ވިޔަފާރި

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ފަސްރަށެއްގައި ޕްރޮޖެކްޓު ހިންގުމަށް ބޭނުންވާ ފައިސާ ހަވާލުކޮށްފި

މަރިޔަމް ޝަހުދާ

1

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ފަސްރަށެއްގައި ޕްރޮޖެކްޓު ހިންގުމަށް ބޭނުންވާ ފައިސާ ހަވާލުކޮށްފި އެވެ.

ބީއެމްއެލް އިން މައުލޫމާތު ދިން ގޮތުގައި ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓުތަކަށް އެހީވުމަށް ހިންގާ ހަރަކާތެކެވެ.

އެގޮތުން މި ފަންޑުގެ ދަށުން ބީއެމްއެލްއަށް ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން ކޮންމެ ކުއާޓާއެއްގައި ފަސް ޕްރޮޕޯސަލަކަށް ބީއެމްއެލްއިން ފަންޑު ކުރެއެވެ. އެގޮތުން މިއަހަރު ފުރަތަމަ ކުއާޓާގައި ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ފަސް ޕްރޮޖެކްޓު ހިންގުމަށް ބޭނުންވާ ފައިސާ މިހާރު ހަވާލުކޮށްފައިވާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ޕްރޮޖެކްޓް ހިންގުމަށް ފައިސާ ހަވާލު ކުރި ފަސް ޕްރޮޖެކްޓަކީ؛

  • ށ. ކަނޑިތީމުގައި ކޮމިއުނިޓީ ޕާކެއް ގާއިމު ކުރުން - ޖިނާން މުހައްމަދު
  • އއ. ތައުލީމީ މަރުކަޒުގެ (އއ. ރަސްދޫ) ލައިބްރަރީ ތަރައްގީ ކުރުން - އިސްމާއީލް ޝިމާއު
  • ތ. ވޭމަންޑޫ ބީޗް ސަރަހައްދުގައި ޕިކްނިކް އޭރިއާއެއް ތައްޔާރު ކުރުން - ފަހުދު އަބްދުއްޝަކޫރު
  • ގދ. ވާދޫގައި ސްކޭޓް ޕާކެއް ގާއިމު ކުރުން - ހުވަދޫ އެސޯސިއޭޝަން ފޯ ޓުއަރިޒަމް (ހެޓް)
  • ސ. ފޭދޫގައި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ޕާކެއް ގާއިމު ކުރުން - ޝިމްލާ އަހުމަދު

މިކަމާ ގުޅިގެން ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު މައުލޫމާތު ދެއްވި ގޮތުގައި ކޮވިޑް 19ގެ ސަބަބުން އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ ދަށުން ހިންގާ ޕްރޮޖެކްޓުތައް ނިންމުމުގައި ލަސްތަކެއް ވަނީ ދިމާވެފައެވެ. ކޮވިޑް 19ގެ ބަލިމަޑުކަމާ ގުޅިގެން ދަތިތަކެއް ހުރިނަމަވެސް އަމާޒަކީ ކުރީ އަހަރެކޭ އެއްފަދައިން މިއަހަރުވެސް މުޖުތަމައަށް ފައިދާ ކުރާނެ 20 ޕްރޮޖެކްޓަކަށް މި ފަންޑުގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ސައީދު ވިދާޅުވިއެވެ.

ބީއެމްއެލް އިން މައުލޫމާތު ދިން ގޮތުގައި ބީއެމްއެލްގެ މި ފަންޑުގެ ދަށުން މިހާތަނަށް 25 ރަށެއްގައި މުޖުތަމައަށް ފައިދާ ކުރާ ޕްރޮޖެކްޓުތައް ހިންގުމަށް އެކުންފުނިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ބީއެމްއެލް އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުން ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށް، ތައުލީމާއި ކުޅިވަރު ހަރަކާތްތައް، އަދި ތިމާވެށި ހިމާޔަތް ކުރުން ފަދަ ޕްރޮޖެކްޓުތައް ހިންގުމަށް ބޭނުންވާ ފައިސާ ދޭނެ ކަމަށް ބީއެމްއެލް އިން މައުލޫމާތު ދެއެވެ. އެގޮތުން ޕްރޮޖެކްޓު ހިންގުމަށް ފައިސާ ބޭނުންވާ މީހުންނަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިއަހަރު ހުޅުވާލާނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކަމަށް ބީއެމްއެލް އިން މައުލޫމާތު ދެއެވެ.

އެގޮތުން ފުރަތަމަ ދެ ފިޔަވަހީގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން ކޮންމެ ފިޔަވައްސެއްގައި ހުޅަހަޅާ އެންމެ ރަނގަޅުފަސް ޕްރޮޕޯސަލް ހޮވާނެ ކަމަށާއި، ތިންވަނަ ފިޔަވަހީގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން 10 ޕްރޮޕޯސަލެއް ހޮވާނެ ކަމަށް ބީއެމްއެލް އިން މައުލޫމާތު ދެއެވެ. އަދި ކޮންމެ ޕްރޮޕޯސަލެއްގައި ހިމެނޭ ޕްރޮޖެކްޓުގެ މަސައްކަތް ނިންމުމަށް 50،000 ރުފިޔާ ދިނުމަށް ހަމަޖައްސާފައިވާ ކަމަށްވެސް ބީއެމްއެލް އިން މައުލޫމާތު ދެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟