ޝައްކެއްވެސްނެތެވެ. ގަދަކީރިތިވަންތަ ﷲ ސުބްހާނަހޫ ވަތާއާލާ އިންސާނުން ހައްދަވާފައިވަނީ އެންމެ ރިވެތި ސޫރަައިގައެވެ. އެހެންކަމުން އެއްވެސް އިންސާނަކީ ހުތުރު މީހެއް ނޫނެވެ. ކޮންމެ އިންސާނަކީވެސް އެމީހެއްގެ ޒާތުގައި ވަރަށް ރީތި މީހެކެވެ. އެކި މީހުން ތިބޭނީ އެކި ސިފައިގައެވެ. އެކަކު ވަރަށް ދޮންވެފައި ފަލަވެދާނެއެވެ. އަނެކަކު ވަރަށް ކަޅުވެފައި ހިކި ވެދާނެއެވެ. ނޫނީ އެކަކު ވަރަށް ކުރުވެދާނެއެވެ. އޭގެ ބަދަލުގައި އަނެކަކު ވަރަށް ދިގު ވެދާނެއެވެ. ބުނަން މިއުޅޭ ވާހަކައަކީ މީހާގެ ސިފަޔަށް ބަލާފައި، މީހަކާ ދިމާއަށް މަލާމާތް ކުރުމުގެ ހައްގު އެއްވެސް މީހަކަށް ނެތް ވާހަކައެވެ.
އަހަރެމެން އިންސާނުންގެ އަތުގެ އިނގިލިތައް އެއްވަރު ނުވާ ބީދާއިން އެންމެން ތިބޭނީ އެއްގޮތަކަށް ވެސް ނޫނެވެ. ތިބާ ވަރަށް ދޮންވެފައި ދެން ހުރި މީހާ ކަޅުވުމަކީ އެކަމަށް އޭނާއަށް ހަނގާ ކުރަން ޖެހޭ ކަމެއް ނޫނެވެ. ކަޅަސް ދޮނަސް އެމީހެއްގެ ގައިގައި ރަނގަޅު އަހްލާގެއް ނެތް ނަމަ އެމީހާއަކީ ބޭކާރު މީހެކެވެ. ނުވަތަ ތިބާއަކީ ވަރަށް ދިގުކޮށް ހުންނަ މީހަކަށް ވުމުން ކުރުކޮށް ހުންނަ މީހާއާ ދިމާއަށް މަލާމާތް ކުރާކަށްވެސް ނުޖެހޭނެ އެވެ.
ޝައްކެއްވެސްނެތެވެ. ބޭރުފުށުގެ ރީތިކަމަކީ ވަގުތީ އެއްޗެއްކެވެ. އެ ރީތިކަން ހުންނާނީ ތިބާ ޒުވާނެއްގެ ގޮތުގައި ހުންނަ ދުވަސްވަރު އެވެ. މުސްކުޅި ވުމުން ތިބާ ހަށިގަނޑަކުން އެ ރީތިކަމެއް ނުފެންނާނެއެވެ. ތިބާ ދުނިޔެ ދޫކޮށް ދިއުމުން، ދިރި ހުރި މީހުން ތިބާ މަތިން ހަނދާން ކުރާނީ ބޭރުފުށުގެ ރީތިކަމަކުން ނޫނެވެ. މީހުން ތިބާ މަތިން ހަނދާން ކުރާނީ ދުނިޔެ މަތީގައި އުޅުނު ދުވަސްވަރު ކޮށްފައި ހުރި ހެޔޮކަންތައްތަކުންނެވެ. ހަމަ އެބީދައިން މަރުވުމަށްފަހު އާހިރަތް ދުވަހުވެސް އިންސާނާގެ ރީތިކަމަކަށް ނުބަލާނެއެވެ. ކިތަންމެ ދޮންވެފައި ހިކިިކޮށް، ހޫރު ޕަރީއެއް ފަދައިން ހުރި ނަމަވެސް އޭނާ ދީނުގެ ރުކުންތަކަށް ސަމާލު ނުވެ ﷲ ނަހީ ކުރެއްވި ގޮތަށް އުޅެފައި ވާނަމަ ލިބޭނެ ފައިދާއެއް ނޯންނާނެއެވެ.
އަހަރެމެންގެ ތެރޭގައި އޮތް ތަފާތު ކުރުންތައް ނައްތައިލަމާ ހިނގާށެވެ. އެކީ އުޅޭ އެކުވެރިޔަކު ކަޅުވުމުން މަޖަލަށް ވެސް އޭނާއަށް ޖެއްސުން ކުރުން ހުއްޓާލާށެވެ. ނުވަތަ އެކީ އުޅޭ އެކުވެރިޔަކު ކުރުވުމުން އެކަމާ ޖޯކް ޖެހުން ވެސް ހުއްޓާލާށެވެ. ސަބަބަކީ ސަމާސާ ވިހަވާނީ ކިހާ ހިސާބަކުންކަން ނޭނގޭތީއެވެ. އިހްތިރާމު ކުރަންވީ މީހާގެ ސިފަޔަށް ނުވަތަ މަގާމަށް ބަލައިގެނެއް ނޫނެވެ. އިހްތިރާމު ކުރަންވީ މީހާގެ އުޅުމަށާއި އަހްލާގަށް ބަލައިގެންނެވެ. ކަަޅުވިޔަސް ދޮންވިޔަސް ހިކިވިޔަސް ފަލަވިޔަސް އަދި ކުރުވިޔަސް، މަލާމާތް ކުރުމުގެ ހައްގު އެކަކަށްވެސް ނެތެވެ.