އިލެކްޝަންސް ކޮމިޝަން

ކައުންސިލް އިންތިހާބު މާޗުގެ ކުރިން ބޭއްވުމަށް ސިއްރު އެޖެންޑާއެއް އޮތް ކަމެއް އެނގިފައެއް ނެތް: ޝަރީފް

އަލީ ޔާމިން

1

ކައުންސިލް އިންތިހާބު އަންނަ މާޗު މަހުގެ ކުރިން ބޭއްވުމަށް ސިއްރު އެޖެންޑާއެއް އޮތް ކަމެއް އެނގިފައެއް ނެތްކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް (އީސީ ޝަރީފް) ވިދާޅުވެއްޖެއެވެ.

ޝަރީފް މިފަދައިން ވިދާޅުވީ، ލޯކަލް ކައުންސިލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ މާޗުގެ ކުރިން ބޭއްވުމަށް ސިއްރު އެޖެންޑާއެއްގެ ދަށުން އިލެކްޝަން ކޮމިޝަން (އީސީ)އިން މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބޭކަމަށް ވިދާޅުވެ، ބާރަށު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓެއްގައެވެ.

އެގޮތުން ޝަރީފް ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި އިންތިހާބު ބާއްވާނެ ކަމަށާއި ސިއްރު އެޖެންޑާއެއް ގެންގުޅޭކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.

މީގެ އިތުރުން ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބާއްވާނެ ތާރީހު ކަނޑައެޅުމުގެ ކުރިން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރައްވާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"ފަސްކުރެވިފައިވާ ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބާއްވާނެ ތާރީހެއް އިސީއިން ފައިނަލައިޒް ކުރުމުގެ ކުރިން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރާނަން" ޝަރީފް ވިދާޅުވިއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަރީފް ރޭ ވިދާޅުވީ، އަންނަ އަހަރުގެ މާޗު މަހުގެ ކުރީ ކޮޅުގައި ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށާއި ނަމަވެސް އިންތިހާބު ބާއްވާނެ ސީދާ ތާރީހެއް ނިންމާފައި ނުވާ ކަމަށެވެ.

ކޮވިޑް 19އާ ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު ބޭއްވޭނެ ޖާގަ މިއަހަރު ނެތުމުން، ގާނޫނު ބަދަލުކޮށް އެ އިންތިހާބު އަންނަ އަހަރު ބާއްވާ ގޮތަށް ވަނީ ނިންމައިފައެވެ. ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވަނީ، އެއިސްލާހު ގެނެވުނު ތާރީހުން ފެށިގެން 1 އަހަރުގެ ތެރޭގައި ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ޖެހޭނެ ކަމަށާއި އިންތިހާބު ބޭއްވެންދެން މިހާރު ކައުންސިލަރު ކަމުގައި ތިއްބެވި ފަރާތްތަކަށް އެ މަގާމުގައި ތިބެވޭނެ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟