(20 ޖޫންގެ އަދަދާ ގުޅޭ)
ޕޫރާންދުޚުތު ޖަވާބު ދެއްވިއެވެ. "ޚުރާސާނީން ރުސްތުމުގެ އަރިހަށް ހިނގައްޖެއެވެ. އެބައިމީހުން ހޭނެއްތުމާއި ފަރަޚުޒާދު ޤަތުލުކުރުމުގައި ކަލޭ ބައިވެރިވާކަން އެމީހުންނަށް ޔަޤީނެވެ. ކަލޭ ހައްޔަރުކުރެވޭއިރު ކަލޭ ތިޔަހަރީ އާޒަރުމީދުޚުތާ އެކުގައެވެ. ދެން އިތުރަށް ބޭނުންވާނީ ކޮންހެއްކެއް ހެއްޔެވެ؟"
"އެކަމަކު އަޅުގަނޑު ހުރީ ޖަލުގައެވެ. ގަނޑުވަރަށް ގެނައުމުގެކުރީން އަޅުގަނޑު ބަންދުކޮށްފައި ބެހެއްޓީ މަދާއިނާ އެތައް ކޯހެއްގެ ދުރުގައެވެ. އަޅުގަނޑުގެ ކޮއްކޮ ވަޑައިގެންވީ ތަނެއްވެސް އަޅުގަނޑަކަށް ނޭނގެއެވެ. އަޅުގަނޑު ބޭނުންވީ ކޮއްކޮ ހޯދުމަށްޓަކައި ޖަލުން މިންޖުވާށެވެ. އާޒަރުމީދުޚުތު އެކަމަނާގެ އަރިހުގައި ފިލަން އަޅުގަނޑު ގާތު ވިދާޅުވުމުން އަޅުގަނޑު އެކަން ޤަބޫލުކުރީ ގަނޑުވަރުން ނުކުމެވުމާއެކު އަޅުގަނޑަށް އެކަމަނާއާ ވަކިވެވިދާނެކަމުގެ އުންމީދުގައެވެ."
ޕޫރާންދުޚުތު މަލާމާތުގެ ރާގެއްގައި ވިދާޅުވިއެވެ. "މީގެކުރީން ކަލޭ ވަނީ ފަރަޚުޒާދަށާއި ފުރޭބުރުޒަށާއި ޝާހުޕޫރަށް ޣަދަރުވެރިވެފައެވެ. މިހާރު ތިޔައުޅެނީ މިއޮތް ފެންނަ ނިކަމެތި އަންހެނާއަށް ޚިޔާނަތްތެރިވާށެވެ. އޭނާ ކަލެޔާމެދު ބަލައިފައިވަނީ ކަލެޔަކީ އޭނާގެ އެންމެފަހުގެ އެހީތެރިޔާ ކަމުގައެވެ. އަހަރެން އާޒަރުމީދުޚުތާމެދު ހީކުރިގޮތް ޙަޤީޤަތަކަށްވީ ކަލޭގެ ނަސީބު ދެރަކަމުންނެވެ. އަހަރެންވަނީ އޭނާއަށް ފިލައިގެން ދެވޭންއޮތް ހަމައެކަނި މަގު ބަންދުކޮށްފައެވެ."
"އަޅުގަނޑު މިހިރީ މުޤައްދަސް އަލިފާނުގެ ކުރިމަތީގައި ހުވާކުރާންވެސް ތައްޔާރަށެވެ. އަޅުގަނޑަކީ ކުށެއްނެތް މީހަކީމެވެ. ފުރޭބުރުޒަކީ އަޅުގަނޑުގެ މުޙުސިނެކެވެ. އަޅުގަނޑަކީ އޭނާއަށްޓަކައި ޤުރުބާންވާން ތައްޔާރަށްހުރި މީހެއްކަމަށް އޭނާގެ ދަނބިދަރިކަލުން ހެކިވެވަޑައިގަންނަވާނެއެވެ. ކަމަނާއަށް އޭނާ އަސްފަހާނުން ގެންނަވައިގެން ސުވާލު ކުރެއްވިދާނެއެވެ."
"އަހަރެން އެއްވެސް މީހަކާ ސުވާލުކުރާކަށެއް ބޭނުމެއް ނޫނެވެ. ކަލޭ ތިޔަހަރީ ހަތިޔާރު އަޅައިގެންނެވެ. ކަލެޔަށް އާޒަރުމީދުޚުތާ ވަކިނުވެވުނީ މިތިބަ އަޅުންދެކެ ބިރުންކަމުގައި ޤަބޫލުކުރާކަށެއް އަހަރެން ނެތީމެވެ."
ޒަރުބަޚުތު ވިދާޅުވިއެވެ. "އަޅުގަނޑުގެ އެންމެގާތް ރަޙުމަތްތެރީންގެ ލެއިން އަތްޕުޅުގައި ކުލަޖެހިފައިވާ މަލަކާއަށް އަޅުގަނޑު ނަފްރަތު ކުރަމެވެ. އެކަމަކު ކަމަނާގެ ކުރިފުޅުމަތީގައި ހޭފުޅުނެތިފައި މިއޮންނެވި އާރެއް ބާރެއްނެތް އަންހެނާއަކީ ނަފުރަތުކުރަން އެކަށީގެންވާ ފަރާތެއް ކަމަކަށެއް ނުދެކެމެވެ."
"އޭނާއަކީ ނަފުރަތުކުރުން އެކަށީގެންވާ ފަރާތެއް ކަމުގައި ކަލޭ ނުބެލިކަމުގައިވިޔަސް އޭނާ އިންޤިލާބު ގެންނެވި ރޭ އަހަރެން އަތުލައިގެންނެވުނުނަމަ އަހަންނާމެދު ޢަމަލުކުރައްވާނެގޮތް އަހަންނަށް އެނގެއެވެ." ޕޫރާންދުޚުތު ސިފައިންނާ ދިމާޔަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. "ބަލާން ތިޔަތިބީ ކީއްވެފައި ހެއްޔެވެ. މިބައިމީހުން ގެންދާށެވެ. އެއްވެސްމީހަކު ފިލަން މަސައްކަތްކޮށްފިނަމަ ބޯއުދުއްސައިލާށެވެ. އާޒަރުމީދުޚުތު ނަގައިގަނެގެން އާތިޝްކަދާގެ އެތެރެޔަށް ވައްދާށެވެ. އެކަމަނާ ބަލަހައްޓަން ހަތަރު މީހުން ފުދޭނެއެވެ. އަހަރެމެންނަށް ގަނޑުވަރު އަތުލައިގަނެވުމުން ސިއްރު ދޮރަކުން އެކަމަނާ އެތެރެޔަށް ގެންދާނަމެވެ."
ސިފައިން ޒަރުބަޚުތާއި ދެއަޅުންގެ ގާތަށް ޖެހިލިއެވެ. ޕޫރާންދުޚުތު ދޮރާއްޓާ ދިމާޔަށް ވަޑައިގެންފިއެވެ. މެދުގޯތީން ބޭރުގައި އަސްތަކެއްގެ ލަގަނުގައި ހިފަހައްޓައިގެންތިބި ބަޔަކު ތިއްބެވެ. ޕޫރާންދުޚުތު ވަޑައިގެން އެތަނުން އަހަކަށް ސަވާރުވެވަޑައިގެންފިއެވެ.
+ + + + +
ފަޖުރުގެ އަލިކަން ފާޅުވުމުގެ ކުރީން ޕޫރާންދުޚުތު ޝާހީ ކިއްލާ ހިއްޕަވައިފިއެވެ. އާޒަރުމީދުޚުތު ބަދަލުކުރެވުނީ އެކަމަނާ އެރެޔާ ހަމަޔަށް ޒަރުބަޚުތު ބަހައްޓަވައިފައިހުރި ޖަލަށެވެ. އޭގެ އެއްދުވަސްފަހުން މަދާއިނުގައި މަޝްހޫރުވީ ރުސްތުމުގެ އަތްޕުޅުން ސިޔާދުޚަޝް ބަލިވި ޚަބަރެވެ. އޭނާ ފިލައިގެންދާން މަސައްކަތްކުރިއެވެ. ނަމަވެސް އޭނާގެ ލަޝްކަރުގެ މީހުން އޭނާ ހައްޔަރުކޮށްފައި ޚުރާސާނީންނާ ހަވާލުކޮށްފިއެވެ. ވިދިގެންއައި ދުވަހު ރުސްތުމު ފަތަޙައިގެ ބެރު ޖައްސަވަމުން މަދާއިނަށް އަރައިވަޑައިގެންނެވިއިރު މަދާއިނުގެ އާއްމުން މަގުތަކަށް ނުކުމެ އޭނާގެ ފައިތިލަފުޅުދަށަށް ފިނިފެންމާ އުކަމުން ގެންދިޔައެވެ. ޕޫރާންދުޚުތުއާއި މަދާއިނުގެ ފުރަދާނައިންނާއި ކަމުވޮށީން ގަނޑުވަރުގެ ދޮރުކޮޅުމަތީން ރުސްތުމަށް މަރުޙަބާ ވިދާޅުވިއެވެ. އޭގެ އެއްގަޑިއިރު ފަހުން ޝާހީ ދަރުބާރުގައި ޕޫރާންދުޚުތު ރަނިކަމަށް އިސްކުރުމުގެ ރަސްމިއްޔާތު ހިނގަމުންދިޔައިރު ދަރުބާރު ބޭއްވެވި ކަމުކާމުން ބޭރުގައި ދިޔައީ އާޒަރުމީދުޚުތަށް ތާއީދުކުރާ މީހުން ހިފައި ހައްޔަރުކުރެވެމުންނެވެ. އެދުވަހުގެ އިރުއޮއްސުމުގެ ކުރީންވަނީ ކޮއިލުގެ ކުރިމަތީގައި އޮންނަ މައިދާނުގައި ސިޔާދުޚަޝްއާއި، ގަނޑުވަރުގެ ބަނޑޭރިއާއި ފުލުހުންގެ ކޮމިޝަނަރުގެ އިތުރަށްވެސް ތިރީސްމީހުން ދަންޖައްސައިފައެވެ. އޭގެތެރޭގައި އެންމެ ފަހުވަގުތާ ހަމަޔަށް ސިޔާދުޚަޝްއަށް އެއްބާރުލުންދިން ސިފައިންގެ އިސް ވިހި އޮފިސަރުންވެސް ހިމެނެއެވެ. ދެންތިބީ އާޒަރުމީދުޚުތުގެ ހިޔާވަހިކަމުގައި ގަނޑުވަރުގެ އެހެނިހެން މުވައްޒަފުންގެ މައްޗަށް އަމުރު ހިންގި ޚާދިމުންނާއި އަޅުންނެވެ. ޚުވާޖާސަރާއިންގެ ސަރުދާރު ވަނީ އާޒަރުމީދުޚުތު ފިލައިވަޑައިގަތުމާއެކު ގަނޑުވަރުގެ ފާރަވެރީންނަށް އެޚަބަރުދިން ކަމުގައި ބަޔާންދީގެން ސަލާމަތްވެފައެވެ. ގަނޑުވަރުގެ ފާރަވެރީންވަނީ އެޚަބަރު ލިބުމާއެކު ގަނޑުވަރުގެ ބަނޑޭރި ފާރުމަތީން ބޭރަށް ވައްޓައިލުމަށްފަހު ދޮރޯށި ހުޅުވައިފައެވެ. އެދުވަހަށްފަހުވެސް ދެތިން ދުވަހެއްގެ ތެރޭގައި ފަސްސަތޭކައެއްހައި މީހުން ހައްޔަރުކޮށް ޖަލަށްލިއެވެ.
ޕޫރާންދުޚުތު ތަޚުތުގައި އިށީނދެވަޑައިގަތުމާއެކު އެކަމަނާ ވަނީ އީރާނުގެ ހުރިހައިކަމެއްގައި މޮއްސެވުމާއި ގޮށްޖެއްސެވުމުގެ ފުރިހަމަ އިޚްތިޔާރު ރުސްތުމަށް ދެއްވައިފައެވެ. ރުސްތުމަކީ ދައުލަތުގެ ވަޒީރުލްއަޢުޒަމެވެ. އަދި ސިފައިންގެ އެންމެ އިސްވެރިޔާއެވެ. އޭނާގެ ރަނުގެ ގޮނޑިކޮޅު ހުންނަނީ މަލަކާގެ ތަޚުތާ ޖެހިގެން ތަޚުތުގެ ކަނާތްފަރާތުގައެވެ. ރުސްތުމު ވަނީ ޤައިދީންގެ ސަރިޔަތްކުރުމަށްޓަކައި ޚާއްޞަ ކޯޓެއް ހައްދަވައިފައެވެ. ނަމަވެސް ކުށުގެ އަދަބު ލުއިކުރުމާއި ބޮޑުކުރުމުގެ އިޚުތިޔާރު ބާއްވަވައިފައިވަނީ އޭނާގެ އަތްޕުޅުމަތީގައެވެ. އޭނާ އަމިއްލަފުޅަށް ނިޔާކަނޑައަޅުއްވަނީ އޭނާގެ ބައްޕާފުޅު ޤަތުލުކުރުމުގައި ބައިވެރިވި ބާރުހުރި ފުރަދާނައިންނާއި ކަމުވޮށީންނާއި މުޖުރިމުންގެ މައްސަލަތަކުގައެވެ. އޭނާގެ އިޚްތިޔާރު ނެތީ ހަމައެކަނި އާޒަރުމީދުޚުތުގެ މައްޗަށް ނިޔާކަނޑައެޅުމުގައެވެ. އެކަމަނާއަކީ ޝާހީ ޢާއިލާގެ މެމްބަރަކަށް ވެވަޑައިގަންނަވާތީއެވެ. ކުޑަދުވަސްކޮޅަކަށް ނަމަވެސް ކިސްރާ ތަޚުތުގައި އިންނަވައިފައިވާތީއެވެ. އެކަމަނާގެ މައްޗަށް ނިޔާކަނޑައެޅުއްވޭނީ ހަމައެކަނި މަލަކާ ޕޫރާންދުޚުތަށެވެ.
ޕޫރާންދުޚުތުގެ އިސްތަށިފުޅުގައި ތާޖުކޮޅު ތުރުކުރެވުނުތާ ތިންދުވަސްފަހެވެ. އާޒަރުމީދުޚުތު ޕޫރާންގެ ދަރުބާރަށް ހާޒިރުކޮށްފިއެވެ. ޕޫރާންދުޚުތު، އާޒަރުމީދުޚުތާ ސުވާލުކުރެއްވިއެވެ. "އާޒަރުމީދުޚުތެވެ! ކަމަނާގެ ދިފާޢުގައި އެއްވެސް އެއްޗެކޭ ވިދާޅުވާން ބޭނުންފުޅުތޯއެވެ؟"
އެކަމަނާ ހަމަޖެހިވަޑައިގެންނެވުމާއެކު އިސްއުފުލައިލައްވައި ނޫނެކޭ ވިދާޅުވުމުގެގޮތުން އިސްތަށިފުޅު ހޫރައިލެއްވިއެވެ.
"ކަމަނާގެ ކުށަށް އިޢުތިރާފުވެވަޑައިގަންނަވަމުތޯއެވެ؟"
އާޒަރުމީދުޚުތު އެއްވެސް ޖަވާބެއް ނުދެއްވިއެވެ.
"ކަމަނާ އީރާނުގެ ތަޚުތަށް ވެރިވެވަޑައިގެންނެވުމުގެ ބޭނުންފުޅުގައި ނުރައްކާތެރި ރޭއްވެވުމެއް ރޭއްވެވީމުތޯއެވެ؟ ފަރަޚުޒާދާއި، ފުރޭބުރުޒާއި، ޝާހުޕޫރު ޤަތުލުކުރެއްވުމަށްޓަކައި ސިޔާދުޚަޝްގެ ޚިދުމަތް ހޯއްދެވީމުތޯއެވެ؟"
އާޒަރުމީދުޚުތު އިރުކޮޅެއްވަންދެން ޖަވާބެއް ނުދެއްވައި ޕޫރާންދުޚުތާ ދިމާޔަށް ބައްލަވާން ހުންނެވިއެވެ. އިރުކޮޅަކުން އެކަމަނާގެ ނަޒަރު ހުއްޓައިލެއްވީ މަލަކާގެ ކަނާތްޕުޅު ފަރާތުގައި ރަނުގެ ގޮނޑިކޮޅެއްގައި އިންނެވި ހަށިކޮޅުގަދަފަދަ ރީތި ޒުވާނާގެ މައްޗަށެވެ. ރުސްތުމާ ދިމާޔަށް ބައްލަވައިލެއްވުމަށްފަހު އާޒަރު ވިދާޅުވިއެވެ. "އީރާނުގެ މަލަކާއަކަށްވާން މަސައްކަތްކުރުމަކީ ކުށެއްކަމުގައިވާނަމަ ކަމަނާވެސް އެކުށުގައި އަޅުގަނޑާއެކު ބައިވެރިވެވަޑައިގެންނެވީމުއެވެ. އަޅުގަނޑު ގަބޫލުކުރަމެވެ. އަޅުގަނޑަށްވަނީ ނާކާމިޔާބުވެފައެވެ. ކަމަނާ ކާމިޔާބު ކުރައްވައިފީމުއެވެ. އީރާނުގެ ތަޚުތަށް ދުލެއް ލިބިފައި އެތަޚުތުގެ ޒީނަތަކަށްވާން އެކަށީގެންވަނީ ކާކުތޯ އެމީހެއްގެ ބަރު އުފުލަން އެ ތަޚުތު ހިތާމަކޮށް ލަދުވެތިވަނީ ކާކުގެތޯ ކުރެވޭ ސުވާލަށް ޖަވާބު ދެވޭނެނަމައެވެ."
ދަރުބާރަށް ހިމޭންކަން ވެރިވެއްޖެއެވެ. ޕޫރާންދުޚުތު އެކަމަނާގެ ހިކިފައިވާ ތުންފަތްޕުޅުގައި ދޫފުޅު ކާއްތަވަމުން ވިދާޅުވިއެވެ. "ކަމަނާއަކީ ޤާތިލަކީމުއެވެ. ކަމަނާގެ އެކުވެރީންވަނީ ކަމަނާއާ ދެކޮޅަށް ހެކިބަސްދީފައެވެ. ކަމަނާގެ މައްޗަށް ޙުކުމް އިއްވުމަށްޓަކައި އެއްވެސް ބަޙުޘެއްގައި ހައްޔަރުވާކަށެއް ބޭނުމެއް ނޫނެވެ. ކަމަނާ މިތަނަށް މިގެނުވީ ފަހަރެއްގައި ކަމަނާ ދެއްވާ ބަޔާނަކުން ކުށެއްނެތް މީހެއްގެ ފުރާނަ ސަލާމަތް ކުރެވިދާނެތީއެވެ. ފަރަޚުޒާދު ޤަތުލުކުރެއްވުމުގެ ކުރީން ކަމަނާ ވަނީ އޭނާގެ ފާރަވެރީންގެ ވެރިކަމާ ހަވާލުކުރެވިފައިވާ ޒުވާނާ ކަމަނާގެ މަގުން އެއްފަރާތް ކުރައްވައިފައިތޯއެވެ؟ މި ސުވާލު ކުރަނީ ޒަރުބަޚުތާ ބެހޭގޮތުންނެވެ."
"ޒަރުބަޚުތު!" އާޒަރުމީދުޚުތުގެ ހިތްޕުޅުގައި އުންމީދުގެ ހުޅުކޮޅެއް ދިއްލުމާއެކު ސުވާލު ކުރެއްވިއެވެ. "އޭނާ ދުނިޔޭގައި އެބަހުންނެވިތޯއެވެ؟"
"އޭނާ ދިރިހުންނެވުމާއި ޤަތުލުކުރެވުން ބިނާވެފައިވަނީ ކަމަނާ ދެއްވާ ބަޔާނުގެ މައްޗަށެވެ. "ފަރަޚުޒާދު ޤަތުލު ކުރެވުމުގެ ކުރީން އޭނާ ވަނީ މަސްތުކުރުވައި ޒަޚަމުކޮށްލައްވައިފައިތޯއެވެ؟"
"އޭނާއާމެދު ބޭއިންސާފުން ކަންތައް ނުކުރައްވަން ކަމަނާ ވަޢުދުވެ ވަޑައިގަންނަވާނަމަ އަޅުގަނޑު މިހިރީ ތިޔަ ސުވާލުގެ ޖަވާބު އަރުވަން ތައްޔާރަށެވެ."
ރުސްތުމު ވިދާޅުވިއެވެ. "އީރާނުގެ މަލަކާ މުޖްރިމަކަށް ވަޢުދެއް ވެވަޑައިގެންނެވުމުގެ ބޭނުމެއް ނެތެވެ. އޭނާ އެކަމަނާގެ ރޭއްވެވުމުގައި ބައިވެރިވެވަޑައިނުގެންނެވި ކަމުގައިވިޔަސް އޭނާގެ ވާޖިބު އަދާކުރެއްވުމުގައި ފަރުވާކުޑަ ކުރެއްވީތީ ބޮޑު އަދަބުން އަދަބު ލިބޭންޖެހޭނެއެވެ."
އާޒަރުމީދުޚުތު ޕޫރާނާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "ޕޫރާންދުޚުތެވެ! ކަމަނާގެ އާރެއް ބާރެއް ނެތްކަމާއި އެއްވެސް އިޚްތިޔާރެއް ނެތް މިންވަރު އަޅުގަނޑަށް އެނގެއެވެ. އެހެންކަމާއެކުވެސް އަޅުގަނޑު ކަމަނާގެ ސުވާލަށް ޖަވާބު އަރުވަމެވެ. ފަރަޚުޒާދު ހޭފުޅުނެތިފައި އޮންނަވަނިކޮށް ޤަތުލުކުރެވުނު ފަދައިން ޒަރުބަޚުތުވެސް ޒަޚަމުވެވަޑައިގެން ހައްޔަރުވެވަޑައިގަތީ ޢަމަލުވެވަޑައިގެންފައިވަނިކޮށެވެ. ދެބޭފުޅުންވެސް ރާފޮދު ހިއްޕެވީ އެއްކަންވާރަކުންނެވެ."
ރުސްތުމު ތެދުވެވަޑައިގެން ވިދާޅުވިއެވެ. "މަލަކާ ޢާލަމެވެ! އޭނާ އަޅުގަނޑުގެ ބައްޕާފުޅު ޤަތުލުކުރުމުގެ ރޭވުމުގައި ބައިވެރިވެވަޑައިނުގެންނެވި ކަމުގައިވިޔަސް އޭނާއަށް ދެވޭނެ އެންމެބޮޑު ރިޢާޔަތަކަށްވާނީ އޭނާއަށް ދަންޖެއްސުމުގެ އަދަބު ނުދިނުމެވެ. ނަމަވެސް އޭނާއަށް އޭނާގެ ފަރުވާކުޑަކަމުގެ އަދަބު ލިބިވަޑައިގަންނަވާން ޖެހޭނެއެވެ. އޭނާއާ ބެހޭގޮތުން އަޅުގަނޑުމެން ވިސްނާންޖެހޭނެހައިވެސް ކަމަކީ އޭނާ ބަހައްޓަން އެންމެ އެކަށީގެންވާ ޖަލަކީ ކޮބައިތޯއެވެ. އެކަމަކު މިހާރު ކަމަނާފާނުގެ ކުރިފުޅުމަތީގައިވަނީ އެ މުޖުރިމާއަކަށް ކިތަންމެބޮޑު އަދަބެއްވެސް ބޮޑު އަދަބަކަށް ނުވާނެ މުޖްރިމާއެކެވެ."
ޕޫރާންދުޚުތު ވިދާޅުވިއެވެ. "އެކަމަނާ ގެންދާށެވެ!"
އާޒަރުމީދުޚުތު ވިދާޅުވިއެވެ. "އަޅުގަނޑަށް އެނގެއެވެ. ކަމަނާ އަޅުގަނޑު މަރަން ނިޔާކަނޑައަޅުއްވައިފީމުއެވެ. އެކަމަކު ކަމަނާގެ ދޫފުޅުން އެ ނިޔާގެ އަޑުއަހަން އަޅުގަނޑު ބޭނުމެވެ."
"އެކަމަނާ ގެންދާށެވެ." ޕޫރާންދުޚުތު ފިކުރުފުޅު ބޮޑުވުމާއެކު ވިދާޅުވިއެވެ.
ސިފައިންގެ ދެމީހުން އާޒަރުމީދުޚުތުގެ އަރިހަށް ކައިރިވެލިއެވެ. ނަމަވެސް އެކަމަނާ އެދެމީހުންގެ އަތް ފޮޅުވައިލައްވައިފިއެވެ. އެކަމަނާ ހަޅޭފުޅުލައްވައިގެންނެވިއެވެ. "ޕޫރާނެވެ! މިއަދަށްފަހު އަޅުގަނޑަށް ކަމަނާ ނުފެންނާނެކަން އެނގެއެވެ. އަޅުގަނޑު މަރުދެކެ ބިރެއް ނުގަނެއެވެ. އަޅުގަނޑު ކަމަނާއަށް ނަސޭހަތްޕުޅެއް އަރުވަން ބޭނުމެވެ. މިނިކާވަގަކަށް ކަންބަޅި ގޮއްވަކަށް ނުވެވޭނެއެވެ. ކަމަނާ އީރާނުގެ މުސްތަޤުބަލު ތިޔަ ހަވާލުކުރައްވަނީ ނުރައްކާތެރި މީހަކާއެވެ. ފަރަޚުޒާދުގެ ދަރިފުޅު އޭނާގެ ގޮނޑީން ތެދުވެ ކަމަނާގެ ތަޚުތުގައި އިށީނދެފައި ކަމަނާ ދަންޖައްސާ ފިލާގަނޑަށް އެރުވުން ލަހެއް ނުވާނެއެވެ."
ރުސްތުމު ކޯފާވެގެން ތެދުވެވަޑައިގެންނެވިއެވެ. ނަމަވެސް ޕޫރާންދުޚުތު އަތްޕުޅުން އިޝާރަތްކޮށްލެއްވުމުން އޭނާގެ ތުންފަތްޕުޅުގައި ސިލް ޖެހިއްޖެއެވެ.
ޕޫރާންދުޚުތު އާޒަރާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ. "ކަމަނާ ދުނިޔޭގައި އިންނަވާނޫއެވެ. އެކަމަކު ކަމަނާއަކަށް ދެނެއް އަޅުގަނޑު ފެނިވަޑައެއް ނުގަންނަވާނެއެވެ. މިއަދުގެ އިރުއޮއްސުމުގެ ކުރީން ކަމަނާގެ ދެލޯފުޅު ކޮނެލެވޭނެއެވެ."
އާޒަރުމީދުޚުތު އިރުކޮޅެއްވަންދެން އެއްވެސް ހަރަކާތެއްނެތި ހުންނެވިއެވެ. އިރުކޮޅަކުން އެކަމަނާ ހަޅޭފުޅުލައްވަވައިގެންނެވިއެވެ. "ނޫނެކެވެ! ނޫނެކެވެ. ޕޫރާންދުޚުތެވެ! އަޅުގަނޑު އަރުވާލައްވަވާށެވެ! ނުވަތަ ޤަތުލުކުރައްވާށެވެ! އަޅުގަނޑު މިހިރީ ދަންޖައްސާ ފިލާގަނޑަށް އަރާން ތައްޔާރަށެވެ. އެކަމަކު އަޅުގަނޑަށް އަނިޔާ ނުކުރައްވާށެވެ."
"އީރާނުގެ މުސްތަޤްބަލަށްހުރި އެންމެ ބޮޑު ނުރައްކަލަކީ ކަމަނާގެ ތިޔަހަރަ ދެލޯފުޅެވެ." ޕޫރާންދުޚުތު އެހެން ވިދާޅުވެފައި ތެދުވެވަޑައިގެންފިއެވެ. ތަޚުތުގެ ފަހަތުގައިހުރި ދޮރުކޮޅާ ދިމާޔަށް ވަޑައިގެންފިއެވެ.
"ޕޫރާން ހުއްޓިވަޑައިގަންނަވާށެވެ. އަޅުގަނޑަށް ރަޙުމް ކުރައްވާށެވެ!"
ނަމަވެސް ޕޫރާންދުޚުތު ބޯފަރުދާގެ ފަހަތަށް ވެދެވަޑައިގެން ކަރުނަފޮދު ފޮއްސަވާން ހުންނެވިއެވެ.
ރުސްތުމުގެ އަމުރުފުޅަށް ސިފައިން އާޒަރުމީދުޚުތުގެ ދެމުލައްދަނޑިފުޅުގައި ހިފަހައްޓައިފިއެވެ. ނަމަވެސް އެކަމަނާ އެއްވެސް ދެކޮޅުވެރިކަމެއް ނުދެއްކެވިއެވެ.
(ނުނިމޭ)