އަންނަ މަހުގެ 11 އިން ފެށިގެން ސަޕޯޓަރުންނަށް ދަނޑަށް ވަދެވޭ ގޮތަށް ފްރާންސްގެ ސްޓޭޑިއަމްތައް ހުޅުވާލަން އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
ކޮވިޑް 19 އާ ގުޅިގެން މެދުކަނޑާލާފައިވާ ބައެއް ފުޓްބޯޅަ ލީގުތަކުގެ ކުޅުން އަލުން ފަށާފައިވާއިރު، މެޗުތައް ކުޅެމުން އަންނަނީ ސަޕޯޓަރުންނަށް ނުވައްދައެވެ. ސަޕޯޓަރުންނަށް ދަނޑަށް ވަދެވޭ ގޮތަށް މެޗުތައް ކުޅެން ފްރާންސްގެ ސަރުކާރުން ނިންމި ނަމަވެސް މެޗުތައް ބަލަން އެއްފަހަރާ ވަދެވޭނީ 5000 ސަޕޯޓަރުންނަށެވެ. އެގޮތަށް ނިންމާފައިވަނީ ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ދެމުން އަންނަ ލުއިތަކުގެ ތެރިން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ފްރާންސްގެ ސަރުކާރުން ބުނީ އޮގަސްޓް މަހުގެ ތެރޭގައި ބަލީގެ ހާލަތަށް އަންނަ ބަދަލުތައް ދިރާސާ ކުރުމަށްފަހު މިއަށްވުރެ އިތުރަށް ވެސް ސަޕޯޓަރުންނަށް ސްޓޭޑިއަމްތަކަށް ވަނުމުގެ ހުއްދަ ދޭނެ ކަމަށެވެ.
ފްރާންސްގެ ސަރުކާރުން މިދިޔަ އޭޕްރީލްގައި ނިންމާފައިވަނީ ކޮވިޑް ފެތުރެމުންދާތީ އަންނަ ސެޕްޓެމްބަރު މަހުގެ ކުރިން ކުޅިވަރުގެ އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދާ ގޮތަށެވެ. ނަމަވެސް އަންނަ ހޯމަ ދުވަހުން ފެށިގެން ބައެއް ކުޅިވަރުތައް ފެށުމަށް ސަރުކާރުން މިހާރު ވަނީ ހުއްދަ ދީފައެވެ.
އެހެން ބައެއް ގައުތަކުގައި ފުޓުބޯޅަ ލީގުތައް މިހާރު ފަށާފައިވާ އިރު ފްރެންޗް ކަޕާއި ލީގް ކަޕްގެ ފަސްކޮފައިވާ މެޗުތައް އަލުން ފަށާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ. މިހާރު ފަށާފައިވާ ފުޓުބޯޅަ މުބާރާތްތައް ކުރިޔަށް ދަނީ ސަޕޯޓަރުން ނުވައްދައެވެ.