ކްލަބު މޯލްޑިވްސް ކަޕް

ކްލަބު މޯލްޑިވްސް ކަޕް އަންނަ ނޮވެމްބަރު މަހު ބޭއްވުމަށް މަސައްކަތް ކުރަނީ

އައިދާ އަބްދުލް ހަކީމް

ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބު މޯލްޑިވްސް ކަޕް މިއަހަރުގެ ނޮވެމްބަރު މަހުގެ ކުރީކޮޅު ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ކްލަބު މޯލްޑިވްސް އިން ބުނެފިއެވެ.

ކްލަބު މޯލްޑިވްސްގެ ރައީސް މޫސާ ރަމީޒް "ވަން"އަށް ވިދާޅުވީ މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް 19ގެ ސަބަބުން މިދިޔަ އޭފްރިލް މަހުގެ ހަތްވަނަ ދުވަހު ބޭއްވުމަށް ހަމަޖެއްސި ކްލަބި މޯލްޑިވްސް ކަޕް އަން މަހުގެ މެދުތެރޭގައި ބާއްވަން މަސައްކަތްކުރާކަން މީގެ ކުރިން ބުނެފައިވީ ނަމަވެސް މިހާރުގެ ހާލަތު އޮތްގޮތުން އަންނަ މަހު އެ މުބާރާތް ނުބޭއްވޭނެ ކަމަށާއި އެންމެ އަވަހަށްވެސް މުބާރާތް ބޭއްވޭނެ ކަމަށް ލަފާކުރެވެނީ ނޮވެމްބަރު މަހު ކަމަށެވެ. އެހެންކަމުން ނޮވެމްބަރުގެ ކުރީކޮޅު މުބާރާތް ބޭއްވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް މޫސަ ވިދާޅުވިއެވެ.

"މުބާރާތް ބޭއްވޭތޯ މި މަސައްކަތް ކުރަނީ. އެކަމަކު ވަކި ތާރީހެއް ދަންނަވަން އަދި ހަމަ ދަތި. އެކަމަކު ރާއްޖޭގެ ހާލަތު ރަނގަޅުވެއްޖެއްޔާ ނޮވެމްބަރު ކުރީކޮޅު ބޭއްވޭތޯ މި މަސައްކަތް ކުރަނީ،" މޫސަ ވިދާޅުވިއެވެ.

މިމުބާރާތުގައި މިދިޔަ އަހަރު ފިރިހެން ބައިގައި 32 ޓީމަކުން ވާދަކުރިއިރު އަންހެން ބައިގައި ވާދަކުރީ ނުވަ ޓީމެކެވެ. މިދިޔަ އަހަރު ފިރިހެން ޑިވިޝަނުގެ ފައިނަލުގައި 6-1ގެ ނަތީޖާއަކުން ވެމްކޯ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ޔުނައިޓެޑް ބީއެމްއެލްއެވެ. ވިމެންސް ފުޓްސަލް ފިއެސްޓާގެ ފައިނަލުގައި ޕޮލިސް ކްލަބުގެ މައްޗަށް 4-3ގެ މައްޗަށް ކުރި ހޯދައި ޗެމްޕިއަންކަން ހޯދީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެވެ.

ރާއްޖޭގެ އޮފީސްތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ކްލަބް މޯލްޑިވްސް ބާއްވާތާ 14 އަހަރު ވެއްޖެއެވެ. މިއަހަރަކީ ފިރިހެން ޑިވިޝަނަށް މި މުބާރާތް ބާއްވާތާ 15 ވަނަ އަހަރެވެ. އަދި އަންހެން ކުޅުންތެރިންނަށް ހުޅުވާލައިގެން މުބާރާތް ބާއްވާ 11 ވަނަ އަހަރެވެ.