މުނިފޫހިފިލުވުން

އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނެ ޖަސްޓިންގެ ބޮލުގައި އެޅުވި ތުހުމަތު ދޮގުކޮށްފި

އީމާ މުހައްމަދު ވަހީދު

މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާރ އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތައް އޭނާ ދޮގުކޮށްފިއެވެ.

ބޭރުގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އަންހެނަކު ކާކުކަން ނޭނގޭ ޓްވިޓަރ އެކައުންޓަކުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެމީހާއަށް ޖަސްޓިން ޖިންސީ ފުރައްސާރަ ކުރީ 2014 ވަނަ އަހަރުގެ މާޗް މަހުގެ 9 ވަނަ ދުވަހު ޓެކްސަސްގެ އޮސްޓިންގެ ފޯ ސީޒަންސް ހޮޓަލެއްގެ ތެރޭގައި ކަމަށެވެ.

އެގޮތުން ޖަސްޓިން ވަނީ ރިސިޕްޓްތަކާއި މެއިލްތަކާއި އަދި މީސްމީޑިއާގައި ހުރި ރިޕޯޓްތަކުން އެއީ ދޮގު ތުހުމަތުތަކެއް ކަމަށްބުނެ ހެކި ދައްކައިފައެވެ. އެގޮތުން އެއީ ނުވާ ކަމެއް ކަމަށްބުނެ، ދޮގު ތުހުމަތު ބޮލުގައި އެޅުވުމުން އެކަމާއި ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މީގެ އިތުރުން ޖަސްޓިން ބުނީ އާއްމުކޮށް އޭނާ މީހުން ފަތުރާ ދޮގުވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ނުދޭ ކަމަށާއި، އެހެންނަމަވެސް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތު އެޅުވުމުން އެކަމާ އަޅައިނުލައި ހުރެވޭން ނެތް ކަމަށެވެ.

ޖަސްޓިން ބުނީ އެމީހާއަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނި ރޭ ޖަސްޓިން ހުރީ ކުރީގެ ލޯބިވެރިޔާ ސެލީނާ ގޮމޭޒް އަދި އެކުވެރިންނާއި އެކުގައި ކަމަށެވެ.