މަޖިލީހުގެ ރައީސް

ރާއްޖޭގެ ބޯޑަރުތައް އަންނަމަހު 16 ގައި ހުޅުވާލަން ވަނީ މަޝްވަރާކޮށްފައި: މަޖިލިސް ރައީސް

ކޮވިޑް 19 އަށް ފަހު ނިއު ނޯމަލްގައި، ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް ފެށުމުގެ ގޮތުން ރާއްޖޭގެ ބޯޑަރުތައް އަންނަމަހު 16 ގައި ހުޅުވާލަން މަޝްވަރާ ކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް ފްރީ ޒޯން ކަނޑައަޅައި އިގުތިސާދީ ހަރަކާތްތަކަށް ހުޅުވާލަން ގޮވާލާއި، ހިތަދޫ މެދު ދާއިރާ ގެ މެންބަރު އަހުމަދު ރަޝީދު ހުށަހަޅުއްވި ގަރާރަށް ކުރިއަށްދިޔަ ބަހުސްގެ ތެރެއިން ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ބޯޑަރު ހުޅުވާލާނެ ވަކި ތާރީީހެއް އަދި ކަނޑައެޅިފައިނުވި ނަމަވެސް 16 ޖުލައިގައި ބޯޑަރުތައް ހުޅުވައިލުމަށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

"ސަރުކާރުން ބުނެފައިވަނީ ޖުލައި މަސް ތެރޭގައި ރާއްޖޭގެ ބޯޑަރު ހުޅުވާލާނެކަމަށް. ނަމަވެސް ބޯޑަރު ހުޅުވާލާނެ ވަކި ތާރީހެއް އަދި މިހާތަނަށް އައިއިރު ސަރުކާރުން ހާމަކޮށްފައެއް ނުވޭ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އިގުތިސާދުގެ 85 ޕަސެންޓް ބިނާވެފައިވަނީ ޓުއަރިޒަމަށް ކަމަށާއި ކޮވިޑާ ގުޅިގެން އެދާއިރާ މުޅިން ހުއްޓިފައިވާތީ ރާއްޖޭގައި އިންޓަނޭޝަނަލް އެއާޕޯޓު ހުރި އެހެން ސަރަހައްދުތަކަށް ޕްރައިވެޓް ޖެޓް ފަހަރު ޖެއްސޭގޮތަށް ޓުއަރިޒަމަށް ސޭފް ޒޯންތަކެއް ކަނޑައަޅައި ހުޅުވާލަން ގަރާރުގައި ވަނީ ގޮވާލައިފައެވެ.

ގަރާރުގައި ބުނެފައިވަނީ، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވާލައި، ހުވަދޫ ސޭފް ޓުއަރިޒަމްގެ ގޮތުގައި ޕްރޮމޯޓް ކުރުމަށާއި، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ވެސް ހުޅުވާލުމަށް ގޮވާލައި ކަމަށެވެ. މީގެ އިތުރުން ހުރިހާ ކަމަކަށް ބިނާކޮށް ރާއްޖޭގެ ތިން ސަރަހައްދެއް އިގުތިސާދަށް ހުޅުވާލަން ވެސް ގަރާރުގައި ވަނީ ގޮވާލައިފައެވެ.

މިގަރާރަށް ކުރިއަށްދިޔަ ބަހުސްގަިއ މެންބަރުން ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް ހުޅުވާލާއިރު ފަތުރުވެރިކަމުގެ ދާއިރާ ނޫން އެހެން ދާއިރާތަކުން އިގުތިސާދީ ހަރަކާތް އިތުރުކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން، ރިސޯޓްތަކުން ބޭރު މީހުންނަށް ވަސީފާ ދޭ މިންވަރު 40 ޕަސެންޓަށް ދަށްކޮށް، ދިވެހިންނަށް އެކަނި ހާއްސަ ކުރަން ޖެހޭ ވަޒީފާތަކެއް ޓޫރިޒަމް ދާއިރާއިން ކަނޑައަޅަން ޖެހޭ ކަމަށެވެ. އަދި ސާވިސް ޗާޖު ހަމަހަމަ އުސޫލުން ބެހިގެންދާނެ އުސޫލެއް ގާއިމް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.