އިބްރާހިމް ޒަކީ
ގާނޫނުއަސާސީއާ ހިލާފަށް ރައްޔިތުންގެ މިނިވަންކަން ނަގާލައި، ރާއްޖޭގެ އިގްތިސާދު ފުނޑާލުމަށް، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެ އޭނާއަށް ރައްޔިތުންގެ މަޖިލީހުން ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ގޮވާލައްވައިފިއެވެ.
ކޮވިޑް ފްރީ ޒޯނެއް ކަނޑައަޅައި އިގުތިސާދީ ހަރަކާތްތައް ހިންގޭނޭ ގޮތަކަށް ގައުމު ހުޅުވާލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުރިއަށްދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ކޮލްޑައުން ކޮށް ރައްޔިތުން ގެއިން ނުކުމަށާއި ތަންތަނަށް ދަތުރު ކުރުމުގެ ފިޔަވަޅުތައް އަޅާފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށެވެ.
އެހެންކަމުން އެ މައްސަަލަ ބަލައި، ގާނޫނުއަސާސީ އާއި އެއްގޮތަށް ރައްޔިތުންގެ މިނިވަންކަން އިޔާދަ ކުރުމަށް ރައިސުލްޖުމްހޫރިއްޔާއަށާއި މަޖިލީހުގެ ރައީސަށާއި މަޖިލިސް މެންބަރުންނަށް ގޮވާލާކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ، ގައުމުގެ ވަލިއްޔުލް އަމްރަށް ނުދޭހާ ބާރުތަކެއް އެޗްޕީއޭ އަށް ދީފައިވާކަމަށެވެ.
އެބާރުގެ ބޭނުން ކޮށްގެން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ، ރާއްޖޭގެ ރައްޔިތުންގެ މިނިވަންކަން ނަގާލާފައިވާކަމަށް ޖާބިރު ތުހުމަތު ކުރެއްވިއެވެ.
އެކަން ކުށްވެރިކޮށް ޖާބިރު ވަނީ މައިމޫނާ މަޖިލީހަށް ހާޒިރުކުރުމަށް ގޮވާލައިފައެވެ.