މުނިފޫހިފިލުވުން

ޝުޝާންތުގެ މަރު: ލޯބިވެރިޔާ ރިއާއަށް ދައުވާކުރަން ހުށަހަޅައިފި

އީމާ މުހައްމަދު ވަހީދު

ބޮލީވުޑްގެ ކުޅަދާނަ ތަރި ޝުޝާންތު ސިންގު ރާޖްޕުތު އަމިއްލައަށް މަރުވުމުން، އެކަމާ ގުޅުންހުރި ގިނަ ފަރާތްތަކާ ދެކޮޅަށް ދަނީ މައްސަލަ ހުށަހަޅަމުންނެވެ.

އެގޮތުން ޝުޝާންތުގެ މަރާ ގުޅިގެން އޭނާގެ ލޯބިވެރިޔާ ރިއާ ޗަކަރަބޮޓީއަށް ދައުވާ ކުރުމަށް ވަނީ ކޯޓަށް ހުށަހަޅައިފައެވެ.

ރިއާއާ ދެކޮޅަށް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ރިއާއަކީ ޝުޝާންތުގެ ލޯބިވެރިޔާކަމުން ރިއާއަށް ޝުޝާންތު އަމިއްލައަށް މަރުވި ސަބަބު އެނގޭނެ ކަމަށެވެ. މީގެ އިތުރުން ޝުޝާންތަކީ މޮޔައެއް ކަމަށާއި ޝުޝާންތު އަމިއްލައަށް މަރުވާނެ ކަމަށް ބުނި ޑައިރެކްޓަރު މަހޭޝް ބަޓް އާއި ރިއާއާ ގާތް ގުޅުމެއް އޮތް ކަމަށްވެސް އެ މައްސަލައިގައި ބުނެފައިވެއެވެ.

ބިހާރު ފުލުހުން ވަނީ ޝުޝާންތު އަމިއްލައަށް މަރުވި މައްސަލަ ތަހުގީގުކުރަން ފަށައިފައެވެ. އެގޮތުން ޝުޝާންތުގެ ލޯބިވެރިޔާ ރިއާ ފުލުސް އޮފީހަށް ހާޒިރުކޮށް ވަނީ 11 ގަޑިއިރު ވަންދެން ސުވާލުކޮށްފައެވެ. ރިއާގެ އިތުރުން ޝުޝާންތު މަރުވި މައްސަލައިގައި ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ އާލިއާ ބަޓް، ކަރަން ޖޯހަރު އަދި ސަލްމާން ހާންއާ ދެކޮޅަށް ވެސް ވަނީ ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ.