ރިޕޯޓް

މިބާވަތުގެ ކާއެއްޗެހި ކާނަމަ އަވަހަށް މުސްކުޅިވާނެ

އީމާ މުހައްމަދު ވަހީދު

ޒުވާންކަންމަތީ ހުރުމަށް މީހުން ވަރަށް ބޮޑެތި ހަރަދުތަކެއް ކުރާނެއެވެ. ތަފާތު އެކި ކްރީމްތައް ބޭނުން ކޮށް ބައެއް ފަހަރު ޑޮކްޓަރީ ބޭސް ވެސް ބޭނުން ކުރާނެއެވެ. އެހެންނަމަވެސް ޒުވާން ކަންމަތީ ގިނަ ދުވަހު ހުރުމަށް ހުރިހާ މަސައްކަތެއް ކުރާއިރު، އަހަރެމެން ކައިބޮއެއް އުޅޭ ބައެއް އެއްޗެހީގެ ސަބަބުން ހަށިގަނޑުން އަވަހަށް މުސްކުޅި ވައްތަރު ޖަހާނެކަން މީހުން ހަނދާން ނެތެވެ.

އެގޮތުން މޫނުމަތިން މުސްކުޅިވުމުގެ ނިޝާންތައް ފެންނަލެން ލަސްކުރަން ބޭނުންވާ ނަމަ، ކެއުމުގައި ހިމަނަން ނުޖެހޭ ބައެއް ކެއިންބުއިމުގެ ބާވަތްތައް އެބަހުއްޓެވެ.

ދިވެހިންނަކީ ކެއުމުގައި ތެލުލި ބާވައްތައް ވަރަށް ގިނައިން ބޭނުންކުރާ ބައެކެވެ. ދިވެހިންނާއި ތެލުލި ކާއެއްޗެހީގެ ބާވަތްތަކާ އޮންނަނީ ވަރަށް ވަރުގަދަ ގުޅުމެކޭ ބުނުމަކީ މުޅިން ގޯސް ވާހަކައަކަށް ނޫނެވެ. އެގޮތުން ގިނަ ދުވަހު ޒުވާންކަންމަތީ ހުންނަން ބޭނުންވާނަމަ، ތެލުލި ބާވަތްތަކުގެ ތެރެއިން ފްރެންޗް ފްރައިސް ފަދަ ކާނާގެ ބާވަތްތަކާ ދުރުވާށެވެ. ސަބަބަކީ ތެލުލި އެއްޗެހި ކެއުމުން މޫނުގައި ހުންނަ ސެލްތައް މަރުވެ، މީހާ އަވަހަށް މުސްކުޅި ވައްތަރު ޖަހަން ފަށާނެއެވެ.

ގަނޑުކުރި ކުކުޅާއި ގެރިމަހުގެ ބާވަތްތަކާއި މީގެ އިތުރުން ސޮސެޖް ފަދަ ބާވަތްތަކަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު މަހުގެ ބާވަތްތަކެކެވެ. އެގޮތުން ބަންދުކޮށްފައި ހުންނަ މަހުގެ ބާވަތްތަކުގައި ވަރަށް ގިނަ އަދަދަކަށް ސޯޑިމް އަދި ސްޗުރޭޓެޑް ފެޓްސް އާއި ސަލްފައިޓް ހިމެނެއެވެ. އެހެންކަމުން އެ ބާވަތްތަކުގެ އެއްޗެހި ކެއުމުން ހަށިގަނޑުގެ ކޮލާޖެން މާއްދާ ބަލިކަށިވެ، ހަންގަނޑު ހަލާކުވާނެއެވެ.

ކެފައިން ބޮޑަށް ހިމެނޭ ބުއިންތަކުގެ ތެރެއިން، ކޮފީ އަދި އެކިކަހަލަ ސޮޑާތައް ގިނައިން ބުއިމުން އޭގެ ނޭދެވޭ އަސަރު ހަންގަނޑަށް ކުރެއެވެ. އެފަދަ ބުއިންތައް ބުއިމުން ނިދުމަށްވެސް އަސަރު ކުރުވައެވެ. އަދި މީގެ ސަބަބުން ލޯކައިރި ކަޅުވުމާއި މޫނުމަތިން މުސްކުޅި ވައްތަރު ޖެހުން ފަދަ ކަންކަމާއި ދިމާވެއެވެ.

މިފަދަ ކެއުންތައް ބޭނުންކުރާ ބައެއް މީހުންނަށް އެމީހުންގެ ހަށިގަނޑު މިވަގުތު ހުރީ ނަލަކޮށް ޗާލުކޮށް ކަމަށް ފެނިވެސް ދާނެ އެވެ. އަދި ކުއްލިއަކަށް ބަދަލުވާތަން ނުފެނިވެސް ދާނެ އެވެ. އެހެންނަމަވެސް މި ފަދަ ކެއުން ތަކަކީ ނޭނގުމުގެ ތެރޭގައި މީހާގެ ހަނގަނޑަށް ބަދަލުތައް ގެނެސް، މުސްކުޅި ސިފަ ފާޅުކޮށްދޭ ފަދަ ކެއުންތަކެވެ.

މީގެނަ ބައެއް ބާވަތުގެ ކެއުން ކޮންމެވެސް ވަރަކަށް ކެއުމުގައި ބޭނުންކުރި ނަމަވެސް، މުހިންމީ މިފަދަ މައުލޫމާތުތައް އެނގިގެން އެކަންކަމަށް ކޮންޓްރޯލު ގެނައުމެވެ. ދޭތެރެޔަކުން މިފަދަ ކެއުމެއް ބޭނުންކުރި ނަމަވެސް، މުހިންމީ އެކަމަށް ބޭނުންވާ ބެލެންވެސް ގެންގުޅުމެވެ. ދުޅަހެޔޮ ހަށިގަނޑަކަށް ބޭނުންވާ އެހެންކަންކަމުން އެކަމަށް ބެލެންސް ހޯދުމަކީވެސް ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެހެން ނުވެއްޖެ ނަމަ ކުރީން ބުނި ފަދައިން މުސްކުޅިކަމުގެ އަލާމާތްތައް ފެންނާން ފެށުން އަވަސް ވާނެ އެވެ.