އިބްރާހިމް ޒަކީ
ކޮވިޑް ފްރީ ޒޯނެއް ކަނޑައަޅައި އިގުތިސާދީ ހަރަކާތްތައް ހިންގޭނޭ ގޮތަކަށް ގައުމު ހުޅުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރު ހުށަޅައި މިއަދުގެ ޖަލްސާގައި ބަހުސް ފަށައިފިއެވެ.
މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދެވެ.
ރާއްޖޭގެ އިގުތިސާދުގެ 85 ޕަސެންޓް ބިނާވެފައިވަނީ ޓުއަރިޒަމަށް ކަމަށާއި ކޮވިޑާ ގުޅިގެން އެދާއިރާ މުޅިން ހުއްޓިފައިވާތީ ރާއްޖޭގައި އިންޓަނޭޝަނަލް އެއާޕޯޓު ހުރި އެހެން ސަރަހައްދުތަކަށް ޕްރައިވެޓް ޖެޓް ފަހަރު ޖެއްސޭގޮތަށް ޓުއަރިޒަމަށް ސޭފް ޒޯންތަކެއް ކަނޑައަޅައި ހުޅުވާލަން ގަރާރުގައި ވަނީ ގޮވާލައިފައެވެ.
ގަރާރުގައި ބުނެފައިވަނީ، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވާލައި، ހުވަދޫ ސޭފް ޓުއަރިޒަމްގެ ގޮތުގައި ޕްރޮމޯޓް ކުރުމަށާއި، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ވެސް ހުޅުވާލުމަށް ގޮވާލާ ކަމަށެވެ. މީގެ އިތުރުން ހުރިހާ ކަމަކަށް ބިނާކޮށް ރާއްޖޭގެ ތިން ސަރަހައްދެއް އިގުތިސާދަށް ހުޅުވާލަން ވެސް ގަރާރުގައި ވަނީ ގޮވާލައިފައެވެ.
ކޮވިޑުގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި ވާއިރު، އަންނަ މަހުގެ އެއްވަނަ ދުވަހު ބޯޑަރުތައް އަލުން ހުޅުވައިލާނެކަން ސަރުކާރުން ވަނީ އިއުލާނުކޮށްފަ އެވެ.