ޓުއަރިޒަމް

ހިތްހަމަޖެހުމެއް، ކޮވިޑް 19ގެ ނުރައްކާ ނެތްކަމަށް ޖަރުމަނުވިލާތުން ނިންމި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނައިފި

އަލީ ޔާމިން

ކޮވިޑް 19ގެ ނުރައްކާތެރިކަން އޮތް ގައުމުތައް ކަމަށް ޖަރުމަންވިލާތުން ނިންމި ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ފިޔަވައި މިސަރަހައްދުގެ ހުރިހާ ގައުމެއް ހިމަނައިފިއެވެ.

ހޯމަ ދުވަހު ރޮބަޓް ކޮޗް އިންސްޓިއުޓް (އާރްކޭއައި) އިން އާއްމު ކުރި ލިސްޓުގައި ޖަރުމަންވިލާތުގެ ފަތުރުވެރިން އެންމެ ގިނައިން ދަތުރު ކުރާ މަންޒިލްތައް ހިމަނާފައި ވެއެވެ. އެގޮތުން ތުރުކީ، މިސްރު، ތައިލެންޑް، މޮރޯކޯ އަދި އެމެރިކާއާ ފަދަ ގައުމުތައް ހިމަނާފައި ވެއެވެ. އަދި ބައެއްގައުމުތަކުގެ ސިޓީތައްވެސް ހިމަނާފައި ވެއެވެ. ކޮވިޑުގެ ހާލަތަށް ރިއާޔަތްކޮށް އެ ލިސްޓަށް ކުރިއަށް އޮތް ތާނގައި ބަދަލުތައް ގެންނާނެއެވެ.

ލިސްޓްގައި ހިމަނާފައި އޮތް އެއްވެސް ގައުމަކަށް ނުވަތަ ސިޓީއަކަށް ދަތުރު ކުރުމަށް ފަހު އެނބުރި ޖަރުމަންވިލާތައް ދަތުރުކޮށްފިނަމަ 14 ދުވަސް ވަންދެން ކަރަންޓީން ވާން ޖެހޭނެ ކަމަށް އެގައުމުގެ ސަރުކާރުން ބުނެއެވެ.

ކޮވިޑުގެ ނުރައްކާ ނެތް ގައުމެއްގެ ގޮތުގައި ޖަރުމަނުވިލާތުން ނިންމާފައިވަނީ ކޮންމެ 100،000 މީހެއްގެ އާބާދީއަކުން 50 މީހުންނަށްވުރެ މަދުން ހަފްތާއެއްގެ ތެރޭގައި ކޮވިޑަށް މީހުން ޕޮޒިޓިވް ވާ ނަމައެވެ. އެއަދަދަށް މީހުން ޕޮޒިޓިވް ނުވި ނަމަވެސް ކޮވިޑަށް ޓެސްޓް ކުރުން އެކަށީގެންވާ ވަރަށް ވުރެ މަދުނަމަ އެއީ ނުރައްކާތެރި ގައުމެއްގެ ގޮތުގައި ވަނީ ލިސްޓް ކޮށްފައެވެ.

ލިސްޓްގައި ނުހިމެނޭ ގައުމުތަކުގެ ތެރެއިން އީޔޫގެ ގައުމުތައް ފިޔަވައި އެހެން ގައުމުތަކަށް ދަތުރު ކުރުން އެއީ އެދެވިގެންވާ ކަމެއް ނޫން ކަމަށް ޖަރުމަންވިލާތުގެ ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް އެގައުމުތަކަށް ދަތުރުކުރުން މަނާކޮށްފައެއް ނުވެއެވެ.

ޖަރުމަނުވިލާތަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ގައުމެކެވެ. އެގޮތުން އަންނަ މަހު ރާއްޖެ އަލުން ފަތުރުވެރިކަމަށް ހުޅުވާލާއިރު، ރާއްޖެއަކީ ކޮވިޑުގެ ގެ ނުރައްކާ އޮތް ގައުމެއް ނޫންކަމަށް އެގައުމުގެ ސަރުކާރުން ނިންމާފައި އޮތުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ.

ކޮވިޑުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓުމަކަށް އައިސްފައިވާއިރު، މިއަހަރުގެ ބާކީ އޮތް މުއްދަތުގައި ހަތަރު ހައްކައެއްހާ ފަތުރުވެރިން ރާއްޖެ ގެނައުމަށް ވަނީ އަމާޒު ހިފައިފައެވެ.