ބޮލީވުޑް

ދީޕިކާ ދެން ފެންނާނީ މެގްނާ ގުލްޒާރުގެ ޗަޕާކް އިން

ޕަދްމާވަތް ގެ ކާމިޔާބީއާ އެކު ކައިވެނީގެ ހަފްލާތަކަށް ޓަކައި ފިލްމުތަކާ ދުރަށް ޖެހިލުމަށް ފަހު ދީޕިކާ ދެން ފެންނާނެ ފިލްމް އާންމު ކޮށްފިއެވެ.

މެގްނާ ގުލްޒާރު ގެ ފިލްމް "ޗަޕާކް" އަކީ އެސިޑް އެޓޭކްގެ ޝިކާރައަކަށް ވި ލަކްސްމީ އަގަރްވާލް އާ ބެހޭ ގޮތުން އުފައްދާ ފިލްމެކެވެ. މި ފިލްމުގައި ލަކްސްމީގެ ރޯލުން ފެނިގެން ދާނީ ދީޕިކާއެވެ.

ފިލްމުގައި ދީޕިކާއާ އެކު ދެން ފެނިގެން ދާނީ ވިކްރާންތް މަސޭ އެވެ. އޭނާ ކުޅެން ހަމަޖެހިފައި ވަނީ ލަކްސްމީގެ ބައިވެރިޔާ އަލޮކް ދިކްސިތްގެ ރޯލެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމުގެ ހުރިހާ ކާސްޓުން މިހާރު ވަނީ ނަގައި ނިމިފައެވެ. ފިލްމް "އަ ޑެތް އިން ދަ ގުންޖް" ގައި ވިކްރާންތް ދައްކާފައިވާ މޮޅު އެކްޓިންއަށް ފަހު މެގްނާ ގުލްޒާރު ވަނީ އޭނާ އެންމެ ފަހުން ހެދި ފިލްމް "ރާޒީ"އަށް ފަހު ވިކްރާންތް ހިމަނައިގެން ފިލްމެއް ހެދުމަށް ވަރަށް ބޮޑަށް ބޭނުން ވެފައިކަމަށް ވެއެވެ.

ފިލްމުގައި ވިކްރާންތް ކުޅޭ ރޯލަކީ ޕްރޮފެޝަނަލް ވަޒީފާ ދޫކޮށްލާފައި އެކްޓަރަކަށް ވުމަށްފަހު، އެސިޑް ގެ ޝިކާރައަށްވާ މީހުންގެ ދިފާއުގައި ކެމްޕެއިނެއް ފަށައިގެން އުޅޭ މީއްގެ ރޯލެވެ. މި ދުވަސްވަރު އޭނާ އާއި ލަކްސްމީ ދިމާވެގެން ދެމީހުން ގުޅެއެވެ.

މޭގްނާގެ ފަރާތުން މައުލޫމާތު ލިބޭ ގޮތުގައި ދީޕިކާވެސް ހުރީ ވިކްރާންތާ އެކު މަސައްކަތް ކުރަން ބޭނުން ވެފައެވެ.

ފިލްމުގެ ޝޫޓިން ކުރިއަށް ދާނީ މުމްބާއި އަދި ދިއްލީގައެވެ.

ފިލްމުގެ ވާހަކަ ރީތި ކަމުންނާއި އިމޯޝަނަލް ކަމުން ފިލްމާ ވީހާވެސް ކައިރިވުމަށް ދީޕިކާ ވަނީ ފިލްމުގެ ކޯ ޕްރޮޑިއުސަރުކަން ވެސް ނަގައިފައެވެ. މޭގްނާ އަކީ ފިލްމުގެ ޑައިރެކްޓަރެވެ.