އިބްރާހިމް ޒަކީ
ނިއުނޯމަލްގެ ދަށުން ވެލާނާ އިންތަނޭޝަނަލް އެއާޕޯޓް ހުޅުވާލާއިރު، ކަމެއް ދިމާވެގެން ގެސްޓުހައުސްތަކާއި ތަންތަން ބަންދުކޮށް ތަނަކަށް ނުދެވޭ ހާލަތެއް ކުރިމަތިވެއްޖެނަމަ، އެއާޕޯޓްގައި މަޑުކުރަން ޖެހޭ ފަތުރުވެރިން ނިދާލުމަށްޓަކައި ޓާމިނަލް ސަރަހައްދުގައި ކުދި ކޮޓަރިތަކެއް ގާއިިމް ކޮށްފައިވާނެ ކަމަށް އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ވިދާޅުވެއްޖެއެވެ.
ނިއު ނޯމަލްގައި ރާއްޖޭގެ ބޯޑަރު ހުޅުވާލާއިރު، އަޅަމުން އަންނަ ފިޔަވަޅުތަކާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒެސް ކޮމިޓީ (އެސްއޯއީ) އަށް މައުލޫމާތު ދެއްވަމުން މޫސާ ސޯލިހު ވިދާޅުވީ، ހުޅުމާލޭގެ ގެސްޓްހައުސްތައް ބަންދު ކުރުމުގެ ސަބަބުން ބޭރަށް ފުރަން އެއާޕޯޓަށް ދިޔަ ގެސްޓުން ކޮޓަރި ނުލިބުމުގެ ސަބަބުން އެއާޕޯޓްތެރޭގައި ނިދާހަދާފައިވާ ކަމަށެވެ. އަދި ފުލުހުންނާއި ޓޫރިޒަމް މިނިސްޓްރީން ގޮސްގެންވެސް އޭގެ ތެރެއިން ބައެއް މީހުން އެތަނުން ފޮނުވާައި ނުލެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން އެފަދަ ހާލަތެއް ދިމާވެއްޖެނަމަ ޓޫރިސްޓުން މަޑުކޮށްލާނެ ކޮޓަރިތަކެއް ހަދަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އިތުރު ތަފްސީލް ދެއްވަމުން އެމްއޭސީއެލްގެ ޓާމިނަލް މެނޭޖަރު އިބްރާހިމް ހުސައިން ވިދާޅުވީ އެއީ ހަމައެކަނި ނިދާލާއި ފެންވަރައިލެވޭގޮތަށް ކުޑަ އަގަކަށް، އެ ހާލަތުގައި ދިނުމަށް ގާއިމް ކުރާ ކޮޓަރިތަކެއް ކަމަށާއި، އެ ކޮޓަރިތަކުގެ މަސައްކަތް ނިމި މިހާރު ހުޅުވަން ތައްޔާރު ވެފައިވާ ކަމަށެވެ.
މީގެ އިތުރުން މިފަހަރު އެއާޕޯޓް ހުޅުވާއިރު، ފަތުރުވެރިކަމާބެހޭ ބޮޑެތި އޭރިއާތަކުގެ މައުލޫމާތު ހޯދުމަށް ފަތުތުވެރިންނަށް ހިލޭ ގުޅޭނެ ނަމްބަރެއް ތައާރަފު ކުރާނެ ކަމަށާއި، ހުޅުމާލެއާ މާފުށި ފަދަ ތަންތަނާބެހޭ މައުލޫމާތު އެއާޕޯޓްގެ އިންފޮމޭޝަން ޑެސްކުން ލިބޭނެ އިންތިޒާމު މިފަހަރު ހަމަޖައްސާނެ ކަަމަށްވެސް އިބްރާހިމް ހުސެއިން ވިދާޅުވިއެވެ.