އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ މާލޭ މެންބަރުން ތިއްބެވީ، މާލޭ ރައްޔިތުންނަށް ގޯތިދޭން ތައްޔާރަށް ކަމަށާއި، ގޯތި ނުދީފިނަމަ ގޮސް ރޯނު ދަމައިގެންވެސް އެކަން ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ބޮންޑާ ވިދާޅުވީ، ކޮމިޑް 19 އަށްފަހު ރާއްޖެ ހުޅުވިގެން ދާއިރު، މާލޭ ރައްޔިތުން ތިބީ ބޯހިޔާވަހިކަން ނެތި، ވަންނާނެ ތަނެއް ނެތި، ދިރިއުޅޭނެ ގޮތެއް ނެތި ވަރަށް ނިކަމެތި ހާލުގައި ކަމަށެވެ.
ކޮވިޑް 19 އިގެ މިހާލަތުގައި އެ ރައްޔިތުން ތިބީ ތަކުލީފުގައި ދިރިއުޅެން ކަމުނުދާ ބިލްޑިންތަކެއްގައި ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން މިހާރު ހުރި އެޕާޓްމަންޓްތަކަށް އެފަދަ ރައްޔިތުން ސަރުކާރުން ބަދަލު ކުރަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މެންބަރު ވިދާޅުވީ، ގުޅިފަޅަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ގޯތި ދިނުމަށް ސަރުކާރުން ވައުދުވެފައިވާ ތަނެއް ކަމަށެވެ. އެއީ ފުއްދަން ޖެހޭ ވައުދެއް ކަމަށާއި އެ ވައުދު ނުފުއްދައިފި ނަމަ ރައްޔިތުން މި ނިޒާމަށް އިތުބާރު ނުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން އެތަނުން ގޯތި ދީ އެމްޑީޕީން އެވައުދު ފުއްދަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އެހެންނޫނީ މުސްތަގުބަލުގައި މެނިފެސްޓޯއަށް ރައްޔިތުން އިތުބާރު ނުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
ބޮންޑާ ވިދާޅުވީ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ވެށިފަހި ޕްރޮކްރާމްގެ ދަށުން މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ވެފައިވާ ވައުދުތަކާ އެއްގޮތަށް ހުޅުމޭލޭ ތަންތަނުން ބިންވެސް އެލޮކޭޓް ކޮށްފައިވާ ކަމަށެވެ. އަދި އެ ވައުދު ފުރިހަމަ ކުރެއްވުމަށް ވަރަށް ބުރަކޮށް އެމަނިކުފާނު މަސައްކަތް ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެކަމަށް އެޅޭ ކޮންމެ ހުރަހެއް ގިރާކޮށް އެ ބޭފުޅުން އެކަން ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.