ކުޅިވަރު

ބެޓިސްގެ ކޯޗްކަމުން ރުބީ ވަކިކޮށް ވަގުތީ ކޯޗަކަށް އެކުލަބުގެ ކުރީގެ ކެޕްޓަން ޓްރިހީލިއޯ ހަމަޖައްސައިފި

އައިދާ އަބްދުލް ހަކީމް

ރެއާލް ބެޓިސްގެ ކޯޗްކަމުން ޖޮއާން ފެރޭރު (ރުބީ) ވަކިކޮށް ވަގުތީ ކޯޗަކަށް އެކުލަބުގެ ކުރީގެ ކެޕްޓަން އެލެކްސިސް ޓްރިހީލިއޯ ހަމަޖައްސައިފި އެވެ.

ރުބީ ކޯޗްކަމުގެ މަގާމުން ވަކިކޮށްފައިވަނީ ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް 19 އާ ގުޅިގެން ސްޕެނިޝް ލީގު 3 މަސްދުވަހަށް މެދު ކަނޑާލާފައި އޮތުމަށްފަހު އެނބުރި އައިސް އެޓީމު ކުޅުނު މެޗް ތަކުން ލިބިފައިވާ ނަތީޖާތައް ދަށްވުމާ ގުޅިގެންނެވެ.

ރުބީ މަގާމުން ވަކި ކުރިކަން އިއުލާނުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެތްލެޓިކޯ ބިލްބާއޯ އަތުން 1-0 ގެ ނަތީޖާ އަކުން ބެޓިސް ބަލިވި މެޗަށްފަހުގައެވެ.

ވަގުތީ ކޯޗުކަމުގެ މަގާމާ ހަވާލުވި ޓްރިހީލިއޯ ވަނީ މީގެ ކުރިންވެސް ބެޓިސްގެ ވަގުތީ ކޯޗެއްގެ ޒިންމާ އަދާކޮށްފަ އެވެ. ޓްރިހީލިއޯ ވަނީ ބެޓިސްގައި ކުޅުނު ދުވަސްވަރު އެޓީމަށް ގާތްގަނޑަކަށް 300 ގާތް ކުރާ އަދަދަކަށް މެޗު ކުޅެފައެވެ.

ސްޕެނިޝް ލީގުގައި ބެޓިސް އިން މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެފައިވާއިރު، އަނެއް މެޗު ނިމުނީ އެއްވަރު ވެގެންނެވެ. އަދި މިފަހުން އެޓީމު ކުޅުނު 11 މެޗުގެ ތެރެއިން އެންމެ މެޗަކުން މޮޅުވި އިރު އެ ޓީމު އޮތީ ލަލީގާގެ ތާވަލުގެ 14 ވަނައިގަ އެވެ. ބެޓިސް އަށް މި ސީޒަންގައި ދެން ބާކީ އޮތީ އަށް މެޗެވެ.

މިދިޔަ ސީޒަންގައި އެސްޕަންޔޯލްގެ ޓީމުގެ ކޯޗުކަމުގެ މަގާމު އަދާކުރި ރުބީ، ބެޓިސްގެ ކޯޗް ކަމާ ހަވާލުވީ މި ސީޒަން ފެށުމުގެ ކުރިން މިދިޔަ އަހަރު ޖޫން މަހު އެވެ. އޭނާ ވަނީ އެސްޕަންޔޯލް އަށް މިދިޔަ ސީޒަނުގައި ލަލީގާގެ ހަތް ވަނަ މަގާމު ހޯދައިދީފައެވެ.