އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން، އިތުރު 22 މުވައްޒަފަކު އައިސޮލޭޝަންގައި އެބަ ތިބި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ބަޔަކު އައިސޮލޭޝަނަށް ދާން ޖެހެނީ، ޕްރައިމަރީ ކޮންޓެކްޓްގެ ގޮތުގައި ފާހަގަ ވާ މީހުން ކަމަށާއި، އެޗްޕީއޭއިން ބުނާ ގޮތުން ޕްރައިމަރީ ކޮންޓެކްޓަކީ، 15 މިނިޓް ވަންދެން މާސްކު ނާޅައި ތިން ފޫޓަށްވުރެ ގާތުގައި އިންފެކްޓުވި މީހާ ކައިރީގައި އުޅުނު މީހުން ކަމަށެވެ.
މަޖިލިސް މެންބަރަކަށް ރޯގާ ޖެހުނު ކަމުގައި ވިޔަސް، މާސްކު އަޅައިގެން ގައިދުރުކަމުގެ އުސޫލާ އެއްގޮތަށް ޖަލްސާ ކުރިޔަށް ދާނަމަ އެހެން މެންބަރުން ޕްރައިމަރީ ކޮންޓެކްޓްގެ ގޮތުގައި ނުބެލެވޭނެ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ބޭނުންފުޅު ވަނީ މަޖިލީހުގެ ޖަލްސާތައް ނުހުއްޓި ކުރިއަށް ގެންދިއުން ކަމަށެވެ.