ކުޅިވަރު

ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވެއްޖެ

އައިދާ އަބްދުލް ހަކީމް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެސްޓަންވިލާ އާއި ޗެލްސީ ބައްދަލުކުރި މެޗްގައި އެސްޓަން ވިލާ އިން ލަނޑެއް ޖަހައިފައިވަނިކޮށް ފަހަތުން އަރައި 1-2 ނަތީޖާ އަކުން ޗެލްސީން މެޗް ކާމިޔާބުކޮށްފި އެވެ.

އެސްޓަން ވިލާގެ ދަނޑުގައި ރޭ ކުޅުނު އެ މެޗްގެ ފުރަތަމަ ހާފުގައި ގިނަ ހަމަލާތަކެއް އުފެއްދީ ޗެލްސީންނެވެ. އެސްޓަން ވިލާއަށް ގޯލަށް ނުރައްކާވާ ވަރުގެ މާގިނަ ފުރުސަތެއް ނުލިބުނު ނަމަވެސް، ލިބުނު މަދު ފުރުސަތުގެ ތެރެއިން ފުރުސަތެއްގައި ލީޑް ނަގައިދިނީ މެޗްގެ ފުރަތަމަ ހާފް ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް އެސްޓަން ވިލާގެ އިނގިރޭސި ޑިފެންޑަރު ކޯނޭ ހައުސޭ އެވެ. ފުރަތަމަ ހާފް ނިމިގެން ދިޔައީ 1-0 ގެ ނަތީޖާ އަކުން އެސްޓަން ވިލާ ކުރީގަ އޮވެގެންނެވެ.

ޗެލްސީން އެ ޓީމްގެ ފުރަތަމަ ލަނޑު ޖަހައި މެޗްގެ ނަތީޖާ ހަމަހަމަ ކުރީ ދެވަނަ ހާފް ފަށައިގެން މެޗްގެ 60 ވަނަ މިނެޓްގަ އެވެ. މި ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދިނީ އެ ޓީމަށް ކުޅެމުން އަންނަ އެމެރިކާގެ ތަރި ކްރިސްޓިއަން ޕުލިސިޗް އެވެ. ފުރަތަމަ ލަނޑު ޖެހިތާ ދެ މިނެޓްވެސް ނުވަނީސް ޗެލްސީން އިތުރު ލަނޑެއް ޖަހައި މެޗްގެ ލީޑް ނެގިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫޑް އެވެ.

ރޭ އެސްޓަން ވިލާގެ މައްޗަށް ޗެލްސީން ހޯދި ކާމިޔާބީ އާއެކު ޗެލްސީން ވަނީ 51 ޕޮއިންޓާއެކު ޓޭބަލްގެ ހަތަރުވަނައިގައި އެ ޓީމުން ދަމަހައްޓަމުން އަންނަ މަގާމު އިތުރަށް ވަރުގަދަކޮށްފަ އެވެ. ޓޭބަލްގެ ތިން ވަނައިގައި އޮތް ލެސްޓާ ސިޓީ އަށްވުރެ އެންމެ ތިން ޕޮއިންޓް ފަހަތުގައި ޗެލްސީ އޮތްއިރު ފަސް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ އާ ދެމެދު އޮތް ފަރަގު ރޭގެ ނަތީޖާ އާ އެކު ވަނީ ފަސް ޕޮއިންޓަށް އިތުރުވެފަ އެވެ. މިއިން ކޮންމެ ޓީމަކަށްވެސް ލީގުގައި ދެން ބާކީ އޮތީ އަށް މެޗެވެ.

ޕްރިމިއާ ލީގުގައި ދެން ޗެލްސީ ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާ ދެކޮޅަށެވެ. މި މެޗް އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 00:15 ގައެވެ.