މަޖިލީހުގެ ރައީސް

މަޖިލީހުގައި މިއަދު ސަޔެއް ނެތް، މަޖިލިސް ރައީސް ވިދާޅުވީ މެންބަރުން ތަށިބަރި ގެންދަން!

އިބްރާހިމް ޒަކީ

1

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށްދާ ކޮންމެ ދުވަހަކުވެސް 10:30 އަކީ ސަޔަށް ޖަލްސާ މެދުކަނޑާލާ ވަގުތެވެ.

އެހެން ދުވަސް ދުވަހާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާވެސް 10:30 ވުމުން، ސައިގަޑިޔަށް ޖަލްސާ މެދު ކަނޑުއްވައިލެއްވިކަން މަޖިލިސް ރައީސް އިއްލުނާން ކުރެއްވިއެވެ.

ނަމަވެސް އެއާއެކު މަޖިލިސް ރައީސް ވިދާޅުވީ މިއަދު މަޖިލީހުން މެންބަރުންނަށް ސައި ލިބެން ނެތް ކަމަށެވެ.

ސަޔަށް މެދު ކަނޑާލާ ގަޑި ޖެހުނުއިރު ވާހަކަ ދައްކަވަން އޮތީ، ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދެވެ. އެ ހިސާބުން މަޖިލިސް ރައީސް ވިދާޅުވީ، "އަޅުގަނޑު ފޭދޫ ދާއިރާގެ މެންބަރަށް ފުރުސަތު އަރުވާނީ ސަޔަށްފަހު، އެއީ ހަގީގަތުގައި ސައި ނެތުމުން،" ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، މަޖިލީހުގެ މުވައްޒަފަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން މަޖިލީހުގެ އިތުރު 22 މުވައްޒަފުން އައިސޮލޭޝަންގައި ތިބެން ޖެހިފައިވާއިރު، އޭގެ ތެރޭގައި ގިނައީ މަޖިލީހުގެ ސައިގެ ކަންތަކާ ހަވާލުވެ ތިބި މުވައްޒަފުން ކަމަށެވެ.

"މެންބަރުންގެ ކިބައިން ވަރަށް ބޮޑަށް މައާފަށް އެދެން. އެނގިވަޑައިގަންނަވާނެ މަޖިލީހުގެ 22 މުވައްޒަފަކު ވަނީ އެކަހެރި ކުރެވިފައި، އޭގައި އެސައިގެ ކަންތަކާ ހަވާލުވެ އުޅޭ މުވައްޒަފުން ވަރަށްގިނަ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މަޖިލީހުގައި ސައި ނެތުމުން ގެއިން ތަށިބަރި ގެންނަވަން ބޭފުޅު މެންބަރުންނަށް އެ ފުރުސަތު އެބައޮތް ކަމަށެވެ. ނަމަވެސް މެންބަރުން މަޖިލީހަށް ވަޑައިގަންނަވާއިރު ހުން ބެލޭ ގޮތަށް، ތަށިބަރިވެސް މަޖިލީހަށް ވަންނަން ޖެހޭނީ ޗެކް ކުރުމުގެ ތެރެއިން ކަމަށްވެސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ، އެމަނިކުފާނު އިންނަވާނީ ތަށީބަރިގެނެސް ސައި ބައްލަވައިގެން ކަމަށެވެ.

"އަޅުގަނޑު އިރާދަ ކުރެއްވިއްޔާ ތަށިބަރި ގެންނާނަން. ތަށިބަރި ގެނެސްގެން އަޅުގަނޑު ސައިބޮއިގެން އިންނަން ގަސްތުކުރަނީ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟