އިބްރާހިމް ޒަކީ
މާވެޔޮ މިސްކިތުގެ ހުރިހާ މަސައްކަތެއް ނިންމައި، މިދިޔަ ހޮނިރު ދުވަހު ސަރުކާރާ ހަވާލު ކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.
އެ މިސްކިތާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މާވެޔޮ މިސްކިތް ހުރިތަނުގައި އާ މިސްކިތެއް އިމާރާތްކުރުމަށް އިސްލާމިކް މިނިސްޓްރީއަށް ހުއްދައަށް އެދި ހުށަހެޅީ 14 ނޮވެމްބަރު 2014 ގައި ކަމަށެވެ.
އެކަމާ ގުޅިގެން ޑިސެމްބަރު 2015 ގައި އެ މިސްކިތުގައި ނަމާދު ކުރުން ހުއްޓާލައި 20 ޖެނުއަރީ 2016 ގައި މިސްކިތް ތަޅައިލި ކަމަށެވެ. އެއަށްފަހު 2017 ގައި މިސްކިތުގެ ފައުންޑޭޝަން އަޅައި ކޮންގްރީޑްގެ މަސއްކަތް ނިމުނުކަން މިނިސްޓްރީއަށް އަންގާފައިވަނީ 2019 ޖެނުއަރީގައި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މިދިޔަ ރަމަޟާން މަހުގެ ކުރިން 16 އޭޕްރީލްގައި، މިސްކިތް އިމާރާތްކުރި ފަރާތުން މިނިސްޓްރީއާ މިސްކިތް ހަވާލުކުރަން މަސައްކަތްކުރި ކަމަށެވެ. ނަމަވެސް ލޮކްޑައުންއާ ހެދި އެކަން ނުކުރެވި އޮތީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިސްކިތް ހުޅުވަން ޖެހޭ ހުރިހާ ތައްޔާރީތައް ވެ ނިމިފައިވާ ކަމަށެވެ. ނަމަވެސް އެޗްޕީއޭއިން ހުއްދަ ދިންހާ އަވަހަކަށް ޖަމާއަތުގައި ނަމާދާއެކު މިސްކިތް ހުޅުވިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.