ޝުޝާންތު ސިންގު ރާޖުޕުތު އަމިއްލައަށް ދަންޖެހިގެން މަރުވުމާއި ގުޅިގެން ބޮލީވުޑް ތެރޭގައި ނެޕްޓިޒަމާއި ތަފާތު ކުރުންތައް އޮތް މިންވަރާއި ބެހޭ ގޮތުން ދަނީ ގިނަބަޔަކު ބަހުސްކުރަމުންނެވެ. އެގޮތުން ބޮލީވުޑްގެ މަޝްހޫރު އާއިލާތަކަށް ނިސްބަތްވާ ތަރިންނަށް މީހުން ދަނީ ތަފާތު އެއްޗެހި ކިޔައި، އެމީހުންނާ ދެކޮޅަށް ކޯޓަށް މައްސަލަތައްވެސް ހުށަހަޅަމުންނެވެ.
ޝުޝާންތުގެ މަރާ އެކު މީހުންގެ ނަފްރަތު އެންމެ ބޮޑަށް އަމާޒުވި ތަރިންގެ ތެރޭގައި ސޯނަމް ކަޕޫރު އަހޫޖާ، ސޮނާކްޝީ ސިންހާ، އާލިއާ ބަޓް އަނަންނުޔާ ޕާންޑޭ އަދި ކަރަން ޖޯހަރު ފަދަ މަޝްހޫރު ޕްރްޑިއުސަރުންނާއި ޑައިރެކްޓަރުންވެސް ހިމެނެއެވެ.
އާއްމުން ޓުވީޓާ އަދި އިންސްޓަގްރާމުގައި ކިޔަމުންދާ އެއްޗިއްސަށް ކެތް ނުވެގެން ސޯނަމު ކަޕޫރު އަހޫޖާ ވަނީ އޭނާގެ ރަސްމީ އިންސްޓަގްރާމު އެކައުންޓްގައި ހިއްސާ ކުރާ ޕޯސްޓްތަކަށް މީހުންނަށް ކޮމެންޓް ނުކުރެވޭ ގޮތް ހަދައިފައެވެ. މީގެ އިތުރުން އޭނާގެ ބައްޕަ އަނިލް ކަޕޫރާއި މަންމަ ސުނީތާ ކަޕޫރުގެ ވެސް ވަނީ އިންސްޓަގްރާމުގައި މީހުންނަށް ކޮމެންޓް ނުކުރެވޭ ގޮތް ހަދައިފައެވެ.
ކޮމެންޓް ނުކުރެވޭ ގޮތަށް ހެދުމަށް ފަހު ސޯނަމު ބުނީ، އޭނާ އިންސްޓަގްރާމުގައި ހިއްސާ ކުރާ ޕޯސްޓްތަކަށް ކޮމެންޓް ނުކުރެވޭ ގޮތް ހެދީ މީހުން ކިޔާ އެއްޗެހިން އޭނާ ހިތަށް ކުރާ އަސަރު، 64 އަހަރުގެ މުސްކުޅި މައިންބަފައިންގެ ހިތަށް ކުރަން ބޭނުން ނުވާތީ ކަމަށެވެ. އަދި ކޮމެންޓް ނުކުރެވޭ ގޮތަށް ހެދީ ބަޔަކު ދެކެ ބިރުން ނޫން ކަމަށާއި އަމިއްލަ ނަފްސާނީ ދުޅަހެޔޮކަމަށް ވިސްނާފައި ކަމަށްވެސް ސޯނަމު ބުންޏެވެ.
އިއްޔެ ފާހަގަކުރި ބައްޕައިންގެ ދުވަހު ސޯނަމު ކުރި ޓްވީޓެއްގައި ބުނީ، އޭނާއަކީ އަނިލް ކަޕޫރުގެ ދަރިއަކަށް ވާތީ ވަރަށް ފަހުރުވެރިވާ ކަމަށެވެ. އޭނާ މިއަދު އެހުރި މަގާމަށް އާދެވުނީ ބައްޕަގެ ސަބަބުން ކަމަށާއި، އޭނާއަށް އެހުރިހާ ފުރުސަތުތަކެއް ހޯދައިދިނުމަށް ބައްޕަ ވަރަށް ބުރަ މަސައްކަތް ކުރި ކަމަށެވެ. ސޯނަމް އަކީ އަނިލް ކަޕޫރުގެ ދަރިއަކަށް ވުމީ ތަގްދީރު ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
ސޯނަމްގެ އިތުރުން، ޝޯޝަލް މީޑިއާގައި މީހުން ކުރަމުންދާ ހަނގާއާއި ކިޔާ އެއްޗިއްސަށް ކެތްނުވެގެން ސޮނާކްޝީ ސިންހާ ވަނީ އޭނާގެ ރަސްމީ ޓްވިޓަރ އެކައުންޓްތައް ޑިއެކްޓިވޭޓް ކޮށްފައެވެ. އެގޮތުން ޓްވިޓަރ ޑިއެކްޓިވޭޓް ކުރުމަށްފަހު ސޮނާކްޝިީ ބުނީ، މީހުންގެ ނަފްރަތާއި ރުޅިވެރިކަމުން ދުރުވާން އޮތް އެއްގޮތަކީ އެއީ ކަމަށެވެ. ބައެއް މީހުންނަށް ހީވަނީ އީދެއް އައިސްގެން އުޅޭ ހެން ކަމަށް ފާހަގަކުރަމުން ސޮނާކްޝީ ބުނީ، އޭނާއާ ހިސާބަށް މަލާމާތާއި ނުރުހުން އަންނާނެ ހަމައެކަނި ދޮރު ބަންދުކުރީ ކަމަށެވެ.
މީގެ އިތުރުންވެސް ރޭސް 3 ފެނިގެންދިޔަ ސާގިބް ސަލީމާއި ދަޅަކްގެ ޑައިރެކްޓަރު ޝަޝަންކް ހައިތަން ވެސް ވަނީ މީގެ ދުވަސްކޮޅެއް ކުރިން ޓްވިޓަރ ޑިއެކްޓިވޭޓް ކޮށްފައެވެ.