ބަންގްލަދޭޝްގެ ގައުމީ ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން، މަޝްރަފޭ ބިން މޮޓާޒާ ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
މަޝްރަފޭ އަކީ މިހާރު އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެކެވެ. އުމުރުން 36 އަހަރުގެ މަޝްރަފޭ އަށް ކޮވިޑް ޖެހިފައިވާކަން އެނގުނީ އޭނާ ހުން އައިސް ބަލިވެ އުޅޭތާ ދުވަސްތަކެއް ވެފައި ވަނިކޮށް މިދިޔަ ހުކުރު ދުވަހު ހެދި ޓެސްޓުތަކުން ކަމަށް ނޫސްތަކުގައި ވަނީ ރިޕޯޓް ކޮށްފައެވެ.
މިއާ އެކު މިހާރު އޭނާ އެކަހެރިކޮށް އައިސޮލޭޝަން ފެސިލިޓީއަކަށް ގެންގޮސް ފަރުވާދެމުން އަންނައިރު، އޭނާގެ ހާލާއި ބެހޭ ގޮތުން އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. އޭނާގެ ދެވަނަ ޓެސްޓެއް ހެދުމަށްޓަކައި ސާމްޕަލް ނަގާފައި ވާއިރު، އަދި އެ ޓެސްޓުގެ ނަތީޖާ ލިބިފައި ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.
ބަންގްލަދޭޝްގައި ކޮވިޑް 19 ހަލުވިކަމާއެކު ފެތުރެމުންދާ މި ދަނޑިވަޅުގައި މަޝްރަފޭ ވަނީ ހާލުގައި ޖެހޭ މީހުންނަށް އެހީތެރިވުމުގެ ގިނަ ހަރަކާތްތައް ހިންގައި އެކަންކަމުގައި އަމަލީގޮތުންވެސް ބައިވެރިވެފައެވެ. ބަލި ޖެހުނުކަން އެނގުމުގެ ކުރިން އޭނާގެ ހާލު ކޮންމެވެސްވަރަކަށް ގޯސްވި ކަމަށް ނޫސްތަކުގައި ވަނީ ރިޕޯޓް ކޮށްފައެވެ.
މަޝްރަފޭ ވަނީ ބަންގްލަދޭޝްގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި މިދިޔަ އަހަރުގެ ކްރިކެޓް ވޯލްޑްކަޕް ވެސް ކުޅެފައެވެ. އެއަށްފަހު އޭނާ ވަނީ ކްރިކެޓް ކުޅުން ހުއްޓާލުމަށްފަހު ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާން ފަށައިފައެވެ. މަޝްރަފޭ މަޝްހޫރު ވެފައިވަނީ މޮޅު ކްރިކެޓް ކުޅުންތެރިއެއްގެ ގޮތުގައެވެ.