޮނޮވާ ފޮޓޯ އާއި ވީޑިއޯ އޮލިމްޕިކް ކޮމިޓީގެ އޮފިޝަލް ފޭސްބުކް ޕޭޖާއި އިންސްޓަގްރާމުގައި ޕޯސްޓުކުރުމަށް އެކޮމިޓީން ވަނީ ނިންމައިފައެވެ.