ރައްޔިތުންގެ މަޖިލިސް

މަރު ކޮމިޝަން މިހާރުން މިހާރަށް އުވައިލަން މެންބަރު މިކާއިލް ގޮވާލައްވައިފި

އިބްރާހިމް ޒަކީ

1

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސުލް ޖުމްހޫރިއްހާ އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދެވި މަރު ކޮމިޝަން މިހާރުން މިހާރަށް އުވާލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މިކާއީލް ނަސީމު ވިދާޅުވެއްޖެއެވެ.

މަރު ކޮމިޝަނަށް ދެން މަސައްކަތް ކުރިއަށް ގެންދެވެން ނެތްކަމަށް އެ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގަވާފައިވާ ކަމަށް، ވިދާޅުވެ ދެން އެމަސައްކަތް މަޖިލީހުން ކުރިއަށް ގެންދާނެ ގޮތަކާމެދު މެންބަރުންގެ ހިޔާލަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ހުޅުއްވައިލެއްވި ފުރުސަތުގައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ، އެ މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ފާޅުކަން ބޮޑު ގޮތެއްގައި ކޮމިޝަނުން ބުނަމުންދާނަމަ ކޮމިޝަން އޮތުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ޓެކްސް ފައިސާއިން ބޮޑު މުސާރަ ދީގެން ފައިސާ ހަރަދު ކޮށްގެން ދެއަހަރެއްހާ ދުވަސް ވީ އިރުވެސް ނަތީޖާ ނުނެރެވޭ ނަމަ ކޮމިޝަންގެ ބޭނުމެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އެ ތަހުގީގުތައް ކުރިޔަށް ގެންދިއުމުގައި ފުލުހުންގެ މައްޗަށް އިތުބާރު ނެތިގެން، ކޮމިޝަނެއް އުފައްދައި އެ ކޮމިޝަނަށް ހާއްސަ ބާރުތަކެއްދީގެން މަޖިލީހުން ގާނޫނެއް ހަދާފައި ވަނިކޮށް، ވަކި މެއިންޑޭޓެއް ނެތިގެން ފުލުންހުގެ ކިބައިން ވަކި ކަމަކަށް ކޮމިޝަނުން އެދެން ޖެހުމަކީ ވަރަށް ހެއްވާކަމެއް ކަމަށްވެސް މިކާއީލް ވިދާޅުވިއެވެ. މީކާއީލް މިހެން ވިދާޅުވީ، ކޮމިޝަނުން ބައެއް ކަންކަމުގައި ފުލުހުންގެ ތަހުގީގަށް އެދިފައިވާކަމަށް މަޖިލިސް ރައީސް ވިދާޅުވުމުންނެވެ.

މީކާއީލް ވިދާޅުވީ އެ މައްސަލަތަކާ ބެހޭގޮތުން، ދެން ކަންތައްތައް ކުރެވެން އޮތީ މަޖިލީހުގެ ގައުމީ ސަލާމަތާބެހޭ ކޮމިޓީން އެ މައްސަލަ ބަލައި އެކަންކަން ހާމަކޮށްދިނުމަށް ކަމާބެހޭ ރިޕޯޓެއް ނެރެގެން ކަމަށެވެ. ނުވަތަ އެ މައްސަލަތައް ތަހުގީގު ކުުރުމަށް އާ މުައްސަސާއެއް ސަންސެޓް ގާނޫނަކުން އުފަން ކުރުމެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟