ސްޕެނިޝް ލީގުގައި ރޭ ރެއާލް ސޮސިއެޑާޑް އާ ވާދަކޮށް 2-1 ގެ ނަތީޖާ އަކުން މޮޅުވެ ރެއާލް މެޑްރިޑުން ލަލީގާގެ ތާވަލުގެ އެއްވަނައަށް ޖެހިލައިފި އެވެ.
ރޭގެ މެޗުން މޮޅުވެ ރެއާލް މެޑްރިޑް ތާވަލުގެ އެއްވަނައިގައި މިވަގުތު 65 ޕޮއިންޓާއި އެކު އޮތް އިރު ދެވަނައިގައި އޮތް ބާސެލޯނާ އަށް ވެސް ލިބިފައިވަނީ 65 ޕޮއިންޓެވެ. ރެއާލް މެޑްރިޑަށް އެއްވަނަ ލިބެނީ ހެޑް ޓު ހެޑް ރެކޯޑުންނެވެ. މިހާތަނަށް ދެ ޓީމު މި ފަހަރުގެ ލީގުގައި ވާދަކުރި ދެ މެޗްގެ ޖުމްލަ ނަތީޖާ އިން ކުރި ލިބެނީ ރެއާލް މެޑްރިޑަށެވެ. ލީގުގައި މި ދެ ޓީމް ބާސެލޯނާގެ ދަނޑުގައި ކުޅުނު ފުރަތަމަ މެޗް 0-0 އިން އެއްވަރުވެފައި ވާއިރު ދެވަނަ މެޗް 0-2 އިން ކާމިޔާބުކޮށްފައިވަނީ ރެއާލް މެޑްރިޑެވެ.
ރޭގެ މެޗްގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ގެންގުޅުނީ ރިއާލް މެޑްރިޑުންނެވެ. ދެޓީމުންވެސް ގޯލަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާތަކެއް ފޮނޮވާލި ނަމަވެސް، ފުރަތަމަ ހާފްގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން މާގިނަ އިރުތަކެއް ނުވެ ސޮސިއެޑާޑްގެ ޑިއެގޯ ލޮރެންޓް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ރީނދޫ ކާޑެއް ދައްކައި މެޑްރިޑަށް ޕެނަލްޓީއެއް ދީފައެވެ. ވީއޭއާރް ބެލުމަށްފަހު ދިން ޕެނަލްޓީ މެޗްގެ 50 ވަނަ މިނެޓުގައި ސޮސިއެޑާޑްގެ ގޯލްގެ ތިރީކަނަށް ފޮނުވާލައި މެޗްގެ ލީޑް ނަގައިދިނީ ރިއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް އެވެ. ޑިފެންޑަރުންގެ ތެރެއިން ލީގުގައި މިހާތަނަށް އެންމެ ގިނަ ގޯލް ޖެހި ރެކޯޑު އޮތީ ވެސް ރާމޯސް އަތުގައެވެ.
ގޯލް ޖެހިތާ މާގިނަ އިރެއްނުވެ ރާމޯސްގެ ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޭނާވަނީ މެޗްގެ 60 ވަނަ މިނެޓުގައި ދަނޑުން ބާލައިފައެވެ. މެޗްގެ ދެވަނަ ގޯލް އަދި ރިއާލް މެޑްރިޑަށް ލީޑު ފުޅާކޮށްދިން ލަނޑު އެޓީމަށް ޖަހައިދިނީ ކަރިމް ބެންޒިމާ އެވެ. ދެވަނަ ގޯލް ޖަހާފައިވަނީ މެޗްގެ 70 ވަނަ މިނެޓުގައެވެ. ރިއާލް މެޑްރިޑުން 2 ގޯލް ޖަހާފައި ވަނިކޮށް ސޮސިއެޑާޑް އިން ޖެހި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ރޮބާޓޯ ލޯޕޭޒް ދިން ބޯޅައަކުން މިކެލް މެރީނޯ އެވެ.
މި މެޗްގައި ރެއާލް ސޮސިއެޑާޑް އިން ޖެހި ދެވަނަ ލަނޑު ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ އެއީ ގޯލެއް ނޫންކަމަށް ނިންމައިފައެވެ. ރެއާލް މެޑްރިޑުން ލީގުގައި ދެން އެންމެ އަވަހަށް ކުޅޭ މެޗްގައި ބައްދަލުކުރާނީ އަންނަ ބުދަ ދުވަހުގެ ރޭ މަލޯކާ އާ ދެކޮޅަށެވެ.