ރައްޔިތުންގެ މަޖިލިސް

މާވެޔޮ މިސްކިތް އަލުން ހުޅުވާނެ ދުވަހެއް ސާފުކުރަން އިސްލާމިކް މިނިސްޓަރާ މަޖިލީހުގައި މާދަމާ ސުވާލުކުރަނީ

އިބްރާހިމް ޒަކީ

މާފަންނު ކޯރުކެނޑި މަގުގައި ހުންނަ މާވެޔޮ މިސްކިތް މަރާމާތު ކުރުމަށްފަހު އަލުން، ހުޅުވުމާބެހޭގޮތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް، މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހުމަދު ޒާހިރުއާ ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

މިދިޔަ ހަފްތާގައި މަޖިލީހުގެ މުވައްޒަފަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވުމާ މުޅިގެން އެތަން ޑިސްއިންފެކްޓް ކުރުމަށްފަހު މާދަމާ ބާއްވާ ޖަލްސާގެ ފުރަތަމަ ކަމަކަށް އެޖެންޑާކޮށްފައި ވަނީ، މާވެޔޮ މިސްކިތް ހުޅުވުމާ ބެހޭގޮތުން މިނިސްޓަރާ ސުވާލު ކުރުމެވެ.

އެގޮތުން ރަމަޟާން މަސް ފެށުމުގެ ކުރިން މިސްކިތުގެ މަސައްކަތް ނިމި ރައްޔިތުންނަށް ބޭނުން ކުރަން ފެށޭނެތޯވެސް ހައިތަމް ގެ ސުވާލުގައި ހިމަނާފައި ވެއެވެ. ސުވާލުތަކަށް ބަލާއިރު ހީވަނީ އެ ސުވާލު ތަކަކީ މިދިތަ ރަމަޟާން މަހުގެ ކުރިން މިނިސްޓަރާ ސުވާލު ކުރެއްވުމަށް ފޮނުއްވާފައިވާ ސުވާލުތަކެއްގެ ގޮތުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޑައިރެކްޓާ އޮފް މީޑިއާ ހަސަން ޒިޔާއު "ވަންއޮންލައިން" އަށް ވިދާޅުވީ، ޑިސްއިންފެކްޓް ކުރުމަށްފަހު މަޖިލީހުގެ މަސައްކަތްތައް މިއަދު ކުރިއަށްދާ ކަމަށެވެ. އެގޮތުން މަޖިލިސް އިދާރާ ހުޅުވައި މުވައްޒަފުން މަޖިލީހަށް ހާޒިރުވެ މަސައްކަތްތައް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިން ދެ ބުރިޔަށް ހުރި މާވެޔޮ މިސްކިތް ތަޅާލައި، އެ ބިމުގައި އާ މިސްކިތެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، މި މިސްކިތް މިއަހަރު ހުޅުވާނެ ކަމަށް މިސްކިތް ހަދަމުން އަންނަ ފަރާތާ ހަވާލާދީ މީގެ ކުރިން ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައި ވެއެވެ.

މާވެޔޮ މިސްކިތް މިހާރު އިމާރާތް ކޮށްފައިވަނީ ހަ ބުރިއަށެވެ.

މި މިސްކިތުގައި އަންހެނުންނަށް ހާއްސަ ބުރިއެއްވެސް ހަމަޖައްސާފައި ވާއިރު، ހުރިހާ ބުރިޔަކަށް ދެވޭނެ ގޮތަށް ލިފްޓު ހަރުކޮށްފައި ވެއެވެ. މި މިސްކިތަކީ ކުރިން 400 މީހުންގެ ޖާގައިގެ މިސްކިތެކެވެ. ނަމަވެސް މިހާރު މި މިސްކިތުގައި އެއް ފަހަރާ 1،800 މީހުންނަށް ނަމާދު ކުރެވޭނެ އެވެ.