ރިޕޯޓް

މާބަނޑު ދުވަސްވަރު ކެއުމުގައި ލޮނުމެދު ބޭނުން ކުރުން ރައްކާތެރިބާ؟

އީމާ މުހައްމަދު ވަހީދު

1

މާބަނޑު ދުވަސްވަރަކީ އަންހެން މީހާގެ ސިއްހަތަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހޭ ދުވަސްވަރެކެވެ. އެގޮތުން މާބަނޑު ދުވަސްވަރު ބައެއް ބާވަތްތަކުގެ ކެއުންތަކުން ދުރުހެލިވުމަށް ސިއްހީ ތަޖުރިބާކާރުން ވަނީ އިލްތިމާސްކޮށްފައެވެ. މީގެއިތުރުން، މާބަނޑު ދުވަސްވަރު ކޮންމެހެންވެސް ކާން ޖެހޭ ބައެއް ބާވަތްތައް ވެސް ހުންނާނެއެވެ.

ލޮނުމެދަކީ ކެއުމުގައި ވަރަށް ގިނަ ބަޔަކު ރަހަ މީރުކުރަން އަޅާ ބާވަތެކެވެ. ލޮނުމެދާއި ނުލައި ދިވެހިންގެ ގިނަ ކެއުންތައް ފުރިހަމަ ނުވާނޭ ބުނުމަކީވެސް މުޅިން ދޮގު ވާހަކައެއް ނޫނެވެ. މިހާ ހިސާބުން އުފެދޭ ސުވާލަކީ ލޮނުމެދަކީ މާބަނޑު ދުވަސްވަރު ކެއުމުގައި ހިމެނުން ރައްކާތެރި ބާވަތެއް ތޯއެވެ؟

މާބަނޑުދުވަސްވަރު ލޮނުމެދު ކެވިދާނެތަ؟

ލޮނުމެދަކީ އެންޓިވައިރަލް ކާނާގެ ބާވަތެއްގެ އިތުރުން ހަށިގަނޑަށް ވަރަށް ފައިދާހުރި މާއްދާތަކެއް އެކުލެވޭ ބާވަތެކެވެ. މާބަނޑު ދުވަސްވަރު ކެއުންބުއިމުގައި ހިމަނަން ނުޖެހޭ ބާވަތްތަކުގެ ތެރޭގައި ކެފައިން ހިމެނޭ ބުއިންތައް ހިމެނެއެވެ. ސިއްހީ ތަޖްރިބާކާރުން މާބަނޑު ދުވަސްވަރު ކެއުން ރައްކާތެރި ނޫން ކަމަށް ބުނެފައިވާ ބާވަތްތަކުގެ ތެރޭގައި ލޮނުމެދެއް ނުހިމެނެއެވެ.

މާބަނޑު ދުވަސްވަރު ލޮނުމެދު ކެއުމުން ވަނީ ކިހިނެއް؟

ލޮނުމެދަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކުރަން ގޭގައި ތިބެގެން ހޯދިދާނެ ފަރުވާއެކެވެ. އެގޮތުން ބަލިވެ އިންނަތާ ފުރަތަމަ 4 މަހު ކެއުމުގައި ގިނައިން ލޮނުމެދު ބޭނުން ކުރުމަކުން ލިބޭނެ މާބޮޑު ނުރައްކަލެއް ނެތެވެ. އެހެންނަމަވެސް ވިހަން ގާތްވުމުން ކެއުމުގައި އެހާ ގިނައިން ލޮނުމެދު ނުހިމެނުމަށް ސިއްހީ ތަޖްރިބާކާރުން ލަފާ ދެއެވެ. މަދު މަދުން ކެއުމުގައި ލޮނުމެދު ހިމެނުމަކީ ކުރިންވެސް ފާހަގަކުރިހެން މައްސަލައެއް ނޫނެވެ. ލޮނުމެދުގައި ހިމެނޭ ބްލަޑް ތިނިންގް މާއްދާތަކުގެ ސަބަބުން ގިނައިން ލޮނުމެދު ބޭނުން ކޮށްފިނަމަ، ބްލަޑް ޕްރެޝަރަށް އަސަރު ކުރުމުގެ ފުރުސަތު އޮވެއެވެ. އެހެންކަމުން އެހާ ގިނައިން ލޮނުމެދު ނުކެއުމަށް ސިއްހީ ތަޖްރިބާކާރުން ލަފާ ދެއެވެ.

ލޮނުމެދުން ހަށިގަނޑަށް ލިބޭ ފައިދާތައް

ލޮނުމެދަކީ ހަށިގަނޑަށް ބޭނުންވާ ނިއުޓްރެއިންޓްސް ލިބުމުގެ އިތުރުން ވިޓަމިންސް އަދި މިނަރަލްސްގެ މާއްދާތަކުންވެސް މުއްސަނދިވެފައިވާ ކެއުމުގެ ބާވަތެކެވެ. މީގެ އިތުރުން، ލޮނުމެދަކީ އެންޓި ބެކްޓީރިއަލް ޑްރަގެއްގެ ގޮތުގައިވެސް ބޭނުން ކުރާ އެއްޗެކެވެ. ލޮނުމެދު ކެއުމުން ހަށިގަނޑުގައި ލޭދައުރުވާ ނިޒާމު އާދައިގެ ހަމައެއްގައި ހުރުމަށް އެހީތެރިވެދެއެވެ. ލޮނުމެދުގައި ހިމެނޭ އެލަސިންގެ މާއްދާގެ ސަބަބުން ހަަށިގަނޑުގައި އުޅޭ އެކިކަހަލަ ބަލިފަތުރާ ޖަރާސީމުތައް މަރާލާއެވެ.

ޝައްކެއްވެސް ނެތެވެ. މާބަނޑު ދުވަސްވަރު ލޮނުމެދު ކާނަމަ ސަމާލުކަން ދޭން ޖެހޭ ކަންކަން އެބަ ހުއްޓެވެ. ލޮނުމެދަކީ މާބަނޑު ދުވަސްވަރު ބޭނުން ކުރުން ރައްކާތެރި ބާވަތެކެވެ. އެހެންނަމަވެސް އެއްވެސް އިމެއް ނެތި މާގިނައިން ލޮނުމެދު ބޭނުން ކުރުމަކީ އެހާ ރައްކާތެރިކަމެއް ނޫނެވެ. މާބަނޑު ދުވަސްވަރު ތިމާގެ ސިއްހަތާ ގުޅިގެން ކެއުން ބަހައްޓަންވީ ގޮތުގެ ޕްލޭނެއްވެސް ތައްޔާރުކޮށްލުމަކީ މުހިންމު ކަމެކެވެ. ސަބަބަކީ ބައެއް މީހުންގެ ސިއްހީ އެކި ކަހަލަ މައްސަލަތައް ވެސް ހުންނާނެ އެވެ. ކެއިންބުއިމަށް ގެންނާން ޖެހޭ ގިނަ ބަދަލުތައް ގުޅިފައި ވާނީވެސް އެމީހެއްގެ ސިއްހަތުގެ ދުޅަހެޔޮކަމުގެ މައްޗަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟