އައްޑޫ ސިޓީ މީދޫގައި ހެދި ފަތާ ޓްރެކުގެ މަސައްކަތް ނިމި ބޭނުން ކުރަން ފަށާފައިވާ ކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫ ސިޓީ މީދޫގެ ފަތާ ޓްރެކުގެ މަސައްކަތް ނިމިފައިވާ ކަމަށާއި އެކަން ކުރުމަށްޓަކައި އެ ދާއިރާގެ މަޖިލިސް މެންބަރު ރޮޒޭނާ އާދަމާއި ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި އައްޑޫ ސިޓީ ކައުންސިލުގެ ފަރާތުން ދެއްވި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
މަހްލޫފް އިތުރަށް ވިދާޅުވީ އައްޑޫސިޓީގެ ފޭދޫގައި ހެދުމަށް ހަމަޖެހިފައިވާ ފަތާ ޓްރެކުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށާއި އެގޮތުން ފޭދޫ ޓްރެކު ހެދުމަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު އެރަށަށް ފޮނުވާފައިވާ ކަމަށެވެ.
ގިނަ އަދަދެއްގެ ބަޔަކު ކުޅިވަރެއްގެ ގޮތުގައި ފެތުމުގައި ޝާމިލުވާތަން މިހާރު ފެންނަމުންދާތީ އުފާކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ފެތުމަކީ ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމާއި ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކުޅިވަރެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. މިހާތަނަށް ފަތާ ޓްރެކް ގާއިމުކޮށްފައިވާ ރަށްތަކުގެ ތެރޭގައި ހދ. ކުޅުދުއްފުއްޓާއި ހއ. ދިއްދޫ ހިމެނޭކަމަށް ޔޫތު މިނިސްޓްރީން ފާހަގަކުރެއްވިއެވެ.